ހަބަރު

ގައުމު ވަނީ ރީތި އަހުލާގަށް ބޭނުންވެފައި: ފަޒްނާ

މިއިން ޒަމާނަކުވެސް ބޭނުން ނުވާ ވަރަށް އެކަކު އަނެކަކަށް އިހްތިރާމްކޮށް ކަމޭހިތުމާއި ރީތި އަހުލާގަށް ރާއްޖެ ބޭނުންވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.

ގައުމީ މަންހަޖު ރިވިއު ކުރުމުގެ މަހާސިންތާ ފެށުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއް ޝަރަފްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ ދަރިވަަރުންގެ ކިބައިގައި ރީތި ސިފަތައް އަށަގެންނެވުމަށް ހާއްސަ ސަމާލުކަމެއް ދޭން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެ ސިފަތައް ގެނެސްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރެވޭނީ ސްކޫލްތަކުގެ ޓީޗަރުންނާއި ވެރިންނަށް ކަމަށެވެ.

މީގެ ކުރިން ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވެވި ފަޒްނާ މިއަދު ވަނީ ކަންކަމާމެދު ވިސްނާ ފިކުރުކުރަން ދަރިވަރުންނަށް ދަސްކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފަ އެވެ.

"އުފަލުގައި ކިޔަވާނެ ރައްކާތެރި މާހައުލެއް ދަރިވަރުންނަށް ފަހި ކޮށްދޭނެ ޖެހޭ. ރައްކާތެރި މާހައުލު އުފައްދާނީ މިނިވަން ކަމާއެކު މުދައްރިސުންނާ ސުވާލު ކުރެވި ފިލާވަޅާމެދު ސުވާލު ފާޅު ކުރުމުގެ ފުރުސަތު ފަހި ކޮށްދެވިގެން،" އެކަމަނާ ވިދާޅުވި އެވެ.

ތަފާތު ނަޒަރުން އެކި ކަންކަމާމެދު ސުވާލު ކުރަން ދަސްކޮށް ދިނުމަކީ މުހިއްމު ކަމެއް ކަމަށާއި ދަރިވަރުން އުނގެނުމަށް އުފާވެރި އަމާން މާހައުލެއް ބިނާ ކޮށްދޭން މުދައްރިސުންގެ ދައުރު މުހިއްމު ކަމަށް ވެސް ފަޒުނާ ވިދާޅުވި އެވެ.

ގައުމީ މަންހަޖު އިސްލާހު ކުރުމަށް ސްކޫލްތަކުގެ އިސްވެރިންނާއި ޓީޗަރުންނާއެކު މަހާސިންތާއެއް ބޭއްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. މި މަހާސިންތާ ކުރިއަށް މާދަމާގެ ނިޔަލަށެވެ.