ހަބަރު

ސްކޫލްތަކުގެ އިސްވެރިންގެ މަހާސިންތާ ފަށައިފި

ތައުލީމީ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ދާއިރާ ކުރި އެރުވުމަށް، ސްކޫލްތަކުގެ އިސްވެރިންނާއެކު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މަހާސިންތާ އެއް ފަށައިފި އެވެ.

ދަރުބާރުގޭގައި މިއަދު ފެށި މި މަހާސިންތާ އިފްތިތާހް ކޮށްދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު އަލީ ވިދާޅުވީ މަހާސިންތާގެ ސަބަބުން ސްކޫލުތައް ހިންގުމުގައި ދިމާވާ އެކި އެކި ގޮންޖެހުންތަކާއި މައްސަލަތަކަށް އިލްމީ މަޝަވަރާތަކެއް ކުރެވިގެންދާނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ދަށުން ތައުލީމީ ނިޒާމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

"އާ ސަރުކާރުން ތައުލީމީ ދާއިރާއަށް ގެންނަ ބަދަލަކީ ކުރިން މަރުކަޒު ކުރެވިފައިވާ ބާރުތައް ސްކޫލްތަކަށް ވީއްލުން، މިކަމުން ނުކުންނާނެ މަންފާތަކަށް ނަޒަރު ހިންގާލާއިރު މަރުކަޒީ ނިޒާމެއްގައި ކަންތައްތައް ހިނގަނީ ވަރަށް ލަސް ސްޕީޑެއްގައި، ލާމަރުކަޒީ ކުރުމުން ނިޒާމު އެފިޝަންޓް ވާނެ، ތައުލީމީ ނިޒާމަށް ބަދަލު ގެނެވޭނީ ކްލާސް ފެންވަރުގަ އާއި ސްކޫލް ފެންވަރުގައި ގިނަ މީހުންގެ ތާއީދު ލިބިގެން، މި ކަންކަމުގެ ސަބަބުން ސްކޫލްތަކުން ނެރެވޭ ތަރުބިއްޔަތާއި ތައުލީމުގެ ނަތީޖާ ރަނގަޅު ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ތައުލީމީ ނިޒާމު ލާމަރުކަޒީ ކުރުމުން ސްކޫލުތަކުގެ ފެންވަރު އިތުރަށް ކުރިއަރައި ސްކޫލުތަކުން ދައްކާ ނަތީޖާ ރަނގަޅުވެގެން ދާނީ މި ނިޒާމުގެ ސަބަބުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި މަހާސިންތާގައި ތައުލީމީ ދާއިރާގެ ބޭފުޅުންނާއި، ސްކޫލްތަކުގެ ވެރިން އަދި އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވވެރިވެ އެވެ.