ހަބަރު

"ޔާމީން ހައްޔަރުކުރިޔަސް ކުޑަކަކޫ ނުޖަހާނެ"

Feb 18, 2019
11

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ކުރުމުގެ ދައުވާގެ ޝަރީއަތް މިއަދު ފަށާފައިވާއިރު އެ ޝަރީއަތް ނިންމެންދެން އެމަނިކުފާނު ހައްޔަރުކުރަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ. އެ އަމުރުގެ ކުރިން ވެސް އެ ހަބަރުތައް ފެތުރިފައިވާތީ ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ވަނީ އެކަމަށް ރައްދު ދެއްއްވާފަ އެވެ.

އެގޮތުން އެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމަށް ރައީސް ޔާމީން މި ވަގުތު ކޯޓުގައި ހުންނަވަނިކޮށް، އެ މަނިކުފާނުގެ ދިފާއުގައި ޕީޕީއެމް އިސް ބޭފުޅުން ވަނީ ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅުކުރައްވާ އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔާމީން ޖަލަށް ލެވިދާނެ ކަމަށާއި ނަމަވެސް އެމަނިކުފާނު ގެންނެވި ތަރައްގީގެ ފިކުރެއް ޖަލަށް ނުލެވޭނެ ކަމަށެވެ.

ނިހާންގެ އިތުރުން، ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، މި ސަރުކާރުގެ ކުރިމަތީ ޔާމީން "ކުޑަކަކޫ ނުޖަހާނެ" ކަމަށެވެ.

"ޕީޕީއެމާއި ކޮންގްރެސް ގެ ލީޑާޝިޕް އެއްކޮށް ހައްޔަރު ކުރެވިދާނެ. އެކަމަކު ފަހުގެ ތާރީޚެއްގައި ރާއްޖެ ފަޚުރުވެރި ކުރުވި ތަރައްގީގެ ލީޑަރަށް ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯތްބާއި ކުލުނު ހައްޔަރު ކުރެވިދާނެބާ؟" ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޚަލީލްގެ ޓުވީޓުގައި ވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އެ މައްސަލާގެ ލިޔުންތައް ހަވާލު ކޮށްފައިވަނީ އިއްޔެ އެވެ. މިހާރު އަމަލު ކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ދައުވާ އުފުލައި ކުރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅޭ ދުވަހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ދައުވާ ލިބޭ ފަރާތަށް ލިޔެކިޔުންތައް ހަވާލުކުރަން ޖެހެ އެވެ.

ރައީސް ޔާމީން ވަނީ އެކި ފަހަރު މަތިން ތަހުގީގަށް ފުލުހަށް ވެސް ހާޒިރުކޮށްފަ އެވެ. އަދި އެމަނިކުފާނުގެ ބެންކް އެކައުންޓް ވެސް ވަނީ ފްރީޒްކޮށްފަ އެވެ. އެ އެކައުންޓްގައި 100 މިލިއަން ރުފިޔާ ގިނަ ފައިސާ ހުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން މީގެކުރިން ބުނި ގޮތުން އެމްއެމްޕީއާރްސީގެ ތެރެއިން ހިޔާނަތްވި ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށެވެ. އެ ފައިސާއާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަހުގީގާ ގުޅިގެން ހިންގި މުއާމަލާތްތަކުގައި ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ.

އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމުގެ މައުލޫމާތާއެކު އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ދައުލަތާއި އަނބުރާ ހަވާލުކުރުމަށް ރައީސް ޔާމީނަށް ދެންނެވުމުން އެ ފައިސާ ދައުލަތާއި ހަވާލުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެމަނިކުފާނުގެ ނަމުގައި އެ ބޭންކުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި އެ ފައިސާ ދައުރުކޮށް މުއާމަލާތު ކޮށްގެން މާލީ މަންފާ ލިބޭ ގޮތަށް ބޭނުންކޮށްފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.