ބޮލީވުޑް

އިޖިޕްޓު ފިލެމެއްގެ ރީމޭކް ގެނެސްދޭން ބޮނީ ތައްޔާރު

ފިލްމު ޕްރޮޑިއުސަރު ބޮނީ ކަޕޫރު ސިނަމާއާ ދުރުގައި ދުވަސްތަކެއް އުޅުމަށްފަހު އަނެއްކާވެސް ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ. މިފަހަރު ހިންދީ ސިނަމާއަށް ގެނެސްދެނީ އިޖިޕްޓު ފިލްމެއްގެ ރީމޭކް އެކެވެ.

ބޮނީ ކަޕޫރު ފިލްމީ ދާއިރާ އާ ދުރަށް ޖެހުނީ އަންހެނުން އަދި ބޮލީވުޑްގެ މަގުބޫލު ބަތަލާ ސްރީ ދޭވީގެ މަރުގެ ހާދިސާއަށް ފަހު އެވެ. އެންމެ ފަހުގެ ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި މިހާރު ބޮނީ އަންނަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. ހިންދީ ފިލްމު "ޕިންކް"ގެ ސައުތު ރީމޭކް އެއް އުފައްދާނެ ކަމުގެ ހަބަރު ދިނުމަށްފަހު ބޮނީ މިހާރު މަސައްކަތް ކުރަނީ އިޖިޕްޓު ފިލްމެއްގެ ރީމޭކް ބޮލީވުޑްއަށް ގެނެވޭތޯ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ފިލްމަކީ "ހެޕްޓާ-ދަ ލާސްޓް ލެކްޗާ" ކިޔާ ލޯބީގެ ފިލްމެކެވެ. ވާހަކައަކަށް ބިނާ ކޮށް އުފައްދާފައިވާ މި ިފލްމަކީ ލޯބީގެ އެކި ސްޓޭޖުތައް ދައްކުވައިދޭ ފިލްމެކެވެ. އިޖިޕްޓު ސިނަމާގައި މި ފިލްމަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މިއީ ލޯބީގެ ފިލްމުތަކުގެ ތެރެއިން އިޖިޕްޓުގައި އެންމެ މަޝްހޫރު އެއް ފިލްމެވެ.

މި ފިލްމު އުފެއްދުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބޮނީ ބުނެފައިވަނީ އިންޑިއާ އާއި އިޖިޕްޓުގެ ސަގާފަތަކީ ވަރުގަދަ، "އިންފްލުއެންސިވް" ސަގާފަތެއް ކަމަށާއި މިއީ އަދި ފެށުން ކަމުގައިވިޔަސް، މި ފިލްމަށްފަހު އިޖިޕްޓުގެ އިތުރު ފިލްމުތައްވެސް ބޮލީވުޑްއަށް ގެނެވޭނެ ކަމަށެވެ.

މި ފިލްމުގެ ރީމޭކް ޕްރޮޑިއުސްކޮށް ގެނެސްދޭނީ ބޮނީ ކަޕޫރުގެ ބޭވިއު ޕްރޮޖެކްޓްސް އިންނެވެ. އަދި ކޯ-ޕްރޮޑިއުސް ކުރާނީ ފްރެޝް ލައިމް ފިލްމްސް އިންނެވެ.