ދުނިޔެ

ބަނގުލަދޭޝްގައި ރޯވި ފެރީގެ ވެރިޔާ ހައްޔަރުކޮށްފި

ބަނގުލަދޭޝްގައި ހުކުރު ދުވަހުގެ ރޭ އަލިފާން ރޯވި ފެރީގެ ވެރިޔާ ހައްޔަރު ކޮށްފި އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މީހުން އުފުލުމުގައި ސަލާމަތީ ގޮތުން އެއްވެސް ވަރަކަށް ވިސްނާފައި ނެތުމުން ކަމަށެވެ.

ފެރީގައި އަލިފާން ރޯވިއިރު އެއިން ދަތުރުކުރި 700 މީހުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ނިދާފައި ކަމަށްވެ އެވެ. މިހާދިސާގައި 39 މީހުން މަރުވެ އެތައް ބަޔަކު ވަނީ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހޭ ވަރަށް ފިހިފަ އެވެ.

އަލިފާން ފުރަތަމަ ރޯވީ އިންޖީނު ގޭގައި ކަމަށް ޚަބަރުތައް ބުނެ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުން މިހާދިސާ ހިނގީ ފެރީ ބަލަހައްޓާ މީހުންގެ ފަރުވާކުޑަކަމުންނެވެ.

ފެރީ ބަނދެފައި ވަނީ ތިންބުރިއަށް އަދި 420 މީހުން އުފުލޭ ގޮތަކަމަށް ފުލުހުން ބުނެ އެވެ. އަލިފާން ރޯވުމުން ސަލާމަތްވާން އެހާ އުހުން ކޯރަށް ފުންމާލުމުގެ ސަބަބުން ވެސް ގިނަ ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.

ފުލުހުން ބުނީ އިހުމާލުވި ހުރިހާ މީހުން ހައްޔަރުކުރަން ކޯޓުން އަމުރުދިން ކަމަށާއި ބޯޓުގެ ވެރިޔާ އާއި ކެޕްޓަން ވެސް ބަންދުކުރި އަށް މީހުންގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މެރިން ފުލުހުން ކޯޓުގައި ދިން ބަޔާނުގައި ބުނެފައިވާ ގޮތުން އަލިފާން ނިއްވަން އެކަށިގެންވާ ސާމާނު ވެސް ފެރީގައި ނެތެވެ. އަނެއްކޮޅުން ފެރީ ބަންޑުން ޖެހިއްޖެ ހާލަތެއްގައި މީހުން ސަލާމަތްކުރަން އެކަށީގެންވާ އާލަތެއް ވެސް ނެތެވެ.