ބޮލީވުޑް

ބާދްޝާހްގެ ފުރަތަމަ ފިލްމު ސޮނާކްޝީ އާއެކު

އިންޑިއާގެ ރެޕް އާޓިސްޓް އަދިއްތުޔަ ޕްރަތީކް ސިން ސިސޯދިއާ، ސްޓޭޖް ނަމުން ނަމަ ބާދްޝާހް، ފިލްމެއް ކުޅެން ތައްޔާރު ވެއްޖެ އެވެ.

ރެޕް ލަވަތަކުން ފެންނަ ބާދްޝާ ފިލްމަކުން ފެންނަ މިއީ ފުރަތަމަ ފަހަރެވެ. މި ފިލްމުގައި ވެސް އޭނާ ފެނިގެންދާނީ ލަވަކިޔުންތެރިއެއްގެ ރޯލުންނެވެ. ބަތަލާ ސޮނާކްޝީ ސިންހާ އާއެކު ބާދްޝާހްގެ ފުރަތަމަ ފިލްމުގެ ތައްޔާރީތައް ވަމުން އަންނައިރު އޭނާ ބުނީ މި ފިލްމަށް އެއްބަސްވި ނަމަވެސް އަދިވެސް ވަރަށް ބޮޑަށް ނުތަނަވަސްވެފައި ހުރި ކަމަށެވެ. ނަމަވެސް، މި ފިލްމުގައި އޭނާގެ "ބެސްޓް" ދައްކާނެ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން މިހުރީ ވަރަށް ނުތަނަވަސްވެފައި. އެކަމަކު މި ފިލްމަށް އާނއެކޭ ބުނެވުމުން މި ފިލްމުގައި އަހަރެންގެ އެންމެ ބެސްޓް ދައްކާނަން. މި ފިލްމުގައި އަހަރެން ފެންނަ ރޯލަކީ އަހަންނާ އެންމެ ގުޅޭ ރޯލު ކަމަށް ޕްރޮޑިއުސަރުން ބުނޭ. މިއީ ތަފާތު އަދި ރީތި ފިލްމެއް،"

ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި ބާދްޝާހް އަށް މީގެ ކުރިން ވެސް ވަނީ ފިލްމުތަކުން ޖާގަ ލިބިފަ އެވެ. އެގޮތުން އަކްޝޭ ކުމާރު ފެނިގެންދާ "ގުޑް ނިއުސް" ގެ ރޯލުވެސް އޭނާއަށް އޮފާ ކުރި ކަމަށް އޭނާ ބުނެ އެވެ. އަދި މީގެ އިތުރުން ނެޓްފްލިކްސްގެ ފިލްމެެއްގެ ރޯލުވެސް ލިބުނު ކަމަށް ބުނެ އެވެ.

ބާދްޝާހް ބުނި ގޮތުގައި، ލަވަކިޔުންތެރިން ފިލްމީ ދާއިރާއަށް ނިކުތުމުން ފާޑުކިޔުން އަންނާނެ އެވެ. އެ ހުރިހާ ފާޑުކިޔުމެއް ވެސް އޭނާ ބަލައިގަންނާނެ އެވެ.

މި ފިލްމަކީ ޝިލްޕީ ދަސްގުޕްތާ ޑައިރެކްޓުކޮށް ބުޝަން ކުމާރު އަދި މަހަވީރު ޖައިން ޕްރޮޑިއުސް ކުރާ ފިލްމެކެވެ.
ބޮލީވުޑްގައި ބާދްޝަހް މަގުބޫލު ވެފައިވަނީ އޭނާގެ ޕަންޖާބީ ރެޕް ލަވަތަކުންނެވެ.