ލައިފްސްޓައިލް

ފުރަތަމަ ކުއްޖާއަށް ކޮއްކޮއެއްގެ އުފާ ހޯދައި ދިނުން!

ދެމަފިރިއަކަށް އެންމެ އުފާވެރި ހަބަރަކަށް ވާނީ ކުއްޖެއް ލިބޭ ކަމުގެ ހަބަރެވެ. ދެވަނަ ކުއްޖަކަށް ބަނޑުބޮޑުވުމުން އެ އުފާވެރިކަން ދެގުނަ އިތުރުވާނެ އެވެ. ފުރަތަމަ ލިބުނު ކުއްޖާއާ އެކުގައި ބޮޑު ކުރެވޭނެ ކޮއްކޮއެއް ލިބޭތީ ލިބޭ ހިތްހަމަޖެހުމާއި އުފާވެރި ކަމެވެ. އަދި ކުޑަ ކުޑަ ދެ ކުދިންނާއެކު ގޭތެރޭގެ މާހައުލު ބަދަލުވެގެންދާނެ ގޮތުގެ ހުވަފެންތައް ފެންނަން ފަށާނެ އެވެ.

ދެވަނަ ކުއްޖަކަށް އިންތިޒާރުކުރާއިރު ވާ ތައްޔާރީ ތަކަކީ ފުރަތަމަ ކުއްޖާއަށްވުރެ ތަފާތު ތައްޔާރީ އެކެވެ. ދެވަނަ ކުއްޖަކު އަންނަން އުޅޭ ކަމުގެ އިހުސާސް ފުރަތަމަ ދަރިފުޅަށް ކުރެވޭނީ ތަފާތު ގޮތަކަށެވެ. ކޮންމެ ކުޑަ ކުއްޖަކުވެސް ބޭނުންވާނީ އެންމެ ލޯބިވާ، އެންމެ ގާތް މީހާގެ ގޮތުގައި އޭނާގެ މަންމަ އެވެ. އަދި މަންމަ އެހެން ކުއްޖަކާއެކު "ޝެއާ" ކުރަން ޖެހުމަކީ އެކުދިންނަށް ގަބޫލު ކުރަން އުނދަގޫ ވާނެ ކަމެކެވެ. ހާއްސަކޮށް ކުޑަކުދިންގެ ޅަ ސިކުނޑި އަށެވެ. މި މައްސަލަަ ދިމާވުމުގެ ކުރިން ހައްލު ކުރެވޭނެ ގޮތެއް ހޯދަމާ ހިނގާށެވެ؟

ވަގުތު ޖެހުމުން ގަބޫލު ކުރާނެ ކަމަށް ނުވިސްނާ!

ވިހެއުމުން ފުރަތަމަ ކުއްޖާ ބާކީ ވާނެ ކަމުގެ އިހުސާސް ކުރެވޭނީ އެ ކުއްޖާ އަށެވެ. ދެމަފިރިންނަކަށް ނޫނެވެ. އަދި އާއިލާގެ ފަރާތުން އެ ކުއްޖާ ބާކީ ވާނެ ކަމަށް ބުނެ، ދިމާކޮށް މާލާމާތް ކޮށް ހެދުމުގެ ބަދަލުގައި އެ ހާލަތުގެ އުފާވެރިކަން ވިސްނައިދޭށެވެ. އަދި އާއިލާއަށް އިތުރުވާ ކޮއްކޮގެ ކަންކަމުގައި އަމިއްލަ އަށް ބައިވެރިވާނެ ކަމަށް ހީ ކުރުމުގެ ބަދަލުގައި އެ އުފަލުގައި ކުރިން ފަށައިގެން ބައިވެރި ކުރާށެވެ. އެފަދަ ގޮތަކަށް ކަންތައް ކުރުމުން، ވަގުތު ޖެހުމުގެ ކުރިން ގަބޫލު ކުރަންވެސް ފަސޭހަވާނެ އެވެ.

ވާހަކަ ދައްކާ!

މިއީ ކިތަންމެ ފަސޭހަ ކަމެއްގެ ގޮތުގައި ހީ ވިއަސް ވާހަކަ ދައްކަން ފެށުމުން މިކަމުގެ ހުރި ބުރަ އިހުސާސް ވާނެ އެވެ. ކުޑަކުއްޖެއްގެ ސިކުނޑީގައި އެވަގުތު އެނބުރޭ ހިޔާލުތައް ދެނެގަންނަން ފަސޭހަ ނުވިޔަސް ގިނަ ގިނައިން ވާހަކަ ދައްކާ އެކުދިންނާއެކު ވަގުތު ހޭދަ ކުރުމުން އެކުދިން ކިޔައިދޭކަށް ފަހެއް ނުޖެހޭނެ އެވެ. އަދި، އެކުދިންނަކީ މަންމައަށް ކިހާ މުހިއްމު ކުއްޖެއް ކަން ބުނެދީ، ވިހެއުމުގެ ކުރިންވެސް ބާކީ ވިޔަ ނުދޭށެވެ. އަދި ދެ ކުދިންނަކީ ވެސް މަންމަގެ ރަންދަރީގެ ގޮތުގައި ބުނެދޭށެވެ.

ތައްޔާރީތަކުގައި ބައިވެރި ކުރޭ!

ވިހެއުމުގެ ކުރިންވާ ތައްޔާރީތަކުގައި ދެމަފިރިން އަދި އާއިލާގެ އިތުރުން ފުރަތަމަ ކުއްޖާވެސް ބައިވެރި ކުރުމަކީ ވަރަށް މުހިއްމު ކަމެކެެވެ. ކުއްޖާއަށް ކިޔާނެ ނަމަކާއި ހެދުން ފައިވާން އަދި ބާލީސް ފަދަ އެއްޗެހި ހޯދުމުގައި އެކުދިންގެ ވެސް ހިޔާލު ހޯދާށެވެ. އެކަންކަމުގައި ބައިވެރިވީ ވަރަކަށް ބަނޑުގައި އޮތް ކުއްޖާ އާ ގާތް ގުޅުމެއް އުފެދޭނެ އެވެ.

ވިސްނައިދިނުމުގައި ތަފާތު އުކުޅުތައް ބޭނުން ކުރޭ!

އެކި ކުދިންނަށް ވިސްނޭނީ އެކި ގޮތަށެވެ. އާއިލާ އަށް އިތުުރު މެންބަރެއް އަންނާނެ ކަމުގެ ހަބަރު ދިނުމުގައި ވެސް ތަފާތު ގޮތަކަށް ބުނާށެވެ. ބައެއް ކުދިންނަށް އެއްޗެހި ވިސްނޭނީ މިސާލު ދެއްކުމުންނެވެ. އަނެއްބައި ކުދިންނަށް ސުވާލު ކޮށްގެންނެވެ. އެހެން އާއިލާތައް މިސާލަށް ނަގައި، އެއާއިލާގެ އުފާވެރި ކަމުގެ ވާހަކަ ދެއްކުމުން ގަބޫލު ކުރަން ވެސް ފަސޭހަ ވާނެ އެވެ. އަދި ކުރާ ކޮންމެ ސުވާލަކަށް ކެތްތެރި ކަމާއެކު ޖަވާބު ދޭށެވެ.

ކެތްތެރިވޭ!

ބައެއް ކުޑަކުދިންނަކީ ހިތަށް އަރާ އެއްޗެހި ފަސޭހައިން ބޭރުކޮށްލުމަށް ޖެހިލުންވާ ކުދިންނެވެ. ހާއްސަކޮށް ހިތްހަމަ ނުޖެހޭ ކަމެއްގައި ކަންކަން ފޮރުވަން މަސައްކަތް ކުރާނެ އެވެ. އެކުދިންނާ ވާހަކަ ދައްކާ، އަންނަން އުޅޭ ކޮއްކޮ އާ ބެހޭގޮތުން އަހާ ސުވާލުތަކަށް ކެތްތެރިވެ ޖަވާބު ދޭށެވެ. ވަގުތު ދިނުމުން މި ސުވާލުތަކަށް ދޭންޖެހޭ ޖަވާބު ފަސޭހަވެފައި ލުއި ވާނެ އެވެ.

ކޮއްކޮ އެއް ލިބުމުގެ އުފާވެރިކަން ބުނެދީ!

އެކުދިންގެ ހަޔާތައް އަންނަން އުޅޭ ކޮއްކޮގެ މުހިއްމު ކަމާއި އެ ކޮއްކޮ ބެލުމުގެ ޒިންމާ ނަގަން ޖެހޭ އެކަކީ އެއީ ކަން ބުނުމުން އެ ކަން ގަބޫލު ކުރާނެ އެވެ. އަދި ކޮއްކޮ އަށް އެހީތެރިވާނެ ގޮތާއި ކޮއްކޮ އާއެކު ކުރާނެ މަޖާ ކަންކަމުގެ ވާހަކަ ގިނަގިނައިން ދެއްކި ވަރަކަށް ދެމަފިރިންނާއެކު އެކުދިންވެސް ބަނޑުގައި އޮތް ކޮއްކޮ އަންނާނެ ދުވަހަކަށް އިންތިޒާރު ކުރާނެ އެވެ.