ރާއްޖެ ކުޅިވަރު

ހަމަނުޖެހުން އުފެދުމާެއެކު ވެޓްރަންސް ކަޕްގައި މާޒިޔާ - މާލޭ ވެޓްރަންސް ބައްދަލުކުރި މެޗު ހުއްޓާލައިފި

ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހަމަނުޖެހުން އުފެދުމާއެކު، މައިލޯ ވެޓްރަންސް ކަޕްގައި އިއްޔެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި މާލޭ ވެޓްރަންސް ބައްދަލުކުރި މެޗު ހުއްޓާލައިފި އެވެ.

މެޗުގައި ބާކީ ދެ ތިން މިނިޓު އޮއްވައި، މެޗުގެ ރެފްރީ މެޗު ހުއްޓާލީ ދެ ޓީމުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހަމަނުޖެހުން އުފެދުމުންނެވެ. މެޗު ހޫނުވީ ދަނޑުގައި މަތީގައި ހިނގި ފައުލަކާ ގުޅިގެންނެވެ.

މި މެޗު ހުއްޓާލިއިރު، މާޒިޔާ ވަނީ 2-0ގެ ލީޑެއް ހޯދައިފަ އެވެ. މި މެޗުގައި މާޒިޔާ އަށް ލަނޑު ޖަހައިދިނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަބްދުއް ރަހީމާއި ނިއު ރޭޑިއަންޓާއި ހުރާގެ ކުރީގެ ކުޅުންތެރިއާ އަހުމަދު ރިޝްފާން (ރިއްޕޭ) އެވެ.

މި އަހަރުގެ މުބާރާތް އިންތިޒާމްކުރާ ސޮކާ ވެޓްރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ މި މެޗުގެ މައްސަލަ ޑިސިޕްލިނަރީ ކޮމެޓީ އަށް ފޮނުވާނެ ކަމަށެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ އާއި ސޮކާ ވެޓްރަންސް އެސޯސިއޭޝަނެވެ.