ހަބަރު

ޕީޕީއެމްއާ މަޝްވަރާއެއް ނުކުރަން، ތާއީދު ކުރީތީ އުފާކުރަން: ޖޭޕީ

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ ބައެއް ގޮނޑިތައް ޖުމްހޫރީ ޕާޓީއަށް ދޫކޮށްލަން ނިންމުމުން އުފާ ކުރާ ކަމަށާއި ނަމަވެސް އެ ޕާޓީއާއެކު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީ، ޖޭޕީއިން ބުނެފި އެވެ.

ޖޭޕީ އިން މިހެން ބުނެފައި ވަނީ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް އާއި ޖޭޕީ ގުޅިގެން ވާދަ ކުރެއްވުމަށް ސިލްސިލާކޮށް ކުރިޔަށް ގެންދިޔަ މަޝްވަރާތަކެއްގައި އެއްބަސްވެފައިވާ ކަމަށާއި އެ އެއްބަސްވުމަށް ފަހު ޕީޕީއެމް އިން ބައެއް ދާއިރާތަކުގެ ގޮނޑި ޖޭޕީއަށް ދޫކޮށްލަން ނިންމަވާފައިވާ ކަމަށް ޕީޕީއެމް އިން ބުނެފައި ވަނިކޮށެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖޭޕީގެ ތަރުޖަމާނު އަދި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން އެ ޕާޓީ އިން މިހާތަނަށް ޕީޕީއެމްއާއެކު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް ޕީޕީއެމް އިން ޖޭޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމީ އެ ޕާޓީގެ ކެންޑިޑޭޓުން ރަނގަޅުވުމުން ކަމަށް ގަބޫލު ކުރާ ކަމަށާއި އެކަމާ އުފާ ކުރައްވާ ކަމަށް އަލީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް އުފާ ކުރަން ޕީޕީއެމް އިން ބައެއް ދާއިރާތަކުން ޖޭޕީއަށް ތާއީދު ކުރަން ނިންމީތީ، ގަބޫލު ކުރަނީ އެއީ ޖޭޕީގެ ކެންޑިޑޭޓުން ރަނގަޅުކަން އެ ޕާޓީއަށް ވެސް ވިސްނޭތީ އެޅި ފިޔަވަޅެއް ކަން،" އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ މަޖިލިސް އިންތިހާބުގައި ޖޭޕީއާއެކު މަސައްކަތް ކުރަން ބޭނުން ކޮންމެ ޕާޓީއަކަށް ވެސް އެ ފުރުސަތު އެބައޮތް ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވެސް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެ ފުރުސަަތު އެމްޑީޕީއަށް ވެސް އަދި އެހެން ޕާޓީތަކަށް ވެސް އޮންނާނެ ކަމަށް އަލީ ވިދާޅުވި އެވެ.

ގުޅިފައިވާ ޕާޓީތަކުން މަޖިލިސް އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ކުރިން އެއްބަސްވެފައި އޮތް ނަމަވެސް އެއާ ހިލާފަށް އެމްޑީޕީ އިން ވަނީ 86 ދާއިރާއަށް ވާދަ ކުރަން ނިންމަވާ، ކެންޑިޑޭޓުންގެ ފޯމްތައް އީސީއަށް ހުށަހަޅައިފަ އެވެ. އެއާއެކު އެހެން ޕާޓީތައް ވެސް އަންނަނީ ވަކިވަކިން މަޖިލީހަށް ވާދަ ކުރާ ދާއިރާތައް އިއުލާން ކުރައްވަމުންނެވެ.