ހަބަރު

ބަންގްލަދޭޝް މީހުން ރާއްޖެ ނައުމަށް އިލްތިމާސްކޮށްފި

Feb 13, 2019
14

ރާއްޖޭގައި ވަޒީފާތައް މަދުވެފައިވާކަމަށް ބުނެ، ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެއަށް ނައުމަށް އެ ގައުމުން އިލްތިމާސްކޮށްފި އެވެ.

ބަންގްލަދޭޝްގެ "ނިއު އޭޖް" ނޫހުން ބުނި ގޮތުގައި، ވަޒީފާ އަދާކުރަން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް އެ ގައުމުގެ ވެލްފެއާ އެންޑް އޮވާސީސް އެމްޕްލޯއިމަންޓް މިނިސްޓްރީން އެ ގޮތަށް އިލްތިމާސް ކޮށްފައިވަނީ، ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނުން ދިން މައުލޫމާތެއްގެ މައްޗަށް ކަމަށެވެ.

މިހާރުވެސް އެތަކެއް ބަންގްލަދޭޝް ރައްޔިތުންތަކެއް ރާއްޖޭގައި ވަޒީފާނެތި ތިބިކަމަށް ހައިކޮމިޝަނުން މައުލޫމާތުދީފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

"އަހަރެމެންގެ މަސައްކަތްތެރިން ރާއްޖެ ދިޔުން މިހާރުން މިހާރަށް ހުއްޓާލަންޖެހޭ،" އެމްޕްލޯއިމަންޓް މިނިސްޓްރީގެ އޮފިޝަލުންނާއި ހަވާލާދީ ނޫހުން ބުންޏެވެ.

އަދި ބަންގްލަދޭޝް މީހުން ރާއްޖެ ނުފޮނުވުމަށް ވެސް އެ ގައުމުގައި ހަރަކާތްތެރިވާ ރެކްރޫމަންޓް އޭޖެންސީތަކަށް ވެސް ވަނީ އަންގާފައި އެވެ.

ވޯކް ވިސާގައި 144،607 ބިދޭސީން ރާއްޖެ ގެނެސްފައިވާ ކަމަށާއި އޭގެ ތެރެއިން 63،000 ބިދޭސީން ގަވައިދާ ހިލާފަށް އުޅެމުންދާކަމަށް އިމިގްރޭޝަނުން ދާދި ފަހުން ވަނީ ބުނެފަ އެވެ.

އެ މައްސަލަ ހައްލުކުރުމުގެ ގޮތުން، ރާއްޖެއަށް ބިދޭސީއިން އެތެރެ ކުރުމުގެ ކަންކަން އިމިގްރޭޝަން އަތުން ނަގައި، އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.

އެ ބަދަލު ގެނައީ ލޭބަ އެންޑް އެންޕްލޯއިމެންޓް މެންޑޭޓްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން، ބިދޭސީ މަސައްކަތްތެރީން ރާއްޖެއަށް އެތެރެވުމަށް ހުއްދަ ދިނުމާބެހޭ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސަރުކާރުން ނިންމާފައިވަނީ އިމިގްރޭޝަންއިން މިހާރު ދެމުންގެންދާ ބައެއް ހިދުމަތްތައް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް، އަންނަ މާޗް މަހުގެ ތެރޭގައި ބަދަލުކުރުމަށެވެ.