ހަބަރު

ގުޅުން ބަދަހިވާ ކޮންމެ ކަމެއްގައި ރާއްޖެއަށް އެހީވާން ތައްޔާރު: އިޓަލީ

ރާއްޖެ އާއި އިޓަލީގެ ގުޅުން ވަރަށް ރަނގަޅު ކަމަށާއި ދެގައުމުގެ ގުޅުން ބަދަހިވާނެ ކޮންމެ ކަމެއްގައި އެހީވާން އިޓަލީގެ ސަރުކާރުން ތައްޔާރަށް އޮތް ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ސަފީރު ޖޫލިއާނާ މަންނޭލާ ވިދާޅުވެއްޖެ އެވެ.

ފ. މަގޫދޫގައި ގާއިމްކޮށްފައިވާ އިޓަލީގެ މަޝްހޫރު މިލާނޯ ބިކޯކާ ޔުނިވާސިޓީއަށް 10 އަހަރު ފުރުމާއި ގުޅިގެން މިއަދު މާގިރި ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖޫލިއާނާ ވިދާޅުވީ، ރާއްޖެ އާއި އިޓަލީއާ ދެމެދު އޮންނަނީ ވަރަށްވެސް ބަދަހި ގުޅުމެއް ކަމަށާއި ރާއްޖޭގައި ގާއިމްކުރެވުނު ބިކޯކާ އައުޓްޕޯސްޓްގެ ސަބަބުން އެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށެވެ.

"ރާއްޖެ އާއި އިޓަލީގެ ގުޅުން ބަދަހިވާނެ ކޮންމެ ކަމަކަމަށް އެހީތެރިވުމަށް އިޓަލީގެ ސަރުކާރު އޮތީ ތައްޔާރަށް،" ޖޫލިއާނާ ވިދާޅުވި އެވެ.

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވީ، މިލާނޯ ބިކޯކާ ޔުނިވާސިޓީގެ ފަރާތުން މަގޫދޫގައި ގާއިމް ކޮށްފައިވާ ކެމްޕަސް އިން ހިންގާ ޕްރޮގްރާމް ތަކުގެ ސަބަބުން ރާއްޖެއަށް ވަރަށް ގިނަ ފައިދާތައްކުރާ ކަމަށެވެ. ހާއްސަކޮށް މަގޫދޫ ރައްޔިތުންނަށް ވަރަށް ގިނަ ފައިދާތައް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ދެގައުމުގެ ގުޅުން ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން ބަދަހިވެފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި މަގޫދޫގައި ގާއިމްކޮށްފައިވާ މިލާނޯ ބިކޯކާ ޔުނިވާސިޓީގެ ކެމްޕަހަކީ ދެގައުމުގެ ގުޅުމުގެ ލާމަސީލު މިސާލެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.