ހަބަރު

ކަސްޓަމާއި އެމްޕީއެލް އިން ސާފުކުރުމުގެ ހަރަކާތެއް ހިންގައިފި

Feb 23, 2019
1

މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެން ކަސްޓަމްސް ސަރަހައްދު ސާފުކުރުމުގެ ހަރަކާތެއް ހިންގައިފި އެވެ.

ކަސްޓަމްސް އިން ބުނީ "ޚިދުމަތުގައި ކުރިއަށް" މިޝިޢާރުގެ ދަށުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ކަސްޓަމްސްއިން ހާސިލް ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ "ތިމާވެއްޓާ ރައްޓެހި ކަސްޓަމްސް" ޕްރޮގްރާމްގެ ދަށުން ހިންގުނު ހަރަކާތެއް ކަމަށެވެ.

ކަސްޓަމްސް ހެޑް އޮފީސް ކުރިމަތީގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ހަފްލާއެއްގައި މިޙަރަކާތް ފައްޓަވައި ދެއްވީ މިހަފްލާގެ ޝަރަފުވެރި މެހެމާނު އެމްޕީއެލްގެ ޗެއާމަން މުޙައްމަދު ޒަކީ އާއި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަޙުމަދު ނުއުމާން އެވެ.

މިހަރާކަތް ފައްޓަވައިދެއްވުމުގެ ގޮތުން އެމްޕީއެލްގެ ޗެއާމަން ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން "ސާފު ރާއްޖެ އަހަރެންގެ ޒިންމާ" މި ސިޔާސަތުގެދަށުން ކުރިއަށް ގެންދާ ހުރިހާ ހަރަކާތެއްގައި ކަސްޓަމްސްއާއި އެމްޕީއެލް މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ކުރިއަށް ހުރި މިފަދަ ހަރަކާތްތަކުގައި ވިޔަފާރިވެރިން ވެސް ބައިވެރިކުރުމަކީ މިފަދަ ޙަރަކާތްތަކަށް އިތުރު ފުރިހަމަކަމެއް އަންނާނެ ކަމެއްކަމުގައި ފާހަގަ ކުރެއްވި އެވެ.

ކަސްޓަމްސްއާއި އެމްޕީއެލްގެ ގިނަ މުވައްޒަފުންތަކެއް ބައިވެރިވި މިޙަފްލާގައި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ދެއްކެވި ވާހަކަފުޅުގައި އެންމެ ދުވަހަކު މި ކަހަލަ ހަރަކާތެއް ބޭއްވުމުގެ ބަދަލުގައި ހަގީގީ ކާމިޔާބަކީ ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމެވެ. އަދި ތިމާވެށި ސާފުކޮށް ބޭއްވުމަށްޓަކައި ފަރުދީ ގޮތުން އަދާކުރަން ޖެހޭ ޒިންމާތަައް އަދާކުރުން މުޙިއްމުކަމުގައި ވިދާޅުވިއެވެ. އަދި މިޙަރަކާތުގައި އެމްޕީއެލްގެ އިސްވެރިންނާއި، ގިނަ މުވައްޒަފުންތަކެއް ބައިވެރިވިކަމަށްޓަކައި އެބޭފުޅުންނަށް ޝުކުރު އަދާކުރި އެވެ.

އެމްޕީއެލް ސަރަހައްދު ސާފުކުުރުމަށް މިއަދު ބޭއްވުނު މި ހަރަކާތުގެ ބައިވެރިންނަށް އީޕީއޭ އިން ވަނީ ސިންގަލް-ޔޫޒް ޕްލާސްޓިކާއި މައިކްރޯ ޕްލާސްޓިކާއި ބެހޭގޮތުން މައުލޫމާތުދީފަ އެވެ. މި ޙަރަކާތުގައި ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އާއި ދަޅާއި ޓިނު އަދި ޓަޔަރު ފަދަ ތަކެތި ބޮޑު ތަކުރުފާނުމަގުންނާއި މާލޭ ކޮމާޝަލް ހާބަރު ސަރަޙައްދުން ނަަގާފައިވެ އެވެ.