ޝިމާ ގެއްލުން

ހަމަ އަސްލު ވެސް ޝިމާ ގެއްލުނީތަ؟

އިސްކަންދަރު އެއާ ބޭސް އޮންނަ ލ. ކައްދޫއިން މާމެންދޫއަށް ޑިންގީގައި ރޭގަނޑު ވެސް ދަތުރު ކުރުމަކީ ކޮށް އުޅޭ ކަމެކެވެ. މީގެ ކުރިން އެ ދެމެދު ކަނޑުމަތީގައި ބޮޑު ހާދިސާއެއް ހިނގާފައިވާ ކަމަށް އެނގިފައެއް ނެތެވެ. އެހެން ނަމަވެސް މިދިޔަ ހުކުރު ދުވަހުގެ ރޭ 9:30 އެހާކަންހާއިރު ދެ މީހުނާއެކު ކައްދޫން މާމެންދޫއަށް ދަތުރު ކުރި ޑިންގީއެއް ބަންޑުން ޖަހާލައި އޭގައި ޒުވާން އަންހެނަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ބުނެ ސިފައިންނާއި ފުލުހުން ނިއުސް އެލާޓެއް ނެރުނެވެ. އެ އެލާޓް ބުނާ ގޮތުން އެއީ ކައްދޫން މާމެންދޫއަށް ދަތުރު ކުރި ޑިންގީ އެކެވެ.

އެ ޑިންގީ ބަންޑުން ޖަހައިލީ މާމެންދޫއަށް ދަތުރު ކުރާ ރޫޓުގައި އޮންނަ ކުރިން މީހުން ދިރިއުޅެ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ފަޅުކޮށްފައިވާ ގާދޫ އާއި އެ ސަރަހައްދުގައި އޮންނަ ސިކްސް ސެންސް ލާމް ކައިރިއަށެވެ. އަދި އެލާޓް ބުނާ ގޮތުން ޑިންގީ ބަންޑުން ޖަހާލައި ކަނޑަށް ގެއްލުނީ 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒެވެ. ހާދިސާގައި ސަލާމަތްވީ އޭނާ ގޮވައިގެން މާމެންދޫއަށް ދަތުރު ކުރި އިބްރާހިމް ފަޒީލް 24، އެވެ.

ނިއުސް އެލާޓަށް ފަހު

ފުލުހުންނާއި ސިފައިންގެ ނިއުސް އެލާޓަށްފަހު ނޫސްތަކުގައި އައި ހަބަރުތައް ބުނާ ގޮތުން ބަންޑުން ޖަހަލި ޑިންގީ ދުއްވި ފަޒީލާއެކު ދަތުރި ޝިމާއަކީ މާލޭގައި ހުރެފައި ރަށަށް ދާން ދިޔަ މީހެކެވެ. ފަޒީލް ދިޔައީ އޭނާ ބަލަ އެވެ. ހަބަރުތައް ބުނާ ގޮތުން ކަނޑު މެދަށް ޑިންގީ ބަންޑުންވުމުން ފަޒީލް ޝިމާގެ އަތަށް ފޯނަކާއި ފެންމަތީގައި ފްލޯޓް ކުރާނެ ހަމެއް ދީފައި އެހީއެއް ހޯދަން ކައިރިގައި އޮތް ރިސޯޓް، "ސިކްސް ސެންސް ލާމަ" ފަތާފައި އަރައި ކޯސްގާޑަށް އެންގީ އެވެ. ޝިމާ ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި އާންމުން ކުރަމުން އަންނަ އިރު އެ ހާދިސާ ހިނގި ގޮތުގެ ތަހުގީގެއް ވެސް ފުލުހުން ވަނީ ފަށާފަ އެވެ. މިހާ ހިސާބުން އޮތީ ސުވާލެކެވެ. ފަޒީލް ޝިމާ ބަލާ ދިޔައީ ހެއްވެޔެވެ؟ ގަމުން ދިމާވީ ހެއްުޔެވެ؟ ދުރާލާ ރާވައިގެން ކައްދޫ ގަމަށް ޝިމާ ދިއުމުން ބައްދަލު ކުރާ ގޮތަށް އޮތީ ހެއްޔެވެ؟ -- ދޫކޮށްލީ އެވެ.

ޝިމާ ކަނޑަށް ގެއްލުނު ހާދިސާގެ ހަބަރުތައް ޑިވެލޮޕްވާން ފެށުމާއެކު އެ ހާދިސާއާ މެދު އާންމުން ސުވާލު އުފައްދަން ވެސް ފެށި އެވެ. ހާއްސަކޮށް ޓްވިޓާ އާއި ފޭސްބުކްގައި އެ ހަބަރު ވައިރަލްވަމުން ދިޔަ ވަރަކަށް ޝައްކުތައް ވެސް ދިޔައީ އުފައްދަމުންނެވެ. އޭރު ހާދިސާ ގުޅޭ މާ ގިނަ ވާހަކައެއް ފެންމަތިވެފައެއް ވެސް ނުވެއެވެ. ޝިމާ ކަނޑަށް ގެއްލުނު ހާދިސާ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނީ އެ ހާދިސާގައި ޝައްކުވާ ކަންތައްތަކެއް ހުރި ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަނި ކޮށެވެ.

މުޅި ހާދިސާގެ މައްޗަށް އެންމެ ބޮޑު ޝައްކެއް ކުރަނީ ޝިމާގެ އާއިލާ އެވެ. އަދި ވަރަށް ގިނަ ފަރާތްތަކުން މި ހާދިސާއާ ގުޅުވައި ތަފާތު ވާހަކަތައް ހުކުރު ދުވަހުގެ ރެއިން ފެށިގެން މިހާތަނަށް ދައްކާފައިވެ އެވެ.

ޝިމާ ގެއްލުނު ހާދިސާގެ ތަހުގީގު ކުރަމުން އެބަދެ އެވެ. ޝިމާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑަށް ޑައިވް ކޮށްގެން ވެސް ބަލަމުން އެބަދެ އެވެ. ރަށްރަށް ވެސް ހޯދައި ބަލަމުން އަންނަ އިރު މުޅި މި ހާދިސާ އޮތީ "ކޮންސްޕިރަސީ ތިއަރީ" އެއްގެ ތެރޭގަ އެވެ. ވަރަށް ގިނަ ބަޔަކު ކުރާ ސުވާލަކީ ޑިންގީ ބަނޑުން ޖަހަލައިގެން ޝިމާ ހަމަ ގެއްލުނީ ހެއްޔޭ އެވެ؟

22 ފެބުރުއަރީ، ހުކުރު ދުވަސް

ޝިމާއަކީ އުމުރުން 19 އަހަރުގެ މަންމައެކެވެ. ދުވަހަކުވެސް ކައިވެންޏެއް ކޮށްފައި ނުވާ ޝިމާގެ 18 މަހުގެ ތުއްތު ކުއްޖަކު އޮވެ އެވެ. އެ ކުއްޖާ ބަލަނީ އޭނާގެ މާމަ އެވެ. އެހެން ކަމުން ހުކުރު ދުވަހު މާލެއިން ރަށަށް ދާން ކައްދޫއަށް ދިޔައީ ޝިމާ އެކަންޏެވެ.

ޝިމާގެ މަންމަ ޝިރުމީނާ އަހްމަދު ބުނި ގޮތުގައި ހާދިސާ ހިނގި ދުވަހުގެ ކުރިން ޝިމާ މަސައްކަތް ކުރަމުން އައި ރިސޯޓުގެ ވަޒީފާއިން ވަކިވެ މާލެއަށް ބަދަލުވި އެވެ. އަދި ޖެހިގެން އައި ދުވަހު އެނބުރި ރަށަށް ދިއުމަށް މާލެއިން ކައްދޫއަށް ދަތުރު ކުރުމުން ކައްދޫއާ އެއް ފަހަށް ގުޅިފައިވާ ގަމުން އޭނާ އާ ހަވާލުވީ ޝިމާ ގެއްލުނު ހާދިސާގައި ޑިންގީ ދުއްވަން ހުރި ޝިމާގެ ރަހުމަތްތެރިއެއް ކަމަށްވާ ފަޒީލެވެ.

އޭނާގެ އުމުރާއި ޝިމާގެ އުމުރާ ދެމެދު ހުރީ ފަސް އަހަރުގެ ތަފާތެކެވެ. އެހެން ކަމުން މިއީ ގާތް ދެ ރަހުމަތެރިންތޯ ނޫނީ އެއަށްވުރެ ގާތް ދެ ރަހުމަތްތެރިތޯ އެއީ މީހުން އުފައްދާ ސުވާލެކެވެ. މި ސުވާލުގެ ޖަވާބު ބައެއް ހަބަރުތަކުން ފޭސްބުކުގައި ދީފައި ވެއެވެ. -- އަމިއްލައަށް ހޯދައިގެން ބަލާލާށެވެ --

އެކަމަކު ޝިމާގެ އާއިލާގެ ބައެއް މެންބަރުންނާ ހަވާލާދީ ބައެއް ނޫސްތައް ބުނާ ގޮތުން ރަހުމަތްތެރިކަން ފިޔަވައި ޝިމާ އާއި ފަޒީލާ ދެމެދު އެއްވެސް ގުޅުމެއް ނޯވެ އެވެ. ޝިިމާގެ މަންމަ ބުނާ ގޮތުން އެ އިބާރާތް އޮންނަނީ މިހެނެވެ: "ފަޒީލަކީ ޝިމާގެ ދުވަސްވީ ރައްޓެއްސެކެ" ވެ. "އަދި ޝިމާގެ ދެ ކޮއްކޮއާ ވެސް ފަޒީލް ރައްޓެހިވާނެ" އެވެ.

ޝިމާ މާލެއިން ކައްދޫއަށް ދަތުރުކޮށްފައި ވަނީ ފަތިހު މާލެއިން ފުރި ފްލައިޓަކުންނެވެ. އެހެން ނަމަވެސް ރަށަށް ނުދެވިގެން ލަސްވެ ގުޅިފައިވާ ގަމުގައި ހުރީ ހުކުރު ދުވަހުގެ މެންދުރު މާމެންދޫއަށް ދަތުރު ކުރާ ފެރީއާ ޝިމާއާ ލައްވާ ނުލައިގެނެވެ.

"ޝިމާ އެދުވަހު ފަތިހު ފްލައިޓުން ކައްދޫއަށް އައީ. ދެން ގަމުން ދިމާވީ ފަޒީލު އާ،" ޝަރުމީނާ ބުންޏެވެ.

މަންމަ ބުނާ ގޮތުން ގަމުން ފަޒީލުއާ ދިމާވެގެން ރަށަށް އާދެވެދެން ޝިމާ ގަމުގައި މަޑު ކުރީ "ފަޒީލު ޝިމާ ބެހެއްޓި ތަނެއްގަ" އެވެ.

"އަޅުގަނޑަކަށް ނޭނގޭ އެއީ ގަމުގެ ކޮންތަނެއްގައި ކަމެއް،" އޭނާ ބުންޏެވެ. "މެންދުރުގެ ފެރީ ކެޓުމުން އަޅުގަނޑަށް ގުޅާފައި ބުނި ފެރީ މިސްވެއްޖޭ ފަޒީލު އާއެކު ހަވީރު ޑިންގީ އެއްގައި ރަށަށް ދާނަމޭ،" އޭނާ ބުންޏެވެ. -- އެހެން ބުނި ނަމަވެސް ހުކުރު ފެރީއެއް ނޯވެ އެވެ.

ގަމަކީ ރާއްޖޭގެ އެންމެ ބޮޑު ރަށެވެ. ގައުމުގައި ރަސްމީ ތިން އަވަށް އޮވެ އެވެ. އެއީ މުކުރިމަގާއި މަތި މަރަދޫ އާއި ތުނޑި އެވެ. މީގެ އިތުރަށް އެ އަތޮޅު މުންޑޫ މީހުންނާއި ކަޅައިދޫ މީހުންނާއި ގއ. ދިޔަދޫ މީހުން އާބާދުވެފައިވާ "ސިޓީ" އެއް ވެސް އޮވެއެވެ. ޝިމާ މަޑުކޮށްފައި ވަނީ އެއިން ކޮން ހިސާބެއްގައި ކަން އަދި ސާފެއް ނުވެ އެވެ. ފަޒީލްއާ ގުޅޭ ގޮތެއް އަދިއެއް ނުވެ އެވެ.

ގަމުގައި ހުރުމަށް ފަހު ފުރަމުން "މި ފުރަނީ" ކަމަށް ބުނެ ފޯނުން ޝިމާ މެސެޖެއް ކުރި އެވެ. އޭގެ ފަހުން ޝިމާގެ ހަބަރެއް ނުވާއިރު ގެއަށް އައި ހަބަރަކީ ޝިމާ ދަތުރު ކުރި ޑިންގީ ބަންޑުންޖަހާލައި އޭނާ ގެއްލުނު ހަބަރެވެ. ޝިމާ ހަމަ ގަމުން ފުރިތޯ ޝައްކެއް އުފެދޭ ހިސާބަކީ މިއެވެ.

ދުވަހާއި މޫސުމާއި ނަކަތް

ފެބުރުއަރީ 22، 2019 ލައްވާލާ ހުކުރު ދުވަސް މޫސުމުން ދިމާވާނީ އިރުވައި މޫސުމުގެ ހަވަނަ ނަކަތް، "ހިޔަވިހާ" އާ އެވެ. މި ނަކަތް ބުނާ ގޮތުން ކަނޑު އޮންނާނީ ވަރަށް ހިމޭން ކޮށެވެ. ދުވާލާއި ރޭގަނޑުވެސް އޮންނާނީ އާދައި މޫސުމެއްގަ އެވެ. ވައި ޖެހޭނީ އުތުރުން ހުޅަނގަށެވެ. ވައި ޖެހޭނީ ނުވަ މޭލުގެ ބާރު މިނުގަ އެވެ. މި މޫސުގައި ބާރު އޮއެއް ނާޅާނެ އެވެ. އެކަމަކު ދޭތެރެ ދޭތެރެއިން އޮއި ގަދަވާނެ އެވެ. އެ އޮއި ދަމާނީ ރަށާ ގާތަށެވެ.

ޝިމާ ދަތުރު ކުރި ކަމަށް ބުނާ ޑިންގީ ފުރޮޅައިލި ސަރަހައްދުގައި ގާދޫ އާއި ސިކްސް ސެންސް އޮތް އިރު މިހާތަނަށް އެއިން ރަށަކުން އޭނާގެ ހަބަރެއް ނެތެވެ. އަދި ބޭރު އޮޔެއް އެޅި ނަމަވެސް ބޭރަށް ދަމައިގަތް ކަމުގެ ނިޝާނެއް ވެސް މިހާތަނަކަށް ނެތެވެ. ޝިމާ އާއެކު ފަޒީލު މާމެންދޫއަށް ދަތުރު ކުރި ޑިންގީއަކީ ކޮންހަލަ ޑިންގީއެއް ކަމެއް ނޭނގޭ އެވެ. އަދި އޭގައި އަޅާފައި ތިންހޯސްޕަވަރުގެ ދުވެއްޔެއް ހިމެނޭ އިންޖީނެކެވެ. މިފަދަ މޫސުމުގައި ވެސް ޑިންގީއެއް ބަނޑުޖަހާލުމަކީ ވެދާނެ ކަމެކެވެ. އެކަމަކު އެހެންވާނީ ޑިންގީގެ ކިއްސަރާއި ދުވެއްޔާއި މޫސުމުމާއި ރާޅުވެސް ހުރި ގޮތަކުންނެވެ. މިންވަރުން އެހެން ވުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެންނަމަ މާޒީގައި މިދެ ދެމެދު އެފަދަ ގިނަ ހާދިސާތަކެއް ހިނގައި ރިޕޯޓްވީހެވެ.

ޖަވާބު ނުލިބޭ ސުވާލު ތަކެއް؟

ހައެއްކަ ފޫޓުގެ ޑިންގީގައި ޝިމާ އާއި ފަޒީލް މާމެންދޫއަށް ދަތުރު ކުރަނިކޮށް ޑިންގީ ބަންޑުން ޖަހާލީ އެވެ. މިވެސް ސުވާލެކެވެ. ހަމަ ބަންޑުން ޖަހާލީ ހެއްޔެވެ؟ ފައިބަރު ޑިންގީ ކޮބައި ހެއްޔެވެ؟ އެވަރުގެ ކުޑަ ޑިންގީ އެއްގައި އިރު އޮއްސުމަށްފަހު ދަތުރު ކުރަން ނިންމީ ކީއްވެގެން ހެއްޔެވެ؟

ޝަރުމީނާ ބުނާ ގޮތުގައި، އޭނާއަށް ހަބަރު ލިބުން ގޮތުން އެ ދެމީހުން ޑިންގީގައި ރަށަށް އަންނަން ނައްޓާލީ އާންމުކޮށް ވެލާ އަރާ ގާދޫގެ އެންމެ ދުރު ރޫޓުން ރަށަށް އައުމަށެވެ. މާނައަކީ އެމީހުން ދަތުރު ކުރާނީ ދަށް ފަރާތުން ގާދޫ ވަށާލާފަ އެވެ. އެކަމަކު މާމެންދޫއަށް ދެވެން އޮތް އެންމެ ފަސޭހަ މަގުގެ ބަދަލުގައި އެންމެ ދުރު މަގުން ރޭގަނޑު ދަތުރު ފެށީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. މިއީ ޝަރުމީނާ ކުރާ ސުވާލެކެވެ. ލާމު އަތޮޮޅަށް ނިސްބަތްވާ ބައެއް މީހުން ވެސް ފޭސްބުކްގައި މި ސުވާލުކޮށްފައި އެބަހުއްޓެވެ.

ޝިމާ ކަނޑަށް ގެއްލިފައި ފަޒީލް ސަލާމްވި ހާދިސާއާ ގުޅިގެން ސުވާލުތައް ކުރާ މީހުން ފުރަތަމަ ފަށަނީ މިހެނެވެ؛ "މި ޑިންގީ ބަންޑުން ޖަހާލުމުން ޑިންގީގައި ޝިމާއާއެކު ދަތުރުކުރި ފަޒީލު ފަތާފައި ގޮސް ކައިރީގައި އޮންނަ ސިކްސް ސެންސަސް ރިސޯޓަށް އަރައި ސަލާމަތްވީ ކިހިނެތް ހެއްޔެވެ؟ ގުޅޭ ހާލަތުގައި އޮތް ފޯނުވެސް އޮވެފައި އެލިގަނަވޭ ގޮތަށް ބަނޑުންވެފައި އޮތް ޑިންގީގަނޑު ވެސް އޮއްވާ ދެމީހުން މަޑުކޮށްފައި ފޯނުން ނުގުޅައި "ވީހާލެއްވާން" ޝިމާ ދޫކޮށްލާފައި ފަޒީލް ވަކިވީ ކީއްވެގެން ހެއްޔެވެ؟ ޑިންގީގައި އެލެވެން އޮއްވާ ފުރާ ޕެޓްރޯލް ހުރި ހަމެއް ކަނޑުވެފައި ތިބެގެން ހުސްކޮށް އޭގައި ފްލޯޓް ކުރެވޭނެ ގޮތް ހެދި ކަމަށް ބުނެ އެވެ. އަދި އެއް ވާހަކަ އެވެ. އަވަސްގެ ގްރެފިކްސް ޖާނަލިސްޓަކު ކުރަހާފައިވާ ހާދިސާގެ ގްރެފިކްސް އިން ދައްކާ ގޮތާއި ފަޒީލް ފެތި ކަމަށް ބުނާ ރޫޓާއި އޭރު އޮންނާނެ މޫސުމާއި އޮއި ހުންނާނެ ގޮތާއި ދިމައެއް ނުވެއެވެ.

ބައެއް މީހުން ބުނާ ގޮތުގައި ޝިމާ ދަމައިގަތީ އެވެ. އެކަމަކު ފްލޯޓް ކުރުވަން ހަމެއް ދެވޭވަރަށް ތައްޔާރުވި އިރު ފަތަންވެސް ނޭނގޭ ޝިމާ ދަމައި ނުގަތް އޮޔާ ދެކޮޅަށް ފަޒީލް ދަމައި ނުގަނެ ފަސޭހައިން ރިސޯޓަށް އެރީ ކިހިނެއް ހެއްޔެވެ؟

ޝިމާގެ މަންމަ ބުނާ ގޮތުގައި ހާދިސާ ހިނގައިގެން ކަނޑުމަތީގައި ވީ ގޮތެއް ވެފައި ފަތާފައި ގޮސް ފަޒީލް ރިސޯޓަށް އެރުމަށްފަހު އެންމެ ފުރަތަމަ ގުޅީ އޭނާގެ ރައްޓެއްސަކަށް ކަމަށް ބުނާ އަޑު އިވެއެވެ. ކޯސްޓް ގާޑަށް ގުޅީ އެ ރައްޓެހި މީހާ ކަަމަށް ބުނާ އަޑުތައް ވެސް އުޅެ އެވެ. އަދި އެވާހަކަ އެކި ދިމަ ދިމާއިން އަން ގޮތުގައި ތަފާތުތަކެއް ހުރެއެވެ.

މީހަކު ފޭސްބުކްގައި ސުވާލެއް ކޮށްފައި އޮވެ އެވެ: "އަމިއްލަ އަށް ކޯސްޓް ގާޑަށް ނުގުޅައި ފަޒީލް ރައްޓެއްސެއް މެދުވެރިކޮށް ގުޅުމުގެ ބޭނުމަކީ ކޮބައި؟"

އެއީ އޭނާއަށް އުފެދުނު ސުވާލެވެ. ބައިވަރު މީހުން ބައިވަރު ސުވާލު ކުރާއިރު އެހެން މީހަކު ބުނަނީ މިހެނެވެ. ކައިރީގައި އޮތް ގާދޫއަކީ އަދި އިހަށް ދުވަހު މީހުން ފައިބައިގެން ދިޔަ ރަށެކެވެ. އެ ރަށަށް ރަނގަޅަށް ބަލައިބަލާށޭ އެވެ. އެއީ އޭނާގެ ވާހަކަ އާއި އޭނާ ޝައްކު އުފައްދާ ގޮޮތެވެ.

ޝިމާގެ މަންމަ ބުނި ގޮތުގައި ދަރިފުޅު ގެއްލިގެން އުޅޭ ހަބަރު ލިބުމާއެކު، ޝިމާ އަތުގައި ފަޒީލުގެ ފޯނު އޮތް ކަން އެނގުމުން ޝިމާގެ ކޮއްކޮ އެ ފޯނަށް ގުޅޭތޯ މަސައްކަތް ކުރި އެވެ. އަދި އެ ފޯނަށް އެ ރޭ ދެ ފަހަރަކު ރިންގުވެސް ވި އެވެ. އަދި ބިޒީވެސް ކޮށްލި އެވެ!؟

އެ ވާހަކަ ޝިމާގެ މަންމަ ބުނި ގޮތަށް މިއޮތީ އެވެ: "ފުރަތަމަ ފަހަރު ގުޅީމައި ރިންގް ވި، ދެވަނަ ފަހަރުވެސް ރިންގް ވެފައި ދެން ބިޒީ ކޮށްލީ. ދެން ގުޅުމުން ބުނީ ފޯނު ނިވާލާފައިވާ ކަމަށް. އޭގެ ފަހުންވެސް ގުޅޭތޯ ވަރަށް މަސައްކަތް ކުރިން. ފަހުން އެއްގޮތަކަށް ވެސް ނުގުޅޭ"

ޑިންގީ ބަންޑުން ޖަހާލައިގެން ގެއްލުނު ޝިމާގެ ތަހުގީގަށް އެއްވެސް ކުރި އެރުމެއް އަދި ނުލިބިވާއިރު ގެއްލުނު ޑިންގީި ވެސް އަދި ނުފެނެ އެވެ. ދުރަށް ފެންނާނެ އަލިގަދަ ރީނދޫ ހަމެއް ވެސް ނުފެނެ އެވެ. ކޯސްޓްގާޑާއި ފުލުހާއި އާއިލާ އާއި އާންމުން ޝިމާ ފެނޭތޯ މަތީގައި އަތް ފުނާ އަޅައި އަޑީގައި ހުރިހާ ގަލެއް ފުރޮޅައި ވެލާ އަރާ ގާދޫ ވެސް ބަލައި ހަދައިފި އެވެ. އަދިވެސް ބަލަނީ އެވެ. ފުލުހާއި ސިފައިން ފިޔަވައި ހުރިހާ ދިމާއަކުން ވެސް ބުނަނީ ޝިމާ އާއެކު ޑިންގީގައި ދަތުރުކުރި އެކުވެރިޔާ ދައްކާ ވާހަކަ މުޅީން ކަށަވަރު ނުވާތީ ހަމަ މި ސުވާލުތައް ކުރެވެނީ ކަމަށެވެ. ސުވާލަކީ ޝިމާ ހަމަ ކަނޑަށް ޣަރަގުވީ ހެއްޔެވެ؟ އަޅެ އަދި ބަލައި ބަލާށެވެ.