ދުނިޔެ

ޑާކާގެ އެޕާޓްމަންޓުތަކެއްގައި ރޯވެ، 60 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

Feb 21, 2019

ޑާކާ (ފެބްރުއަރީ 21) - ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުރި އެޕާޓްމަންޓު ބިލްޑިންގްތަކެއްގައި ރޯވެ އެތަކެއް މީހުން މަރުވެފައިވާކަމަށް އެ ގައުމުން ބުނެފި އެވެ.

އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ، ޑާކާގެ މުސްކުޅި ސަރަހައްދެއް ކަމުގައިވާ ޗޯކްބާޒާރުގައި ރޭގެ ވަގުތެއްގަ އެވެ. ކެމިކަލް ގުދަނެއްވެސް ހުންނަ އެ އިމާރާތްތަކުގައި ރޯވި އަލިފާންގަނޑު މިއަދު ހެނދުނު ވެސް އަދި މުޅީން ކޮންޓްރޯލް ނުވާކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތުދެ އެވެ.

އެ ހާދިސާގައި މިހާތަނަށް 69 މީހުން މަރުވެފައިވާކަމަށް އޮފިޝަލުން ބުނެފައިވާއިރު، އެ އަދަދު މަތިވެދާނެކަމަށް ލަފާކުރެވެ އެވެ. ބަންގްލަދޭޝްގެ ފަޔާ ސާވިސްގެ ވެރިޔާ އަލީ އަހުމަދު ވިދާޅުވީ، އެ ހާދިސާ ހިނގަން މެދުވެރިވީ ގޭސް ސިލިންޑަރެއްގައި ރޯވެގެން ކަމަށް ލަފާކުރެވޭ ކަމަށާއި، އިންވެގެން ހުރި ހަތަރު އިމާރާތަކަށް އެހާ އަވަހަށް އަލިފާންގަނޑު ފެތުރިގެން ދިޔައީ ކެމިކަލް ގުދަނެއް އެ ސަރަހައްދުގައި ހުރުމުން ކަމަށެވެ.

"ހާދިސާ ހިނގިއިރު، އެ ސަރަހައްދުގައި އޮތީ ޓްރެފިކް ޖޭމުވެފައި، އެހެންވީމަ ގިނަ މީހުންނަށް ސަލާމާތްވާން ނުދެވުނު،" އެ ސަރަހައްދުގައި ހުންނަ ހަނި މަގުތަކަށް އިޝާރާތް ކުރައްވަމުން އަލީ އަހުމަދު ވިދާޅުވި އެވެ.

އެ ހާދިސާގައި މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން ޒަހަމްވެގެން ފަރުވާދެމުން އަންނައިރު، މިހާރު އަލިފާންގަނޑު އިތުރަށް ފެތުރުނަނުދީ ހިފެހެއްޓިވާކަމަށާއި، ނަމަވެސް އަދި މުޅީން ނިއްވާނުލެވޭކަމަށް ފަޔާ ސާވިސްގެ އޮފިޝަލަކާއި ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވެ އެވެ.

ޟިގެ ނުވަ ވަރަކަށް އަހަރު ކުރިން، 2010 ގައި ޑާކާގައި މީހުން ދިރިއުޅޭ އިމާރާތްތަކެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 120 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.