މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭ ކަމަށް ބުނެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަޒީފާ އިން ވަކިކުރި ޓީޗަރުންނަށް އަލުން ވަޒީފާ ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަހަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މީހަކު އަޅާ ހެދުމެއްގެ ސަބަބުން ނުވަތަ އެ މީހަކު ހުންނަ ގޮތަކުން، މުވައްޒަފެއް ވަޒީފާއިން ވަކި ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި، މޫނު ބުރުގާ އަޅައިގެން ނުވަތަ މޫނު ބުރުގާ ނާޅާ ތިބޭ ޓީޗަރުންނަށް ވެސް ތަފާތެއް ނެތި ސުކޫލްތަކުން މިހާރު ވަޒީފާ ހަމަޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އައި އެފަދަ މައްސަލަތައް މިހާރު ވަނީ ހައްލުކޮށް، ވަޒީފާ އަލުން އެބޭފުޅުންނަށް އިޔާދަ ކޮށްދީފައި. އަދި އިތުރަށް މޫނު ބުރުގާ އަޅާއިގެން އާ ވަޒީފާތަކަށް ވަންނަ ބެނުންވާ ފަރާތްތަކަށްވެސް އެކަން ހަމަޖައްސައި ދީފައި ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މޫނު ބުރުގާ އަޅައިގެން ސްކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންނަށް މިނިސްޓްރީ އިން ޝަރުތެއް ކަނޑައަޅާފައިވާ ކަމަށެވެ. އެއީ، މޫނު ބުރުގާ އަޅައިގެން ކްލާސްތަކަށް ގޮސް ކިޔަވައިދޭއިރު ދަރިވަރުންނަށް އެއީ ކާކުކަން އަންގައިދިނުމެވެ.
ކުރީގެ ސަރުކާރުގައި މޫނު ބުރުގާ އަޅައިގެން ސަރުކާރު ސްކޫލުތަކުގައި ކިޔަވައިދެއްވި ބައެއް ޓީޗަރުން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އެކަން ކުރީ ދަރިވަރުންނާއި ބައެއް ބެލެނިވެރިންގެ ޝަކުވާ ލިބޭ ކަމަށް ބުނެ އެވެ.