ރާއްޖޭގެ ސިއްހީ ނިޒާމް ބޮއްސުންލައިފައި އޮތް އޮތުމަކީ ދިވެހިންގެ ތެރޭގައި އަބަދުވެސް ހުއްޓުމެއް ނެތި ދައްކަމުން އަންނަ ވާހަކައެކެވެ. އެކި ދުވަސްވަރު މަތިން އެކި ހާދިސާތައް ހިނގައި އެކަމާ ގުޅިގެން މެދު ނުކެނޑި ރައްޔިތުން އަޑުއުފުލަ އެވެ. ހާއްސަކޮށް ކޮވިޑް-19 އިގެ ބިޔަ ރާޅު ރާއްޖެއަށް ބިންދައިލުމާއިއެކު، ސިއްހީ ދާއިރާގެ އިހުމާލުގެ އެތައް ހާދިސާއެއް ފެނެއްޖެ އެވެ. ކޮވިޑުގެ ބަލާއާފާތުގެ ތެރެއިން އެތައް ފުރާނައެއް ގެއްލެއްޖެ އެވެ. "ކޮވިޑް މަރެއް" ގެ ގޮތުގައި ލޭބަލް ކުރި ނަމަވެސް ސިއްހީ ހިދުމަތްތެރީންގެ އިހުމާލުން ކިތައް ފުރާނަ ގެއްލި ހިނގައްޖެ ހެއްޔެވެ. ކޮވިޑްގެ ކަންކަން މެނޭޖް ކުރުމުގައި ރާއްޖެ ވަރަށް ބޮޑަށް ފެއިލްވެފައިވި ނަމަވެސް މުޅި ރާއްޖޭގެ ސިއްހީ ފުށުން ޖެހި ފެއިލް ކޮށްލީ ކޮވިޑްގެ ހާލަތޭ މުޅީން ބުނެވޭނެ ޖާގައެއް ނެތެވެ. ކޮވިޑް-19 އިގެ ކުރިން ވެސް ރާއްޖޭގެ ސިއްހީ ނިޒާމް އޮތީ ހަރުދަނާކޮށެއް ނޫނެވެ.
އެފަދަ ހާދިސާއެކެވެ. ކޮވިޑް ބަލީގައި ފަރުވާ ނުދެވި ލަސްވުމުގެ ސަބަބުން އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މި ދުނިޔެއާއި ވަކީވީ އެވެ. މިޝްކާގެ މަރާއެކު މުޅި ރާއްޖެ ހުއްޓުން އެރި އެވެ. މުޅި ގައުމު ކަރުނަ އެޅި އެވެ. އެ ހާދިސާ ހިނގައިދިޔަ ގޮތް ނޭންގޭ ދިވެހި ރައްޔިތަކު ނެތެވެ. އެހާވެސް އިހުމާލު ބޮޑެވެ. ކަން ހިނގައިދިޔައީ ހިތައް ކުޅަދާނަވާހާ ވެސް ހިތާމަވެރި ކޮށެވެ. އެ މަރަށްފަހު ފިސާރި ބޮޑު ތަހުގީގެއް ހެލްތު މިނިސްޓްރީއިން ހިންގި އެވެ. އެއަށްފަހު ބޮޑު ރިޕޯޓެއް އާންމުކުރި އެވެ. ފެނިގެން ދިޔައީ ހުސް އިހުމާލެވެ. ރާއްޖޭގެ ސިއްހީ ނިޒާމް ފެއިލްވެފައިވާކަން ރަގަޅަށް ވެސް ސާބިތުވެގެން ދިޔަ އެވެ. އެކަމަކު އެ ރިޕޯޓަށްފަހު ވީކަމެއް ނެތެވެ.
އަނެއްކާވެސް އަނެއް މަރެވެ. ޏ. ފުވައްމުލަކަށް ނިސްބަތްވާ އުމުރުން އެންމެ ފަސް އަހަރުގެ ސަދާ ސައުދުﷲ އަހުމަދު މިމަހުގެ ތިން ވަނަ ދުވަހު މަރުވީ ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ. ސަދާ ހޮސްޕިޓަލަށް ގެންދިޔައީ ހޮޑުލެވި ބަނޑުގައި ވަރަށް ބޮޑަށް ރިއްސާތީ އެވެ. އެކުޑަކުޑަ ފުރާނަ މި ދުނިޔެއާއި ވަކިވެދިޔައީ ހޮސްޕިޓަލުން އެކުއްޖާ ގަޔަށް ޖެހި އިންޖެކްޝަނެއްގެ ސަބަބުންނެވެ. އިންޖެކްޝަން ޖެހިތަނާހެން އިރުކޮޅެއްގެ ތެރޭގައި ސަދާގެ ފުރާނަ ދިޔަ ކަމަށް އާއިލާގެ މެމްބަރަކު ބުންޏެވެ. އާއިލާގެ ތުހުމަތުތަކާ ގުޅިގެން ހެލްތް މިނިސްޓްރީއިން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އިއުލާނު ކުރި އެވެ. އެއާއިލާއިން ވެސް އެދިއެދި ތިބީ އެ މަރަށް އިންސާފު ލިބޭނެ ދުވަހަކަށެވެ. މާޒީގައި ކަންހިނގާފައިވާ ގޮތުން އިންސާފު ލިބޭނެ ކަމާމެދު ސުވާލުވެސް އުފެއްދި އެވެ.
ސަދާގެ މަރުގެ ހިތާމައިން އަރައި ނުގަނެވިގެން އުޅެނިކޮށް އަނެއްކާ އަނެއް މަރެވެ. ގދ. ތިނަދޫގައި ތިން މަހުގެ ކުއްޖަކު މަރުވީ އެރަށު ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިހުމާލުން ކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ. އެކުއްޖާ ހޮސްޕިޓަލަށް ނުގެންދެވުނީ ހޮސްޕިޓަލުން ދެކޮޅު ހަދަމުން ދާތީ އެވެ. އެކުއްޖާ ބޭރަށް ހިންގާތީ އެމްބިއުލާންސް ފޮނުވައިދޭން އެދުނުތާ ދެގަޑިއިރު ފަހުން އެމްބިއުލާންސް ފޮނުވިއިރު، ކުއްޖާ ގޮވައިގެން އާއިލާގެ މެމްބަރަކު ހޮސްޕިޓަލަށް ދިއުމަށް ވެސް ހޮސްޕިޓަލުން ދިޔައީ ދެކޮޅު ހަދަމުން ކަމަށް އާއިލާ އިން ބުނެ އެވެ. އެވަގުތު އެ އާއިލާގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ ބަޔަކު ތިބުމުން ހޮސްޕިޓަލުން ތަކުރާރުކޮށް ބުނަމުން ދިޔައީ ކުއްޖާ ގެންދަން ޖެހޭނީ ކޮވިޑް ފެސިލިޓީއަށް ކަމަށާއި ބަލައި ދާންދެން ގޭގައި މަޑުކުރުމަށެވެ. ކޮވިޑު ފެސިލިޓީއަށް ގެންދިއުމަށް ފަހު ވެސް ފަރުވާނުދީ ދޮޅު ގަޑިއިރު ބޭއްވި އެވެ. ފަރުވާ ލަސްވެ އެންމެ ތިން މަހުގައި ދިރިހުރުމުގެ ހައްގު ލިބިފައިވާ އެ ކުއްޖާ މަރުވީ އެވެ. އެ މައްސަލައިގައި އެއްވެސް ކުރިއެރުމެއް ނުލިބެ އެވެ. އަނެއްކާވެސް ހެލްތް މިނިސްޓްރީއިން ބުނީ އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މިއީ ފަހުގެ ތާރީހެއްގައި ތާޒާކޮށް އަޅުގަނޑުމެންނަށް ފެންނަން ހުރި އިހުމާލުގެ މައްސަލަތަކެވެ. ނޫސްތަކުގެ ފަލަ ސުރުހީއަށް ނާރާ މިފަދަ އެތައް މައްސަލައެއް އަދި އުޅޭނެ އެވެ. ކިތަންމެ ވަރަކަށް ވެސް މިނިސްޓްރީއިން ތަހުގީގު ކުރާކަމަށް ބުނި ނަމަވެސް މިހާތަނަށް ރަގަޅު ތަހުގީގެއް ހިންގައި އިހުމާލުވި މީހުންނާމެދު ފިޔަވަޅެއް އެޅިފައެއް ނެތެވެ. ތަހުގީގު ކުރުމަށްފަހު ދައުވާ ވެސް އުފުލަން ޖެހޭނެ އެވެ. ފުރާނައެއްގެ އަގަކީ ވަޒަން ކުރެވޭނެ އެއްޗެއް ނޫން ނަމަވެސް ބަދަލު ވެސް ނަގައިދޭން ޖެހޭނެ އެވެ.
ސިއްހީ ހިދުމަތްތެރިންނަކީ އެމީހުންގެ ކޮނޑުގައި ވަރަށް ބޮޑު ޒިންމާތަކެއް އެޅިފައިވާ ބައެކެވެ. އެދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުން ފެށިގެން އެމްބިއުލާންސް ދުއްވަން އިންނަ ޑްރައިވަރަކީ ވެސް އެ ޒިންމާ ބޮލުގައި އެޅިފައިވާ މީހެކެވެ. މީހުންގެ ފުރާނަ އަތްމައްޗަށް ލައިގެން އެމީހުންގެ ހައްގުގައި އެތައް ގުރުބާނީއެއް ވާން ތައްޔާރަށް ތިބޭންޖެހޭ ބައެކެވެ. ތެދެކެވެ. ޑޮކްޓަރުން އެމީހުންގެ ޒިންމާ ފުރިހަމައަށް އަދާކުރެ އެވެ. ނަމަވެސް މިފަދަ ހާދިސާތައް ހިނގަން މެދިވެރިވަނީ ކީއްވެ ހެއްޔެވެ؟
"އެފަދަ ހާދިސާތައް ހިނގަނީ ހަރުދަނާ ނިޒާމެއް ނެތީމަ. ކޮންމެ ފަހަރަކު ޑޮކްޓަރު ނުވަތަ ނަރުހުން ބްލޭމްކޮށްގެން ނުވާނެ. ރަގަޅު ވާހަކައެއް. ދެވޭ ބޭހަކުން ނުވަތަ އިންޖެކްޝަނަކުން މީހެއްގެ ފުރާތަ ހިނގައިދާނެ. އެކަމަކު ގިނަ ފަހަރަށް ނިޒާމުގެ ތެރެއިން ހުންނަ ކަންތައްތަކުގެ ސަބަބުން އެފަދަ ކަންކަން ހިނގަނީ. މިސާލަކަށް ކޮވިޑާ ގުޅިގެން އެތައް ގަވާއިދުތަކެއް ހަދާފައިވާއިރު ޕޭޝަންޓަކު ކިތަންމެ އެމަޖެންސީ ވެގެން ގުޅައި އެމްބިއުލާންސް ފޮނުވަން ބުންޏަސް އިދާރީ މޭޒުގަ އިންނަ ކުއްޖާއަށް މަޖުބޫރުވޭ ހަދާފަ ހުންނަ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަން. އެހެންވީމަ މައްސަލަ މިއުޅެނީ އަޅުގަނޑުމެންގެ ނިޒާމުގަ. އެކަންކަން ބަލަން ޖެހޭނީ. އެހެންނޫނީ މިފަދަ ކަންކަން ރަގަޅެއް ނުވާނެ ދުވަހަކު ވެސް،" ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ބުންޏެވެ.
ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގައި އެމީހުން އަމަލުކުރަން ޖެހޭ ގޮތް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައި އޮވެ އެވެ. އެގޮތުން އެ ގާނޫނުގައި މަސައްކަތުގެ މާހައުލުގައި އަމަލުކުރަންޖެހޭ އާންމު ގަވާއިދު ބުނާގޮތުގައި، ހިދުމަތް ފޯރުކޮށްދިނުމުގައި ނުވަތަ ގަސްދުގައި އެނގިހުރެ އިހުމާލުވުމަކީ ގާނޫނީ ކުށެކެވެ. މަސައްކަތާ ގުޅޭގޮތުން ކަންކަން ނިންމަންޖެހޭ ހާލަތުގައި ސިއްހީ ހިދުމަތުގެ ފަންނަަށް ކުރިއެރުމާއި އިތުބާރު ލިބޭނެ ގޮތެއްގެ މަތިން އަމަލުކުރުމަށް އެ ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ. އެހެންކަމުން މިފަދަ އިހުމާލު މައްސަލަތަކުގައި އެމީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަކީ ލާޒިމް ކަމެކެވެ.
ސިއްހީ ދާއިރާއިން ލިބޭ މިފަދަ އިހުމާލަތަކާ ގުޅޭ ގޮތުން 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް ހުކުމެއް އިއްވި އެވެ. އެ ހުކުމުގައި ބުނެފައި ވަނީ ސިއްހީ އިހުމާލުގެ މައްސަލަތަކުގައި ތިން ރުކުނެއް ސާބިތުވާން ޖެހޭ ކަމަށެވެ. އެއީ ބަލި މީހާއަށް ޑޮކްޓަރުގެ އޮތް މަސްއޫލިއްޔަތާއި، ބަލި މީހާއަށް ލިބުނު ގެއްލުމާއި އަދި ބަލި މީހާއާ މެދު ދިމާވި އިހުމާލަކީ ޑޮކްޓަރުގެ ފަންނީ ކުށެއްގެ ސަބަބުން ދިމާވާ ކަމަކަށްވުމެވެ. އެ ރުކުންތައް ފުރިހަމަވާނަމަ، ޑޮކްޓަރު ނުވަތަ އިހުމާލުވި އިދާރާއަކުން އެކަމުގެ މަސްއޫލިއްޔަތު މަދަނީ އާންމު އުސޫލުގެ ތެރެއިން އުފުލަން ޖެހޭނެ އެވެ.
އެފަދަ ނިންމުމެއް ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ހޮސްޕިޓަލުން ދިން ބޭހެއްގެ ސަބަބުން ތިން އަހަރުގެ ކުއްޖަކު ކަންފަތުގެ އިވުން ގެއްލި ބީރުވި މައްސަލައެއްގަ އެވެ. އެ ހާދިސާ ހިނގީ 2007 ވަނަ އަހަރު އެވެ. މައްސަލަ ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ދަރިފުޅުގެ ހައްގުގައި އިންސާފު ހޯދުމަށް ކުއްޖާގެ ބައްޕަ ހިނގާތާ 12 އަހަރު ފަހުންނެވެ. މައްސަލާގައި ދައުލަތާ ދެކޮޅަށް އޭރުގެ މަދަނީ ކޯޓުގައި ދައުވާކުރީ ކުއްޖާގެ ބައްޕަ ގދ. ފަރެސް، ހަނދުވަރީގެ އަހުމަދު އިހުސާން އެވެ. މަދަނީ ކޯޓުންނާއި ހައިކޯޓުން އިންސާފު ނުލިބުމުން ދެން ދިޔައީ ސުޕްރީމް ކޯޓަށެވެ. މި މައްސަލާގައި އެ ރުކުންތައް ފުރިހަމަވާ ކަމަށް ހުކުމްގައިވެ އެވެ. އެހެންވެ، ހޮސްޕިޓަލް ހިންގާ، ހެލްތް މިނިސްޓްރީ މިކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ހުކުމްގައި ބުނެ އެވެ. ސުޕްރީމް ކޯޓުން ވަނީ އެ ކުއްޖާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 7.1 މިލިއަން ރުފިޔާ ނަގައިދިނުމަށް ދައުލަތުގެ މައްޗަށް ހުކުމްކޮށްފަ އެވެ.
މިފަދަ މައްސަލަތަކުގެ އާހިރު ނަތީޖާއަކީ އިންސާފު ހޯދަން މަސައްކަތްކޮށްފިނަމަ ލިބޭ ކަމެކެވެ. ނަމަވެސް އާދައިގެ މީހާ އިންސާފަށް އެދި ކޯޓުތަކުގައި ސަލާން ޖަހަން ޖެހޭ ކަމެވެ. އެތައް އަހަރެއް އިންސާފަށް އެދި ހޭދަކުރަން ޖެހޭ ކަމެވެ. ދައުލަތުން މިފަދަ ކަންކަމުގައި އެއްބާރުލުން ނުދޭ ކަމެވެ. އިހުމާލުގެ ސަބަބުން ފުރާނަ ގެއްލޭއިރު ޒިންމާ ނަގާނެ ހަމަ އެކަކުވެސް ނެތުމެވެ. މިއީ ހިތާމަ ކުރަން ޖެހޭ ވަރުގެ ކަމެވެ. އަދި ސަރުކާރުން ދެވަނަ ވިސްނުމަކަށް ގޮސް ނިޒާމުގައި މައްސަލައެއް އުޅޭނަމަ ހައްލުކުރަން މާ ލަސްވެފައިވާ ކަމެކެވެ.