ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއްގައި ތިބި ނަމަވެސް، އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތްތަކުގެ ވަޒީފާތަކުގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް ނޫންކަމަށް ބަޔާންކޮށް އެނބުރި ގައުމަށްދާން ބޭނުންވާ ބިދޭސީންތަކެއްގެ މައުލޫމާތު ފޯރުކޮށްދޭން އިކޮނޮމިކް މިނިސްޓްރީން އެ ކުންފުނިތަކަށް އަންގައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީ ފަރާތްތަކުގެ ތެރެއިން ގައުމަށް އެނބުރި ދިޔުމަށް ބޭނުންވާ ފަރާތްތައް ގައުމަށް ފޮނުވައި ދިނުމަށްޓަކައި ބަންގްލަދޭޝް ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ހިންގަމުންދާ "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ދިޔުމަށް އެދި ސައްހަ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއްގައި ތިބި ގިނަ ބިދޭސީ ފަރާތްތަކަކުން ހުށަހަޅުމުންދާ ކަމަށެވެ.
އެ ފަރާތްތަކުން ގައުމަށް އެނބުރި ދިޔުމަށް އެދި ހުށަހަޅަމުން ދަނީ، ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއްގައި ތިބި ނަމަވެސް އެ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތްތަކުގެ ވަޒީފާތަކުގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް ނޫންކަމުގައި ބަޔާންކޮށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން، އަނބުރާ ގައުމަށްދާން ބޭނުންވާކަމަށް ބުނެ ހުށަހަޅާފައިވާ ޖުމްލަ 251 މީހެއްގެ މައުލޫމާތު، އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތްތަކުގެ ނަމާއެކު އެ އިއުލާނުގައި ވަނީ އާއްމުކޮށްފަ އެވެ.
މިނިސްޓްރީން ވަނީ އެ ލިސްޓްގައި ހިމެނޭ ބިދޭސީ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް ކަމުގައިވާނަމަ، އެކަން ބަޔާންކޮށް އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން [email protected] އަށް އީމެލް މެދުވެރިކޮށް ހުށަހެޅުމަށް އަންގައިފަ އެވެ.
އަދި މި މުއްދަތުގައި ވަޒީފާ ދޭ ފަރާތުން އަންގާފައި ނުވާ، މި ލިސްޓްގައި ހިމެނޭ ބިދޭސީ ފަރާތްތައް "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އަނބުރާ ފޮނުވައި ލެވޭނެ ކަމަށް މިނިސްޓްރީން އިތުރަށް ބުންޏެވެ.
ކޮވިޑް-19 އާ ގުޅިގެން މިހާރު ވެސް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ރާއްޖެ ދޫކޮށް ގޮސްފަ އެވެ. ގަވައިދާ ހިލާފަށް އުޅުނު މީހުން ވެސް ހިމެނޭ ގޮތުން އެ އަދަދު 4000 އަށްވުރެ މައްޗަށް އަރަ އެވެ.
އެގޮތުން، އަމިއްލަ ގައުމަށް ދާން ބޭނުންވާ ބިދޭސީންގެ ތެރެއިން އަތުގައި މުއްދަތު ހަމަ ނުވާ ޕާސްޕޯޓެއް އޮތް، އެކި ސަބަބުތަކާހުރެ ރާއްޖެއިން ނުދެވިފައި ތިބި މީހުންނަށް ފަސޭހައެއް އިންތިޒާމެއް އިމިގްރޭޝަނުން ވަނީ ހަމަޖައްސައިފަ އެވެ.