އެޗްޕީއޭ

ނޯރޯވައިރަސް އެނގެނީ ކިހާ ވަރަކަށް؟

މާލެ ސަރަހައްދުގައި މިދިޔަ ދެތިން ދުވަހު ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރި ކުއްލިއަކަށް ހޮސްޕިޓަލްތައް ފުރުމުން އާންމުން އިންތިހާއަށް ކަންބޮޑުވި އެވެ. އެއީ ކަމުގެ ހަގީގަތް ސާފުވެފައި ނެތުމުންނެވެ. އެހެންވެ ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުންވެސް އަވަސްވެގަތީ އެހާ ބާރަށް އެހާ ކުއްލިއަކަށް ބޮޑު ރޯގާއެއް ފެތުރެން ދިމާވި ސަބަބު ދެނެގަތުމަށެވެ. އެ މަސައްކަތުން ރޯގާ ފެތުރެން ދިމާވީ ނޯރޯވައިރަސްގެ ސަބަބުން ކަމަށް މިހާރު އެވަނީ ދެނެގަންފަ އެވެ.

ނޯރޯވައިރަސްގެ ސަބަބުން ދިމާވަނީ ކޮންކަމެއް

ނޯރޯވައިރަސް އިންފެކްޝަން ޖެހުމުން ގޭސްޓްރޯއެންޓަރައިޓިސް (ބަނޑާއި ގޮހޮރު ދުޅަވުން) ފަދަ ކަންކަން ދިމާވެ އެވެ. މިކަމުގެ ސަބަބުން ބޭރަށްހިންގުން، ހޮޑުލުން، ބަނޑުގައި ރިއްސުން އަދި މޭނުބައިކުރުން ފަދަ އުދަނގޫތައް ކުރިމަތިވެ އެވެ.

އާންމު ގޮތެއްގައި ދެތިން ދުވަހުގެ ތެރޭގައި ނޯރާވައިރަސްގެ އިންފެކްޝަން ރަނގަޅުވާ ކަމަށް ދެއްކި ނަމަވެސް، އެއަށް ވުރެ ގިނަ ދުވަސް ވެސް ނަގާފާނެ އެވެ. ނޯރޯވައިރަސްގެ ސަބަބުން ދިމާވާ އުދަނގޫތަކާ އެކު ބައެއް ފަހަރު ހޮސްޕިޓަލްގައި އެޑްމިޓް ކުރަންޖެހޭ ހިސާބަށް ވެސް ދެއެވެ. ހާއްސަކޮށް އެންމެ ބޮޑަށް އުދަނގޫ ތަހައްމަލް ކުރަންޖެހެނީ ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނެވެ.

ގައުމުތަކުގެ ތަފާސްހިސާބު

ނޯރޯވައިރަސްގެ ސަބަބުން ފަރުވާ ހޯދަންޖެހޭ އަދި ސިއްހީ ގޮތުން ބަލިކަށި ބައެއް މީހުން މިބަލީގައި މަރުވެފައިވެ އެވެ. ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް 699 މިލިއަން މީހުންނަށް މި ރޯގާގެ އަސަރުކުރާއިރު 200،000 އަށް ވުރެ ގިނަ މީހުން އަހަރަކު މަރުވާ ކަމަށް ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ނޯރޯވައިރަސްގެ ސަބަބުން އެންމެ ގިނަ މީހުން މަރުވެފައިވަނީ ފަގީރު ގައުމުތަކުގައި ނުވަތަ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގައެވެ. އެހެން ދިމާވަނީ އެ ގައުމުތަކުގައި ސާފުތާހިރުކަން ދަށްވުމާއި ރައްކާތެރި ބޯފެން ލިބުން ދަތިވެފައިވާތީ އެވެ.

ނޯރޯވައިރަސް ފެތުރެނީ ކިހިނެއް

ނޮރޯވައިރަސް އެންމެ ބޮޑަށް ފެތުރުމަށް މަގުފަހިވަނީ ބަލި ޖެހިފައި ހުންނަ މީހާގެ ހަށިގަނޑުން ބަލީގެ އަސަރު ފެންނަ ވަގުތާއި އޭނާ ރަނގަޅު ވާން ފަށާ ވަގުތުގައެވެ. ނޯރޯވައިރަސް ފެތުރެނީ ޖަރާސީމް ނޭވާލާނިޒާމުގެ ތެރެއިން ހަށިގަނޑުގެ ތެރެއަށް ވަނުމުންނެވެ. ބަލިޖެހިފައިވާ މީހެއްގެ ހޮޑުން ނުވަތަ ނަޖިހުންވެސް ޖަރާސީމުގެ އަސަރުކޮށްފާނެ އެވެ.

މީގެއިތުރުން ބަލީގެ އަސަރުކޮށްފައިވާ މީހަކު އަތްލާފައިވާ ތަނެއްގައި އަތް ލެވިގެން ނުވަތަ ބަލިޖެހިފައިވާ މީހަކު ތައްޔާރުކޮށްފައިވާ ކާނާ ކެވިގެން ނުވަތަ ބަލިޖެހިފައިވާ މީހަކާ ސީދާ ކޮންޓެކްޓް ވެގެންވެސް ވައިރަސް ފެތުރިދާނެ އެވެ. މިކަންކަން ފާހަގަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ރައްކާތެރިވުމަށް ކުރެވޭނީ ކޮން ކަމެއް

ނޮރޯވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅިދާނެ އެވެ. އެގޮތުން ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ނުވަތަ ކެއުމުގެ ކުރިން އަދި ފާހާނާކުރުމަށްފަހު މަދުވެގެން 20 ސިކުންތު ވަންދެން ސައިބޯނި ލައިގެން އަތް ދޮވުން އާދައަކަށް ހެދުން އެއީ އެންމެ ރަނގަޅު ގޮތެވެ. އަތް ދޮވުމުގެ އިތުރުން ހެންޑް ސެނިޓައިޒާ ވެސް ބޭނުން ކުރެވިދާނެ އެވެ. އެކަމަކު ހެންޑް ސެނިޓައިޒާ އަކީ ނޮރޯވައިރަސް އާއި ދެކޮޅަށް އެންމެ ރަނގަޅު އެއްޗެއް ކަމާ ދޭތެރޭ ސިއްހީ މާހިރުން ހިޔާލުތަފާތުވެ އެވެ.

ކެއުމުގެ ކުރިން މޭވާއާއި ތަރުކާރީ ރަނގަޅަށް ދޮވެގެން ކެއުން އާދަކުރާށެވެ. އަދި ކާތަކެތި ރޯފިލުވާއިރު މަދުވެގެން 62 ޑިގްރީ ސެލްސިއަސްގެ ހޫނުމިނުގައި ކެއްކުމުން ނޯރާވައިރަސް މަރުވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ނޯރޯވައިރަސް އިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ޑީހައިޑްރޭޓްވުން ނުވަތަ ފެން މަދުވިޔަ ނުދީ ހިފަހައްޓަންވާނެ އެވެ. އެކަށީގެންވާ އަދަދަކަށް ފެން ނުވަތަ ޖޫސް ފަަދަ ދިޔާ ތަކެތި ބޭނުންކުރުން މުހިންމެވެ. ހުމުގެ އަސަރު ކުޑަކުރާ ބޭސްތައް ޕެރަސިޓަމޯލް ފަދަ ބޭސްބޭނުންކޮށްގެން ލުއިވޭތޯ ވެސް ބެލިދާނެ އެވެ. އެކަމަކު ބަލީގެ އަލާމާތް ބޮޑުވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރުގެ އެހީތެރިކަން ހޯދަން ހާއްސަ ސަމާލުކަމެއް ދޭން ވާނެ އެވެ.