މެންޗެސްޓާ ސިޓީ

ސިޓީން ޗެލްސީ އިނދަޖައްސާލައިފި

ޗެލްސީގެ މައްޗަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ހޯދައި، މެނެޗެސްޓާ ސިޓީން ޗެލްސީ އިނދަޖައްސާލައިފި އެވެ.

ސާޖިއޯ ކުން އަގުއޭރޯ ހެދި ހެޓްރިކާއެކު، ތަފާތު ބޮޑު ނަތީޖާއިން ޗެލްސީ ބަލިވެފައި ވުމުން، މި މެޗަކީ ވޭތުވެދިޔަ 28 އަހަރުތެރޭ އެ ޓީމު ބަލިވި އެންމެ ތަފާތު ބޮޑު މެޗެވެ. އޭޕްރީލް 1991 ގައި ނޮޓިންހަމްފޮރެސްޓުން ވަނީ 7-0 ން ޗެލްސީ ބަލިކޮށްފަ އެވެ.

އަގުއޭރޯ ޖެހި ތިން ލަނޑުގެ ތެރެއިން ތިން ވަނަ ލަނޑަކީ، ޕެނަލްޓީ އަކުން ކާމިޔާބު ކުރި ލަނޑެކެވެ. ފުރަތަމަ ހަތަރު ލަނޑު ސިޓީން ކާމިޔާބު ކުރީ، މެޗުގެ ފުރަތަމަ ހާފުގަ އެވެ. މެޗު ފެށިގެން އެންމެ ހަތަރު މިނެޓް ތެރޭ، ރަހީމް ސްޓާލިން ވަނީ ޗެލްސީގެ ގޯލް ހުޅުވާފަ އެވެ. އޭނާ ހުޅުވާލަދިން ގޯލާއެކު މެޗުގެ ފުރަތަމަ 30 މިނެޓާ ޖެހުމުގެ ކުރިން، ސިޓީން ވަނީ ހަތަރު ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ސިޓީގެ ދެ ވަނަ ލަނޑު އަގުއޭރޯ ކާމިޔާބު ކުރީ 13 ވަނަ މިނެޓްގަ އެވެ. ތިން ވަނަ ލަނޑު އޭގެ ހަ މިނެޓް ފަހުންނެވެ. ހަތަރު ވަނަ ލަނޑު 25 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ގުންޑޯގަންއެވެ. ދެ ވަނަ ހާފުގައި ކާމިޔާބު ކުރި އަނެއް ދެލަނޑު، އަގުއޭރޯ ޕެނަލްޓީން ކާމިޔާބު ކުރި އެވެ. އަނެއް ލަނޑު 80 ވަނަ މިނެޓްގައި ސްޓާލިން އެވެ. އަގުއޭރޯގެ ހެޓްރިކާއެކު އޭނާ ވަނީ ޕްރިމިއާ ލީގްގައި އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.

މޮޅާއެކު، ސިޓީ ވަނީ އަނެއްކާވެސް ތާވަލުގެ އެއް ވަނައަށް ޖެހިލާފަ އެވެ. އެއީ ލިވަޕޫލާ އެއް އަދަދަކަށް ޕޮއިންޓް ހޯދައި ލަނޑުގެ ތަފާތުން ކުރި ލިބުމުންނެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން، ޗެލްސީގެ ކޯޗް މައުރީޒިއޯ ސާރީ ބުނީ، މެޗުގެ ނަތީޖާމަތިން ހަނދާން ނައްތާލަން އުނދަގޫވާނެ ކަމަށެވެ.

"މިކަހަލަ މެޗުތައް އަބަދުހެން ފާހަގަ ކުރެވޭނެ، މި މެޗުގެ މަތިން ހނދާންނައްތާލަން އުނދަގޫވާނެ،" މެޗަށް ފަހު ވާހަކަ ދައްކަމުން ސާރީ ބުންޏެވެ. "ފުޓްބޯޅައިގައި ބޮޑެތި ބަލިތައްވެސް ވާނެ، ހާފް ޓައިމްގައި އަހަރެން ކުޅުންތެރިން ގާތު ބުނީ އަހަރެމެންނަށް ރަނގަޅަށް ކުޅެވިއްޖެއްޔާ ކުރިއަށްވުރެ މާ ވަރުގަދަކޮށް އެނބުރިއާދެވޭނޭ."