ރިޕޯޓް

އަމީންގެ އުންމީދަކީ ހުޒާމުގެ "ހަޔާތުގެ ވާހަކަ" ފުރިހަމަ ކޮށްދެއްވުން

ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ލަވަކިޔުންތެރީންގެ ތެރޭގައި ހިމެނޭ މުހައްމަދު ހުޒާމް ވަނީ މިރޭ ކުއްލި ގޮތަކަށް ނިޔާވެފައެވެ. ހުޒާމް ނިޔާވީ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލް އެވެ. ހުޒާމްގެ ކުއްލި ވަކިވުމާއެކު އޭނާގެ އެކުވެރީންްނާއި ސަޕޯޓަރުން ގެންދަނީ ހިތާމަ ފާޅު ކުރަމުންނެވެ. އާއިލާއަށް ހެޔޮ އެދުމާއި ތައުޒިޔާ ފޮނުވަމުންނެވެ. އެންމެ އެކުވެރީން ގެންދަނީ ހުޒާމްގެ އެކި ހަނދާންތައް އައު ކުރަަމުންނެވެ.

ހުޒާމްގެ އަޑުން އިވިގެން ދިޔަ އެންމެ ހިތްގައިމު ލަވަތަކުގެ ތެރެއިން އެއް ލަވައަކީ ކުޅަދާނަ ޅެންވެރިޔާ އަދި ކުރީގެ މިނިސްޓަރު އަމީން އިބްރާހިމް ހެއްދެވި "ދޮންކަނބުލޮ ނިދާލާށޭ" މި ލަވައެވެ. މިއީ ރާއްޖޭގައި އެންމެ މަޝްހޫރު ވި އެއް ލަވައެވެ. އެ ލަވަ އުފެއްދީއްސުރެ މިހާތަނަށް ފަނޑުކަމެއް އައިސްފައި ނެތް ލަވައެކެވެ. ދިވެހީންގެ ހިތްތަކާއި ކުޅެލި އުފެއްދުމެވެ. އަމީން އާއި ހުޒާމްއަކީ ވަރަށް ގާތް ދެ އެކުވެރީންނެވެ. ހުޒާމް ވަކިވުމުގެ ހިތާމާގައި އަމީން ވަނީ ޕޭސްބުކްގައި ވަރަށް ހާއްސަ ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓްގައި ހުޒާމް ކުރަން ބޭނުންވި އެހެނަސް ނުވެ އޮތް ވަރަށް މުހިންމު މަސައްކަތެއްގެ ވާހަކަ ހިއްސާ ކުރައްވާފައިވެއެވެ.

އަމީން ވިދާޅުވި ގޮތުގައި ހުޒާމާ އެންމެ ފަހުން ބައްދަލުވުމުގެ ފުރުސަތު ލިބުނީ އޯގަސްޓް 7، 2014 ގައެވެ. ރޭގަނޑު 10 ޖެހިއިރު ވެވުނު ބައްދަލްވުން ނިމުނީ ފަތިސް ނަމާދަށް ބަންގި ގޮވަން ކައިރިވެފައި ވަނިކޮށެވެ.

"އޭގެ ފަހުން ކަން ދިމާކުރި ގޮތުން އުޅެން މި ޖެހުނީ ވަރަށް ދުރުގައި. އެ ބައްދަލްވުމުގައި އަޅުގަނޑުމެން ދިމާނުވެ ދިޔަ ދުވަސްތަކުގެ ހަޔާތުގެ އެކި ސަފުހާތައް ހިއްސާކުރި. އެކި ވަގުތުތަކުގައި ދިމާވި ގޮންޖެހުންތަކާއި ހިތި ތަޖުރިބާތަކާއި ކަންކަން ހިނގައިދިޔަގޮތުގެ ތަފްސީލްތައް ކިޔާދިން. އެންމެ ބޭނުމެއްގައި. އެއީ އޭނާގެ ހަޔާތުން އޭނާގެ ކުދިން ދަސްކުރަން އެދޭ ފިލާވަޅުތަކުގެ މައްޗަށް ހަދަން ބޭނުންވާ އޭނާގެ "ހަޔާތުގެ ވާހަކަ' ޅެމުން އެކުލަވާލުން،" އަމީން ވިދާޅުވިއެވެ.

އެ ޅެމުގެ ވަޒަން އޮންނަންވީ ގޮތުގެ ތަސައްވުރެއް އެރޭ ހުޒާމް ދެއްވިއެވެ. އަމީން ވަނީ ފޯނަށް އެ މަންޒަރު ރެކޯޑު ކުރައްވާފައެވެ. އެ ވީޑިއޯވެސް އަމީން ވަނީ މިރޭ ހިއްސާ ކުރައްވާފަ އެވެ. މީގެ އިތުރުން އެރޭގެ އެބައްދަލްވުމުގެ ހަނދާނީ ފޮޓޯވެސް ހިއްސާ ކުރެއްވިއެވެ.

"އަލުން އަޅުގަނޑުމެން ބައްދަލްވެގެން އެ މަސައްކަތް ނިންމަން އުންމީދުކޮށްގެން ހުރި ނަމަވެސް, އެކަން ނިންމާލެވުމުގެ ކުރިން ހުޒާމް އަޅުގަނޑުމެނާ ވަކިވެގެން ތިޔަ ދިޔައީ. މިއީ ދުނިޔޭގެ އާދަ. ވަގުތު އެއްވެސް އިރަކު އަޅުގަނޑުމެނަކަށް އިންތިޒާރެއް ނުކުރެ. ޙަޔާތް ދަތުރު ކުރަނީ މާ މަތިވެރި ފަރާތެއް ތަދުބީރެއްގެ މަތިން. އެކަމަކު އިރާދަކުރެއްވިއްޔާ އެމަސައްކަތް ނިންމާލުމުގެ ތައުފީގު الله އަޅުގަނޑަށް ދެއްވާށި،" ހުޒާމްގެ އުންމީދު ފުރިހަމަ ކޮށްދެއްވުމުގެ އުންމީދުގައި ހުންނެވިކަން ހާމަކުރައްވާ އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި ހުޒާމަކީ އޭނާގެ ލަވަކިޔުމުގެ ފަންނުގައި ޗެމްޕިއަނެކެވެ. ރާއްޖޭން މަދުން ނޫނީ ނުފެންނަ ވަރުގެ ކުޅަދާނަ ފަންނާނެކެވެ. އަދި އުނގެނި ދަސްކޮށްގެން ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަކޮށް ހުށަހެޅުންތައް ހުށަހަޅާ ދެމުން ދިޔަ ދެވަނައެއް ނުވާފަދަ ލާމަސީލް އުފެއްދުންތެރިއެކެވެ.

"އަޑު މަޚުރަޖާއި މިޔުޒިކުގެ ހަމައާއި އޭގެ އިޙްސާސްތަކާއެކު އޭނާ ވިރުވާއެޅި, ޒަމާންތަކަށް ދެމިހުންނާނެ އެތައް ހިތްގައިމު ހުށަހެޅުންތަކެއް ވަނީ ނުކުމެފައި. އަދި ނުނުކުމެވެސް އެބަހުރި. އެއީ ތައުލީމީ ގާބިލް, ކުރާ ކަމެއް މޮޅަށް ކުރާ އިންޖިނޭރެއް. އިންސްޓްރަކްޓަރެއް. ލެކްޗަރާއެއް. ލަވަކިޔުންތެރިއެއް. މިޔުޒިޝަނެއް. ކުދިން ދެކެ ލޯބިވާ ބައްޕައެއް އަދި ވަފާތެރި ފިރިއެއް،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި ޒާތީ ދިރިއުޅުމުގެ އެކި ކުންނުތަކުގައި ވަރަށް ބަދަހި މަސައްކަތްތަކެއް އެކުގައި ކުރެވިފައިވެއެވެ. އޭގެ ތެރެއިން އެއް މަސައްކަތަކަކީ "ދޮންކަނބުލޮ ނިދާލާށޭ" މި ނާނާ ކަމަށް ވިދާޅުވިއެވެ.

"އެއީ ހުޒާމްގެ އެތައް ދުވަހެއްގެ ބުރަ މަސައްކަތާއި އުފެއްދުންތެރިކަމުގެ ލާމަސީލް މިސާލެއް. އެތައް ބައެއްގެ ލޯތްބާއި ތައުރީފު އޮހިއޮހި ހުރި މަސައްކަތެއް. މީގެ އިތުރުންވެސް ފަންނީ މުބާރާތްތަކާއި ހަރަކާތްތަކުގައި އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރީމު. ދިރިއުޅުމުގެ ހަނގުރާމައިގައި އެކި ޒާތުގެ އަޑިގުޑަންތައްވެސް އެކި ފަހަރުމަތިން ހިއްސާ ކުރީމު،" ހުޒާމަށް ތައުރީފު ކުރައްވާ އަމީން ވިދާޅުވިއެވެ.