ހޮލީވުޑް

"އެލާޑިން"ގެ އާ ޓްރެއިލާއިން "ޖީނީ"އަށް މަލާމާތް

ނަވާރަސަތޭކަ ނުވަދިހަ ދެވަނަ އަހަރު ޑިޒްނީއިން އުފެއްދި އެލާޑިން ކާޓޫނުގެ ރީމޭކް ފިލްމު އެލާޑިންގެ ފުރަތަމަ ޓްރެއިލާ ނެރެފި އެވެ. އެލާޑިން ކާޓޫނަށް ލޯބި ކުރި ބެލުންތެރިން ކެތްމަދުވެފައި ތިބި އެލާޑިން ފިލްމުގެ ޓްރެއިލާއަށް ފަހު ބެލުންތެރިންގެ ހިތް މަރު ވެއްޖެ އެވެ.

ފިލްމުގެ ފުރިހަމަ ޓްރެއިލާ އެއް ނުނެރެ ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުގައި ބެހެއްޓުމަށްފަހު ޓްރެއިލާ ދޫކޮށްލުމުން ބެލުންތެރިންގެ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވި އެވެ. ބެލުންތެރިން އެންމެ ފުރަތަމަ ވެސް އަޅައިގަތީ މި ފިލްމުގައި އަދި ކާޓޫނުގައިވެސް ނުބައި ރޯލު ކުޅޭ އަދި ޑިޒްނީ ވިލަންސް ގެ ތެރެއިން އެންމެ "ނުބައި" ވިލަން ޖަފާރްގެ ހުރި ހިމަ އަޑަށެވެ.
ކާޓޫނުގައި ވެސް ޖަފާރްގެ އަޑަކީ ވަރުގަދަ އަޑެކެވެ. ފިލްމުގެ ޓްރެއިލާ އިން ޖަފާރް އިވެނީ ވަރަށް އޯގާތެރި އަޑެއްގެ ގޮތުގައި ކަމަށް ގިނަ ބަޔަކު ބުނެ ދަނީ ފާޑު ކިޔަމުންނެވެ. އަދި މިއީ ވިލަން އަކަށް އެންމެ އެކަށޭނަ އަޑު ނޫން ކަމަށާއި މީހާގެ އެކްޓިން އާ އެއްވަރަށް އަޑުވެސް މުހިއްމު ރޯލެއް ކުޅޭ ކަމަށް ބުނެ އެވެ.

އެލާޑިންގެ ޓްރެއިލާ

ދެވަނަ ކަމަކަށް ބެލުންތެރިން ފާހަގަކޮށްފައިވަނީ ފިލްމުގައި އެލާޑިން އަދި ޖޭސްމިން ނެގުމަށްފަހު ލީޑް ރޯލަކުން ފެންނާނެ ޖީނީ އަށެވެ. ޓްރެއިލާގައި ޖީނީ ދައްކުވައިދީފައިވަނީ ވަރަށް "ހަޑި"ކޮށް ކަމަށާއި އެއަށް ވުރެ މޮޅު ގޮތަކަށް ގެނެވިދާނެ ކަމަށް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ބުނެ އެވެ. "އެލާޑިން"އަށް ލޯބި ކުރާ މީހުން ބުނި ގޮތުގައި ޖީނީ ބޮޑަށް ވައްތަރު ވަނީ، "ޝްރެކް"ގައިގައި ނޫ ކުލަ ޖެއްސުމުން ހުންނާނެ ގޮތަށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ޖޯކު ޖަހަމުންނެވެ.

މި ދެ ކެރެކްޓާއަށް ލިބުނު ފާޑު ކިޔުމާ އެއްވަރަށް ފިލްމުގައި އެލާޑިން އަދި ޖޭސްމިންގެ ފެނިލުން ކަމުދާ ކަމަށްވެސް އެކި ފަރާތްތަކުން ބުނެ އެވެ. އަދި ބައެއް މަންޒަރުތަކުން ހީވަނީ އަސްލު ކާޓޫނު ފެންނަހެން ކަމަށް ބުނެ ތައުރީފުވެސް ވަނީ ކޮށްފަ އެވެ.

ޑިޒްނީ އިން ނެރޭ ލައިވް އެކްޝަން ފިލްމުގެ ޓްރެއިލާ ޔޫޓިއުބް އަށް އަޕްލޯޑް ކުރުމާއެކު ތިން މިލިއަނަށް ވުރެ ގިނަ މީހުން ބެލިއަސް، މި ޓްރެއިލާއަށް ލައިކްސް އަށްވުރެ ގިނައިން ލިބިފައި ހުރީ ޑިސްލައިކްސް އެވެ. ޑިޒްނީ ފިލްމެއްގެ ޓްރެއިލާއަށް 38ހާސް މީހުން ޑިސްލައިކް ލިބުމަކީ ޑިޒްނީގެ އަގު ވެއްޓޭ ކަމެއް ކަމަށް ހޮލީވުޑްގެ ނޫސތަކުން ބުނެ އެވެ.

އެލާޑިން ކާޓޫނަށްފަހު 26 އަހަރުފަހުން ޑިޒްނީއިން ލައިވް އެކްޝަން ފިލްމު ގެނެސްދޭއިރު، އެލާޑިންގެ ރޯލުން ފެންނާނީ މުޅިން އަލަށް ފިލްމަކުން ފެނިގެންދާނެ މިސްރުގެ އެކްޓަރު މީނާ މަސްއޫދު އެވެ. އަދި ޕްރިންސަސް ޖޭޒްމިން ގެ ރޯލުގައި ނައޯމީ ސްކޮޓް އެވެ.
ޓްރެއިލާއިން އެންމެ ގިނަ ފާޑުކިޔުން އަމާޒުވި ޖީނީގެ ރޯލުން ފެނިގެންދާނީ އެކްޓަރު އަދި ރެޕާ ވިލް ސްމިތު އެވެ. އަދި ނުބައިބައި ޖަފަރގެ ރޯލުން ފެނިގެންދާނީ ތޫނިސްގެ އެކްޓަރު މަރްވާން ކެންޒަރީ އެވެ. އެކްޓަރުން ހޮވާފައިވަނީވެސް ކާޓޫނުގެ އަސްލު ނުގެއްލޭ ގޮތަށް ކަމަށް ޑިޒްނީ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މޭ މަހުގެ 24 ގަ އެވެ.