ބޮލީވުޑް

"ދިލް"ގެ ސީކުއެލްގައި އާމިރް އާއި މަދޫރީތަ؟

ނުވަދިހައިގެ އަހަރުތަކުގައި އާމިރް ޚާނާއި މަދޫރީ އެކުގައި ފެނުނު ލޯބީގެ ފިލްމު "ދިލް" ގެ ދެވަނަ ބައެއް އުފައްދަން އުޅޭ ކަމަށް ބޮލީވުޑްގެ ހަބަރުތަަކުން ބުނެފި އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނި ގޮތުގައި މި ފިލްމު އުފައްދުމުގެ މަސައްކަތްތައް މިހާރު އަންނަނީ ފައިނަލް ކުރަމުންނެވެ. އަދި މި ފިލްމުގައި އާމިރް އާއި މަދޫރީގެ ޖޯޑު ފެންނާނެ ކަމުގެ ޔަގީންކަން އަދި ނުދިނަސް މި ފިލްމުގެ ކުޑަ ރޯލަކުން ނަމަވެސް، މި ދެ ތަރިން އަލުން ފެންނާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރެ އެވެ.

މި ފިލްމަކީ އެ ދުވަސްވަރު ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރުކަން ލިބުނު ފިލްމެކެވެ. މި ފިލްމުގައި މި ޖޯޑު އޮން ސްކްރީނުގައި ދެއްކި ކެމިސްޓްރީއަށް ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފަ އެވެ. އަދި "ދިލް އަގެއިން" އިންވެސް މި ޖޯޑު ފެނުން އެއީ މި ފިލްމަށް ދެވޭ ޓްރިބިއުޓް އަކަށް ވާނެ ކަމަށް ސޯޝަލް މީޑިއަގައި މި ފިލްމަށް ލޯބި ކުރާ ފަރާތްތަކުން ބުނެ އެވެ.

ފިލްމުގެ ޑައިރެކްޓަރު އިންދްރާ ކުމާރު އިންޑިއާގެ ނޫހަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި މި ފިލްމުގެ ދެވަނަ ބައެއް އުފެއްދުމުގެ ހިޔާލު ގެންގުޅޭތާ މިހާރު ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށާއި "ދިލް އަގެއިން" ވަރަށް އަވަހަށް ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށެވެ. އަދި މި ފިލްމުގެ ސްކްރިޕްޓު މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ޑައިރެކްޓަރު ބުނެފައިވަނީ މި ފިލްމުގެ ކާސްޓިން އަދި ނުފެށިއަސް ފިލްމުގައި ފެންނާނީ ޒުވާން ދެ އެކްޓަރުން ކަމަށެވެ. އަދި ފުރަތަމަ ފިލްމުގައި ފެނުނު އާމިރް އާއި މަދޫރީ ދެވަނަ ފިލްމުގައި ހާއްސަ ފެނިލުމަކުން ވިޔަސް ފެންނާނެ ކަމަށް ޑައިރެކްޓަރު ނުބުނެ އެވެ.