ހަބަރު

ގައުމަށް ދާން ބޭނުންވަނީ ވަޒީފާނެތް ބިދޭސީންތޯ ބަލަނީ

ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލެއް ނެތި، ގަވައިދާ ހިލާފަށް، ރާއްޖޭގައި މަސައްކަތްކުރަމުންދާ ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީ މީހުންގެ ތެރެއިން ގައުމަށް އެނބުރި ދިޔުމަށް ބޭނުންވާ މީހުންނަކީ ސައްހަ އެޕްރޫވަލެއްގައި ތިބި މީހުންތޯ ބަލަން އިކޮނޮމިކް މިނިސްޓްރީން އެމީހުންގެ މައުލޫމާތު އާންމުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސައްޙަ އެމްޕްލޯޢިމެންޓް އެޕްރޫވަލެއް ނެތި، ގަވާއިދާ ހިލާފަށް، ރާއްޖޭގައި މަސައްކަތްކުރަމުންދާ ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީ ފަރާތްތަކުގެ ތެރެއިން ގައުމަށް އެނބުރި ދިޔުމަށް ބޭނުންވާ ފަރާތްތައް ގައުމަށް ފޮނުވައި ދިނުމަށްޓަކައި ބަންގްލަދޭޝް ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ހިންގަމުންދާ "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ދިޔުމަށް އެދި ސައްހަ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއްގައި ތިބި ގިނަ ބިދޭސީ ފަރާތްތަކަކުން ހުށަހަޅާމުންދާ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވަނީ ގައުމަށް އެނބުރި ދިޔުމަށް އެދި ހުށަހަޅަމުން ދަނީ، ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލެއްގައި ތިބި ނަމަވެސް އެ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތްތަކުގެ ވަޒީފާތަކުގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް ނޫންކަމުގައި ބަޔާންކޮށް ކަމަށެވެ.

އިކޮނޮމިކް މިނިްސްޓްރީން ވަނީ ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއްގައި ތިބި ނަމަވެސް އެ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މިވަގުތު މަސައްކަތްކުރަމުންދާ ފަރާތްތަކެއް ނޫންކަމުގައި ބަޔާންކޮށް، "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ދިޔުމަށް އެދި ހުށަހަޅާފައިވާ ބިދޭސީންގެ މައުލޫމާތުވެސް އާންމު ކޮށްފަ އެވެ.

އެހެންކަމުން އާންމުކޯށްފައިވާ ލިސްޓްގައި ހިމެނޭ ބިދޭސީ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް ކަމުގައިވާނަމަ، އެކަން މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން އީމެއިލްއަކުން [email protected] އެކަން މިނިސްޓްރީއަށް އެންގުމަށް ވަނީ އެދިފަ އެވެ.

އަދި މި އީމެއިލްގައި ބިދޭސީ ފަރާތުގެ ފުރިހަމަ ނަމާއި، ޕާސްޕޯޓު ނަންބަރާއި އަދި ވަޒީފާ ދޭ ފަރާތުގެ މައުލޫމާތު ހިމަނަންޖެހެ އެވެ.

މީގެ އިތުރަށް އެ މިނިސްޓްރީން ބުނީ މި މުއްދަތުގައި ވަޒީފާ ދޭ ފަރާތުން އެ މިނިސްޓްރީއަށް އަންގާފައި ނުވާ، ލިސްޓްގައި ހިމެނޭ ބިދޭސީ ފަރާތްތައް "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ފޮނުވައި ލާނެ ކަމަށެވެ.