ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ހެލްތު

މިޝްކާގެ މަރު؛ އިހުމާލުގެ ކޮޅެއް ނެތް

މިދިިޔަ އަންގާރަ ދުވަހުގެ ރޭ ކޮވިޑް ބަލީގައި މަރުވި ފާތިމަތު މިޝްކާއަކީ ރާއްޖެއިން ކޮވިޑް ޖެހިގެން މަަރުވި އެންމެ ހަގު ކުއްޖާ އެވެ. އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގައި ކިޔަވަމުން އައި މިޝްކާގެ ކުއްލި މަރާއެކު މިޝްކާއަށް ފަރުވާ ލިބުން ލަސްވުމުގައި ހުރި އިހުމާލުތަކުގެ ވާހަކަތަކުގެ އަޑު ބޭރަށް އައެވެ. މިޝްކާގެ ހާލު ސީރިއަސްވެ ކުއްލި ހާލަތުގައި ފަރުވާ ދިނުމަށް ގެންދިއުމަށް އެމްބިއުލާންސްއަށް ގުޅައިގެން ތިބެ ދެ ގަޑިއިރުވީއިރުވެސް އެމްބިއުލާންސްގެ ހަބަރެއް ނެތެވެ. އެންމެ ފަހުން މިޝްކާ ކަންފަތުން ލޭ އައިސް ނޭވާލަން އުނދަގޫވެ ހޭނެތުނެވެ. އޭރު ވެސް އެމްބިއުލާންސް އެއް ނުދެ އެވެ.

އިހުމާލުގެ މި ވާހަކަތައް ބޭރަށް ނުކުމެ އަޑުގަދަ ކޮށްލުމުން މިޝްކާގެ މަރުގެ މައްސަލަ ސީރިއަސްކޮށް ބަލަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރި އެވެ. އަދި ޕްރެޝަރު ބޮޑުވެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންގެ ބައްދަލްވުމެއް ބާއްވާފަ އެވެ. މި ބައްދަލު ވުމުގައި މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ރޭ ތަހުގީގު ނިމި ރިޕޯޓް ލިބޭނެ އެވެ. އަދި ވެފައިވާ އިހުމާލާއި އެ އިހުމާލާ ގުޅިގެން އަޅާ ފިޔަވަޅުތައް ހާމަކުރައްވާނެ އެވެ. މިނިސްޓަރު ވިދާޅުވި ގަޑީގައި ރިޕޯޓް ނިމި އާންމު ކުރެވޭ ގޮތެއް ނުވިއެވެ.

މިނިސްޓްރީން ދެން މަސައްކަތް ކުރީ ބުރާސްފަތި ދުވަހުގެ މެންދުރު ރިޕޯޓް ނެރޭށެވެ. ނަމަވެސް އެ ރިޕޯޓް ނެރެވޭ ގޮތްވީ ހުކުރު ދުވަހުގެ ރޭ 11:26 ގައެވެ. ޓްވިޓާ މެދުވެރިކޮށެވެ. އެ ރިޕޯޓާއެކު މިޝްކާއަށް ފަރުވާ ލިބުން ލަސްވުމުގައި ހުރި އިހުމާލުތައް ހާމަވި އެވެ.

މިޝްކާގެ ކޭސްގައި ކަން ހިނގާފައިވާ ގޮތް

މިޝްކާ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މެއި މަހުގެ 30 ވަނަ ދުވަހު އެވެ. ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ބޭނުންތޯ ކޮންޓެކްޓް ޓްރޭސިން ޓީމުން އެހުމުން ޑޮކްޓަރެއްގެ ކޮންސަލްޓޭޝަން ބޭނުންވާ ކަމަށް މިޝްކާގެ ބެލެނިވެރިޔާ އެދުނެވެ. ނަމަވެސް އެދުނު ގޮތަށް ޑޮކްޓަރެއްގެ ކޮންސަލްޓޭޝަން ދެވިފައިނުވާ ކަމަށް ހެލްތުގެ ރިޕޯޓުން އެނގެ އެވެ.

އުސޫލު ހަަމަޖެހިފައިވާ ގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ 15 އަހަރުން ދަށުގެ ކުދިންނަށް ކެއާ ކްލަސްޓާގެ ފަރާތުން ހާލު ބެލުމަށް ގުޅަން ޖެހެއެވެ. ނަމަވެސް ދެ ދުވަސް ވެގެން ދިޔައިރު ވެސް މިޝްކާގެ ހާލު ބެލުމަށް ބެލެނިވެރިޔާއަށް ގުޅާފައެއް ނުވެ އެވެ. ހެލްތު މިނިސްޓްރީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މެއި މަހުގެ 31 ވަނަ ދުވަހު މިޝްކާ ހުން ގަދަވެ އެއްވެސް އެއްޗެއް ނުކެވި ވަރުބަލިވުމާއި އަދި ކެއްސާތީ އެޗްއީއޯސީގެ ކޯލު ސެންޓަރަށް ގުޅާ އެ މައުލޫމާތު އާއިލާއިން ދިނެވެ. އެއީ އެ ދުވަހު މެންދުރު 2:20 ގައެވެ.

ބެލެނިވެރިޔާ ދިން އެ މައުލޫމާތަށް ބިނާކޮށް ޖެނެރަލް ކޮންސަލްޓޭޝަނެއް ހެދުމަށް ޑީއެމްއާރުޓީގެ ޑޮކްޓަރު އެ ދުވަހު 3:53 ގައި ގުޅިއެވެ. އަދި ގޭގައި ބޭނުން ކުރަމުން ދާ ބޭސް ކުރިއަށް ގެންދިއުމަށާއި އިތުރު ކަމެއް ދިމާވެއްޖެނަމަ އަލުން ގުޅުމަށް ޑޮކްޓަރު ލަފާދެއްވި އެވެ.

އެ ރޭ 9:06 ގައި މިޝްކާގެ ހާލަތު ގޯސްވުމާއި ގުޅިގެން ބެލެނިވެރިޔާ ވަނީ ކޯލްސެންޓަރަށް ގުޅާފަ އެވެ. އަދި މިޝްކާގެ ހާލު ގޯސްވާހެން ހީވާ ކަމަށާ ނޭވާލަން އުނދަގޫވެ އަތްތަޅުވާ ހަދާ ކަމަށް ބުނެ އަދި ވީހާވެސް އަވަހަށް ޑޮކްޓަރަކަށް ދައްކަން ބޭނުންވާ ވާހަކަ މިޝްކާގެ ބެލެނިވެރިޔާ އެންގި އެވެ.

މި މައުލޫމާތާއި ގުޅިގެން ޑީއެމްއާރުޓީގެ ޑޮކްޓަރެއް ބެެލެނިވެރިޔާއަށް ގުޅުމަށް މަަސައްކަތްކުރި ނަމަވެސް އެ ވަގުތު ގުޅިފައެއް ނުވެއެވެ. އޭގެ ފަހުން މިޝްކާގެ ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅާ ނޭވާ ނުލެވިގެން އުނދަގޫވާ ވާހަަކަ އެންގިއެވެ. އެއީ އެރޭ 10:06 ގައެވެ. އަދި އެ މައުލޫމާތާއި ގުޅިގެން ޑޮކްޓަރަކު ގުޅުމުން މިޝްކާގެ ހާލަތު ސާފު ކޮށްދިން ނަމަވެސް 10:39 ވީއިރުވެސް އެމްބިއުލާންސް ދާން އަންގާފައި ނުވާކަން އެ ރިޕޯޓުން އެނގެ އެވެ.

އެރޭ 11:16 އާއި 11:33 އާ ދެމެދު މިޝްކާގެ ބެލެނިވެރިޔާ ވަނީ ފަސް ފަހަރު ކޯލް ސެންޓަރަށް ގުޅާފަ އެވެ. މި ތަނުން އެއް ކޯލްގައި މިޝްކާގެ ހާލު ދަށްވަމުންދާ ކަމަށާ ހޭނެތިފައިވާ ކަމަށް އަދި ކަންފަތުން ލޭ އަންނަ ކަމަށް ބުނެފައި ވެއެވެ. މި ކޯލްތަކުގައި މިޝްކާ ބަލާ ފޮނުވާނެ ކަމަށް ބުނެފައިވީ ނަމަވެސް އެމްބިއުލާންސް ގޮސްފައެއް ނުވެއެވެ. އެމްބިއުލާންސް ދިއުން ލަސްވާ ކަމަށް ބެލެނިވެރިޔާ ބުނެފައިވާ ކަމަށްވެސް އެ ރިޕޯޓްގައި ވެއެވެ.

އަދި އެމްބިއުލާންސް ފޮނުވާފައިވާ ކަމަށް ކޯލް ސެންޓަރުގެ ފަރާތުން ބުނެފައިވީ ނަމަވެސް އެމްބިއުލާންސް އެކްޓިވޭޓް ކޮށްފައެއް ނުވެއެވެ. އެމްބިއުލާންސް ފޮނުވާ ކަމަށް ބުނެ އާއިލާއަށް ދީފައިވަަނީ ދޮގު މައުލޫމާތެވެ.

އެމްބިއުލާންސް ދިއުން ލަސްވެގެން އެރޭ 11:27 ގައި މިޝްކާގެ އާއިލާގެ މީހަކު ދަރުބާރުގެއަށް ވެސް ދިޔައެވެ. އަދި އެތަނަށް ގޮސް ހާލަތު އެންގި އެވެ. އެމްބިއުލާންސް ބޭނުންވާ ކަމަށް އެޗްއީއޯސީގެ ފެސިލިޓީ މެނޭޖްމަންޓް ކްލަސްޓާ އިން އީއެމްއެސްއަށް އަންގާފައި ވަނީ އޭގެ ފަހުން 11:32 ގައެވެ. މިޝްކާ ބަލާ އެ ގޭ ދޮށަށް އެމްބިއުލާންސް ގޮސްފައިވަނީ އެ ރޭ 11:38 ގައެވެ. އަދި އޭރު މިޝްކާގެ އެއްވެސް ހަރަކާތެއް ނެތުމުން ސީޕީއާރު ފެށި އެވެ. މިޝްކާ އައިޖީއެމްއެޗްގެ އީއާރަށް ގެންގޮސްފައި ވަނީ އެ ރޭ 11:42 ގައެވެ. ފަރުވާ ދެނިކޮށް މަރުވެފައި ވަނީ އޭގެ ކުޑައިރުކޮޅެއްގެ ފަހުންނެވެ.

ހާދިސާގައި ފާހަގަކުރެވުނު ކަންކަން

ހެލްތް މިނިސްޓްރީން ބުނި ގޮތުގައި ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމުގައި އެ ވަގުތު އަމަލު ކޮށްފައި ވަނީ އިމަޖަންސީ ހާލަތުގައި އަމަލުކުރާ ގޮތަކަށް ނޫނެވެ. އަދި އެމްބިއުލާންސް ޓްރިގާ ކުރަންޖެހޭ ވަގުތު އެކަން ވެސް ކޮށްފައެއް ނުވެއެވެ. އިމަޖަންސީއެއްގެ ގޮތުގައި ރިޕޯޓް ކުރެވުނު ހިސާބުން އެމްބިއުލާންސް އެކްޓިވޭޓް ނުކުރެވި ދެ ގަޑިއިރާއި 26 މިނެޓް ހޭދަވި އެވެ.

އަދި އަމަލުކުރަަން ޖެހޭ އުސޫލުތަކާއި އެއްގޮތަށް އެމްބިއުލާންސް ފޮނުވަން އަންގާފައި ވެސް ނުވެއެވެ. ކޯލް ސެންޓަރަށް ލިބިފައިވާ ކޯލްތަކަށް ބަލާއިރު މިޝްކާގެ ހާލަތު ސީރިއަސް ކަމާއި އެހީއަށް ބޭނުން ވެފައިވާ އަވަސް މިންވަރު ވެސް ކޯލް ސެންޓަރަށް ބެލިފައެއް ނުވެއެވެ.

އިމާޖަންސީ މެޑިކަލް ސާވިސްއަށް މައުލޫމާތު ލިބުމާއެކު އެމްބިއުލާންސް އެކްޓިވޭޓްކޮށް 10 މިނެޓްތެެރޭގައި މިޝްކާ ހޮސްޕިޓަލަށް ގެނެސްފައިވީ ނަމަވެސް ކުރީން ހޭދަވީ ގިނަ ވަގުތުތަކުގެ ސަބަބުން މިޝްކާއަށް ފަރުވާ ނުލިބި އެތައް ވަގުތެއް ހޭދަވެގެން ވަނީ ގޮސްފައެވެ.

ހެލްތްގެ ރިޕޯޓްގައި ބުނާ ގޮތުން މިޝްކާގެ މަރާއި ގުޅިގެން ފާހަގަކުރެވުނު ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މައިގަނޑު ގޮތެއްގައި އަޅާފައިވާ ކޯލް ސެންޓަރު ރަނގަޅު ކުރުމަށް އެޅި ފިޔަވަޅުތަކެވެ. އިމަޖަންސީ ހާލަތްތަކުގައި އަވަހަށް ފިޔަވަޅު އެޅޭނެ ގޮތްތަކެވެ. އަދި އެމާޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) އަކީ ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމު ކުރަން ނިންމާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އިހުމާލުވި މީހުނާ ދެކޮޅަށް ތަހުގީގު ކުރުން

މިޝްކާގެ މަރުގެ މައްސަލާގައި ހެލްތް މިނިސްޓްރީން ނެރުނު ރިޕޯޓްގައި އިހުމާލުގެ އަމަލުތަކެއް ފާހަގަކޮށްފައިވީ ނަމަވެސް އިހުމާލާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް ފިޔަވަޅު އެޅި ކަމަކަށް ބުނެފައެއް ނުވެއެވެ. އަދި މައްސަލާގައި ސީދާ ގޮތުން އިހުމާލުވީ ކޮން ބައެއްކަން ސާފުކޮށް ބުނެފައެއް ނުވެއެވެ. މުޅި ރިޕޯޓަށް ބަލާއިރު މައްސަލަ އޮތީ އެޗްއީއޯސީގެ ކޯލް ސެންޓަރުގައި ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

މި މައްސަލައާ ގުޅޭގޮތުން ވާހަކަ ދެއްކެވި ބައެއް ގާނޫނީ ވަކީލުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފާހަގަ ކުރެއްވި ގޮތުގައި އިހުމާލުގެ މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް އެންމެ މުހިންމީ އިހުމާލުވި މީހުންނަށް ފިޔަވަޅު އެޅުމެވެ. އެ މީހުން މަގާމުން ވަކިކުރުމެވެ. އަދި އިހުމާލުވުމުގެ ސަބަބުން މީހެއްގެ ފުރާނަ ގެއްލިފައިވާތީ އެއީ ދައުވާ ކުރަންވެސް ޖެހޭނެ މައްސަލައެކެވެ.

ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަދި ގާނޫނީ ވަކީލް އަހުމަދު ހައިލަމް ވިދާޅުވި ގޮތުގައި އިމާޖެންސީއެއްގެ ގޮތުގައި ރިޕޯޓު ކުރެވުނު ފަހުން އެންބިއުލަންސް ފޮނުވަން ދެ ގަޑިއިރާއި 26 މިނިޓް ނެގުމުން އިހުމާލު އޮތް މިންވަރު ހާމަވެގެން ދެއެވެ. އަދި މިކަމުގައި އިހުމާލު ވެފައިވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަން ޖެހެއެވެ. އެ ތަހުގީގު ފެށުމަށްވެސް ހައިލަމް ގޮވާލެއްވިއެވެ.

މި މައްސަލާގައި ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުންގެ އިހުމާލުވެސް އެބައޮތް ކަމަށް އެތައް ބަޔަކު ދެކެއެވެ. އެ ތުހުމަތުތަކާއި ގުޅިގެން މިނިސްޓަރު ނަސީމް ކުރީން ވަނީ އެމަނިކުފާނުގެ އިހުމާލެއް އޮތްތޯ ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ހެލްތްގެ ރިޕޯޓްގައި އެފަދަ އެއްވެސް ވާހަކައެއް ހިމަނާފައެއް ނުވެއެވެ.

ރިޕޯޓްގައި އެ ވާހަކަތައް ހިމަނާފައި ނެތްނަމަވެސް އިހުމާލުގެ އެތައް ވާހަކަތަކެއް އެ ވަނީ ފާހަގަކޮށްފައެވެ. ފަރުވާ ނުދެވި ލަސްވެ އުމުރުން 10 އަހަރުގެ މިޝްކާ ވަނީ މިދުނިޔެއާ ވަކިވެފައެވެ. މިއީ ފަރުވާ ކުޑަކަމާއި އިހުމާލުވުމުގެ ނަތީޖާއެވެ. އެ އިހުމާލުވުމަށް ފިޔަވަޅު އަޅަން ޖެހެއެވެ.