ހަބަރު

ޕީޕީއެމްއިން ވާދަނުކޮށް ބައެއް ދާއިރާތައް ޖޭޕީއަށް ދޫކޮށްލަން ނިންމައިފި

Feb 15, 2019
2

ޕީޕީއެމް އިން ވާދަކުރާ ބައެއް ދާއިރާތައް ޖޭޕީއަށް ދޫކޮށްލުމަށް ނިންމައި އެކަން ޕީޕިއެމްއިން ޓީކެޓް ދީފައިވާ ބައެއް ކެންޑިޑޭޓުންނަށް އަންގަން ފަށައިފި އެވެ.

ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ، ޖޭޕީއާ އެކު ކުރެވުނު މަޝްވަރާތަކުން ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ދެ ޕާޓީ ގުޅިގެން ވާދަކުރުމަށް އެއްބަސްވެވިފައި ވަނީ ބައެއް ދާއިރާތަކަށް ޕީޕީއެމް ވާދަނުކޮށް ޖޭޕީއަށް ދޫކޮށްލުމަށް ކަމަށެވެ. އެގޮތުން ޖޭޕީއިން އެދޭ ބައެއް ދާއިރާތަކަށް ވާދަނުކުރުމަށް، އެ ދާއިރާތަކުން ޓިކެޓް ދީފައިވާ ޕީޕީއެމްގެ ބައެއް ކެންޑިޑޭޓުންނާ ޕީޕީއެމްގެ ރައީސް މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެގޮތުން ގެމަނަފުށީ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ކުރިމަތިލާ އެ ދާއިރާގެ މިހާރުގެ މެންބަރު، ޖަމީލް އުސްމާންއާ އެކަމާ މެދު ވަނީ ޕީޕީއެމްއިން މަޝްވަރާކޮށްފަ އެވެ. އޭނާގެ ގާތް ބައެއް ބޭފުޅުން އެކަން އަވަސްއަށް ކަށަވަރުކޮށްދެއްވި އެވެ. އަދި ރައީސް ޔާމީން އެދިވަޑައިގެންނެވީ، އެ ދާއިރާއަށް ޖޭޕީގެ ޓިކެޓްގައި ކުރިމަތިލައްވާ، ޔާމީން ސަރުކާރުގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އަލީ އާދިލްއަށް ތާއީދު ކޮށްދެއްވުމަށެވެ.

ބައެއް މަސްދަރުޔަކުން ކަށަވަރުވެފައިވާ ގޮތުގައި ޖޭޕީއިން އެދެނީ 25 އަކަށް ދާއިރާއަށް ޕީީޕީއެމް އިން ވާދަނުކުރުމަށެވެ.