ބޮލީވުޑް

"ދަބަންގް" ތިނެއް ޝޫޓިން އޭޕްރީލްގައި ފަށަނީ

ސަލްމާން ޚާންގެ ބްލޮކްބަސްޓާ ފިލްމު ސީރީޒް ދަބަންގްގެ ތިންވަނަ ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް އިއުލާން ކުރިތާ މިހާރު އަހަރެއް ވެދާނެ އެވެ. "ދަބަންގް"ގެ ތިންވަނަ ބައިގެ ޝޫޓިން މި އޭޕްރީލް މަހުގައި ފަށާނެ ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން މިހާރު ބުނަން ފަށައިފި އެވެ.

އިންޑިއާގެ ނޫސް މުމްބާއި މިރާ އަށް ދިން އިންޓަވިއުއެއްގައި "ދަބަންގް" ފިލްމުގެ ޕްރޮޑިއުސަރު އަރްބާޒް ޚާން ބުނި ގޮތުގައި މި ފިލްމުގެ ޝުޓިން އޭޕްރީލް މަަހު ފުރަތަމަ ހަފްތާގައި ފަށާނީ މަހޭޝްވަރުގައި އެވެ. އަދި އެއަށްފަހު މުމްބާއީގައި ފިލްމުގެ ޝޫޓިންތައް ނެގުމަށް ވަނީ މިހާރު ހަމަޖެހިފަ އެވެ.

މި ފިލްމުގެ ޑައިރެކްޓަރު މަޝްހޫރު ކޮރިއޯގްރަފަރު ޕްރަބޫދޭވާ މިވަގުތު ހުރީ ރެމޯގެ ފިލްމު "ސްޓްރީޓް ޑާންސާ"ގެ ޝޫޓިން އަށް ލަންޑަނުގަ އެވެ. އަދި ހަބަރުތަައް ބުނާ ގޮތުގައި އެ ފިލްމުގެ ޝޫޓިން ނިމުމުން، "ދަބަންގް"ގެ ޝޫޓިންއަށް މާޗް މަހުގެ ފަހު ކޮޅު އޭނާ މުމްބާއީ އަށް އަންނާނެ އެވެ.

ދަބަންގް ސީރީޒްގެ ދެ ފިލްމު މީގެ ކުރިން ރިލީޒް ކޮށްފައިވާއިރު މި ދެ ފިލްމަކީވެސް ބޮލީވުޑްގައި ކާމިޔާބު ދެ ފިލްމެވެ. މި ފިލްމުގައިވެސް ސަލްމާން ފެންނާނީ ލީޑް ބަތަލުގެ ގޮތުގަ އެވެ.
މީގެ ކުރިން އަޑު ފެތުރިފައިވާ ގޮތުގައި ލީޑް ރޯލުން ސޮނާކްޝީގެ ބަދަލުގައި ޑްރާމާ ސީރީޒް އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދި މޯނި ރޯއީ ފެންނާނެ ކަމަށް ބުނި އެވެ. އެހެންނަމަވެސް މި ފިލްމުގެ ލީޑުގައި ސޮނާކްޝީ ފެންނާނެކަން ފިލްމުގެ ޓީމުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. އަދި، ކުރީ ދެ ފިލްމެކޭ އެއްގޮތަށް ތިން ވަނަ ފިލްމުގައިވެސް ސަލްމާން އާއެކު ލީޑް ބަތަލާއެއްގެ ރޯލުން ފެންނާނީ ސޮނާކްޝީ ސިންހާ އެވެ.

ދަބަންގް 3 ނެރޭނެ ދުވަހެއް އަދި އިއުލާންކޮށްފައި ނުވިޔަސް މިއަހަރު ފަހުކޮޅު މި ފިލްމު ރިލީޒްކުރާނެ ކަމަށް ބައެއް ނޫސްތަކުގައި ބުނެ އެވެ.