ހޮލީވުޑް

"ވުލްވެރިން" ރޯލާއެކު ރެކޯޑު ފޮތަށް

ސޯޅަ އަހަރާއި 228 ދުވަހު ވުލްވެރިންގެ ރޯލުގައި ހުރެ އެކްޓާރ ހިޔު ޖެކްމަން ވަނީ ދުނިޔޭގެ ރިކޯޑު ފޮތަށް އަރާފަ އެވެ. މާރވެލް ފިލްމުތަކުގައި ލައިވް އެކްޝަން ސުޕާހީރޯ އެއްގެ ގޮތުގައި އެންމެ ދިގު ކެރިއަރެއް އުފައްދާފައިވުމުން ހިޔު ޖެކްމަން ވަނީ ދުނިޔޭގެ ރެކޯޑެއް ގާއިމްކޮށް، އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ހަގީގަތަށް ހަދާ ގިނިސް ރެކޯޑް ފޮތުން ޖާގަ ހޯދި އެވެ.

16 އަހަރު ވަންދެން ވުލްވެރިންގެ ރޯލު އެހެން އެކްޓަރަކަށް ނުދީ ހިޔު ޖެކްމަން ހިފަހަށްޓާލާފައިވާ އިރު، އޭނާއާއި އެކު "އެކްސްމެން" ފިލްމުތަކުން ފެންނަ "ޕްރޮފެސާރ އެކްސް"ގެ ގޮތުގައިި ފެންނަ ދައްކުވައިދޭ ޕެޓްރިކް ސްޓުވާޓްއަށްވެސް ވަނީ މި މަގާމުގައި ހިއު އާއެކު ހިއްސާ ކޮށްފަ އެވެ.

ހޮލީވުޑްގެ ހަބަރުތަކުން ބުނާ ގޮތުގައި ގިނިސް ރެކޯޑު ފޮތަށް އެރުމަކީ އޭނާ ކުޑައިރުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ. އަދި ރެކޯޑު ފޮތަށް އެރުމުން ދިރިއުޅުން ކާމިޔަބުވީކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި އެކްޓިންގެ ތެރެއަށް ވަދެވުނީވެސް މި މިސަބަބަށް ކަމަށް ބުންޏެވެ.

"ވުލްވެރިން" އަކީ ސުޕަހީރޯ ފިލްމުތަކަށް ލޯބި ކުރާ މީހުންގެ މެދުގައި އެންމެ މަގުބޫލު އެއް ސުޕަހީރޯ އެވެ. މާވެލް ފިލްމުތަކުގައި 2000 ވަނަ އަހަރުތަކުން ފެށިގެން ފެންނަ ހިއު މިހާރު "ވުލްވެރިން"ގެ ގޮތުގައިވެސް ބައެއް މީހުން ދެކެ އެވެ. އަދި އޭނާ ނޫން އެހެން މީހަކަށް އެ ކެރެކްޓާގެ ޖާގަ ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް "ވުލްވެރިން"ގެ ފޭނުން ބުނެ އެވެ. އޭނާ އެންމެ ފަހުން "ވުލްވެރީން" ގެ ރޯލުން ފެނުނީ 2017 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ލޯގަން" އިންނެވެ.

މިޔުޒިކުގެ ދާއިރާއިން އޭނާ ފެށި ހިއު އަށް މި އަހަރު ވަނީ ގްރެމީ އެވޯޑެއްވެސް ލިބިފަ އެވެ. "ދަ ގްރޭޓަސްޓް ޝޯމެން" ފިލްމުގެ ސައުންޑްޓްރެކަށް އޭނާއަށް އެވޯޑު ލިބުނެވެ. އަދި މީގެ އިތުރުންވެސް އޭނާގެ ކެރިއަރުގައި ޖެކްމަން އަށް ވަނީ އެމީ އެވޯޑަކާއި ޓޯނީ އެވޯޑެއްވެސް ލިބިފަ އެވެ.