ހަބަރު

ގާސިމާ ޔާމީން ގުޅުމުގެ ވަގުތު ޖެހިއްޖެ: ޕީޕީއެމް / ޕީއެންސީ

ސަރުކާރު ހިންގާ ކޯލިޝަން އިން ޖުމްހޫރީ ޕާޓީ އާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަކިވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ގުޅުމުގެ ވަގުތު ޖެހިއްޖެ ކަމަށް ޕީޕީއެމް އަދި ކޮންގްރަސް ޕާޓީ އިން ބުނެފި އެވެ.

ޕީޕީއެމް އާއި ކޮންގްރަސް ޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގައި ސިޔާސީ މައިދާނުގައި ގައުމު ދެކެ ލޯބިވާ ލީޑަރުންގެ ތެރެއިން ރައީސް ޔާމީންގެ އިތުރަށް ދެން ހުންނަވާނީ ޖޭޕީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާޙިމް ކަމަށެވެ. ގައުމުގެ މިނިވަންކަން ގެއްލޭ ގޮތަށް އަދި ގާނޫނާއި ގަވައިދާ ހިލާފަށް ސަރުކާރުން އަމަލު ކުރާތަން އެމަނިކުފާނު ބައްލަވަން ނުހުންނަވާނެ ކަމަށާއި ގައުމުގެ ހައްގުގައި ކޯލިޝަނުން ނުކުމެވަޑައިގެން އިދިކޮޅު ފަރާތްތަކާ ކޯލިޝަން ހަދާ ވަގުތު މިހާރު ޖެހިއްޖެ ކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަން މިހާރު މި ހިނގާ ކަންކަން ބައްލަވަން ގާސިމް އިބްރާހިމް ނުހުންނަވާނެ ކަމަށް. އެމަނިކުފާނު ގައުމުގެ ހައްގުގައި ނިކުމެވަޑައިގަންނަވަން ޖެހޭ ވަގުތު މި އޮތީ އައިސްފައި، އަޅުގަނޑު ގޮވާލަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް މަނިކުފާނު މި ސަރުކާރުން ނިކުމެވަޑައިގެން އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގެން އަވަހަށް މި ގައުމު ހަމަ މަގަށް އެޅުމުގެ މަސައްކަތް ފައްޓަވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޯޓްގެ އަމުރަށް މިއަދު ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށްފައިވާއިރު އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ހައްޔަރު ކުރެވިދާނެ ކަމަށާއި ނަމަވެސް އެމަނިކުފާނާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮތް ތާއީދެއް ބަންދެއް ނުކުރެވޭނެ ކަމަށެވެ. އެމަނިކުފާނު ގެނެސްދެއްވާފައިވާ ތަރައްގީ ޖަލަށްލާފައި ބިޑި ނޭޅުވޭނެ ކަމަށެވެ.

""ޔާމީން ހައްޔަރު ކުރުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް، ނަމަވެސް އެއިން ސަރުކާރަށްވާ ފައިދާއަށް ވުރެ ލިބޭ ގެއްލުން މާ ބޮޑުވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ދެހާސް ބާރަ ވަނަ އަހަރުގައި ވެސް ގާނޫނާ ހިލާފަށް މީހުން ހައްޔަރު ކުރުމުގެ ނަތީޖާއަކީ އޭރު އޮތް ސަރުކާރު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. މިއަދު އަނެއްކާ މި ފެށެނީ އެފަދަ ކަމަކަށް ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. -- އޭރު ވެސް އެމްޑީޕީގެ ސަރުކާރާއެކު އޮތް ކޯލިޝަން އިން އެންމެ ފުރަތަމަ ވަކިވީ ޖުމްހޫރީ ޕާޓީ އެވެ. އެއަށް ފަހު ޔާމީން އަދި ރައީސް މައުމޫންއާއެކު މަސައްކަތް ކުރެއްވި އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމުން އެމަނިކުފާނު މިހާރު ވަނީ ހައްޔަރަށް ގެންގޮސްފައެވެ.