ހަބަރު

ރައީސްގެ ދައުރު ނިމޭއިރު ދަރަނި ކުޑަ ކުރެވޭނެ: ނަޝީދު

Feb 16, 2019
11

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމޭއިރު ރާއްޖޭގެ ދަރަނި ކުޑަ ކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވީ ބޭރުގެ އެހީ ރާއްޖެއަށް ލިބޭނެ ކަމަށާއި ނަމަވެސް އެއަށްވުރެ މުހިންމީ އަމިއްލައަށް މަސައްކަތްކޮށްގެން ހޯދާ ފައިސާ ކަމަށެވެ. އަމިއްލަ ފައި މައްޗަށް ތެދުވުން ކަމަށެވެ.

"އަޅުގަނޑުމެން މިހުރީ އެ މިސްރާބުގަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ފަސް އަހަރު ނިމޭއިރު އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ދަރަނި ވެސް ކުޑަ ކުރެވިގެން ދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، މި ފަސް އަހަރު ނިމޭއިރު ހަރަދަށްވުރެ އާމްދަނީ އިތުރުވެގެން ވެސް ދާނެ ކަމަށެވެ.

އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ވެސް ބައްދަލު ކުރެއްވި އެވެ. ނަމަވެސް، އެ މަޝްވަރާ ކުރެއްވި ކަންކަން ހާމައެއް ނުކުރައްވަ އެވެ.

މޯދީއާ ބައްދަލު ކުރެއްވުމަށްފަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ސުލްހަވެރިކަމާއި އަމާންކަން މަތީ އޮތުމަކީ ހަމައެކަނި ދިވެހިންގެ މަސްލަހަތު އޮތް ކަމެއް ނޫން ކަމާއި އެއީ މުޅި އިންޑިއާ ސަރަހައްދުގެ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށެވެ.

ރައީސް ނަޝީދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް، އައިސީސީއާރް އަދި ނެހެރޫ ޔުނިވާސިޓީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ނެހެރޫ ޔުނިވާސިޓީގައި ޑިމޮކްރަސީއާ ގުޅޭ ގޮތުން ތަގުރީރެއް ވަނީ ދެއްވާފަ އެވެ. އައިސީސީއާރްގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ތަގުރީރެއް ވެސް ދެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައީސް ނަޝީދު އިންޑިއާއަށް ކުރެއްވި މިއީ ފުރަތަމަ ދަތުރުފުޅެވެ. އެމަނިކުފާނު އަމިއްލައަށް އަރުވާލެއްވިގެން ބޭރުގައި އުޅުއްވިިއިރު އެކި ފަހަރު މަތިން އިންޑިއާއަށް ވަޑައިގެންނެވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރު އައި ފަހުން އިންޑިއާ އާއި ރާއްޖެ ދެމެދު އޮތް ގުޅުން ވަނީ ބަދަހިވެފަ އެވެ. ރައީސް ނަޝީދަކީ އަބަދުވެސް އިންޑިއާއާ ގާތް ގުޅުމެއް ބާއްވަވައި އިންޑިއާގެ ދިފާއުގައި ވަކާލާތު ކުރައްވާ ބޭފުޅެކެވެ.