ދުނިޔެ

ބަންޑުން ޖަހާލި ފިިލިޕީންސް ފެރީގެ ވެރިންގެ މައްޗަށް މަރުގެ ދައުވާކޮށްފި

Jul 5, 2015

ފިލިޕީންސްގައި މިދިޔަ ބުރާސްފަތި ދުވަހު ފެރީއެއް ބަންޑުން ޖަހާލައި އެތައް ބަޔަކު މަރުވި މައްސަލައިގައި އެ ފެރީ ދުއްވާ ކުންފުނީގެ އިސް ވެރިޔާ އާއި ފަޅުވެރިންގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކޮށްފި އެވެ.

ފިލިޕީންސްގެ މެދުތެރޭގައި އޮންނަ ސީބޫ ޕްރޮވިންސްގެ ކެމޯޓެސް ނަމަކަށް ކިޔާ ރަށަށް ދިއުމަށް އަށްސޭރިފަށުގައި އޮންނަ ލޭތޭގެ އޮރްމޮކް އަވަށުގެ ބަނދަރުން ނައްޓާލި ތަނުން މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ބަންޑުން ޖަހާލި ކިމް ނިރުވާނާގެ ނަމުން ނަން ދީފައިވާ ފެރީގައި 173 މީހުން ތިއްބެވެ. އެއިގެ ތެރެއިން 56 މީހަކު ކަނޑުވެގެން ވަނީ މަރުވެފަ އެވެ.

އެ ފެރީ ބަންޑުން ޖަހާލީ ހުއްދަ ދީފައިވާ ވަރަށް ވުރެ އިތުރަށް މީހުން އަރުވައިގެން ދުއްވުމުން ކަމަށް ބުނެ، ފެރީ ކުންފުނީގެ ވެރިޔާ އާއި ފަޅުވެރިން ހައްޔަރުކޮށް ޖިނާއީ ތަހުގީގެއް ފަށާފައިވެ އެވެ.

އޮރްމޮކް އަވަށުގެ ފުލުހުންގެ އޮފިސަރަކު ވިދާޅުވި ގޮތުގައި ޖުމްލަ 19 މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އޭގެ ތެރޭގައި ކުންފުނީގެ ވެރިޔާ ބޮންގް ޒަރުކޯ އާއި ކެޕްޓަން ވޮރެން އޮލިވިއޭރޯގެ އިތުރުން ފަޅުވެރިން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މީހުން ބަލަންޖެހޭ ވަރަށް ނުބެލުމުގެ ސަބަބުން އެ ހާދިސާ ހިނގީ. އެހެންވެ، އެ މީހުންގެ ނިޔަތް އޮތީ ގަސްދުގައި މީހަކު މެރުމަށް ކަމަށް ބަލައި ދައުވާ ކުރީ،" އެ އޮފިޝަލް އޭއެފްޕީ ނޫސް އެޖެންސީ އަށް ވިދާޅުވި އެވެ.

މި ދައުވާ ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ކަށަވަރެއް ނުވެ އެވެ. ހުއްދަ ދީފައިވާ ވަރަށް ވުރެ އިތުރަށް މީހުން އަރުވައިގެން ދުއްވުމުން ކަމަށް ސަރުކާރުން ބުންޏަސް، ފެރީގެ ފަޅުވެރިން އެކަން ދޮގުކުރެ އެވެ. އެ މީހުން ބުނަނީ އެ ފެރީ ބަންޑުން ޖަހާލީ ބޮޑު ރާޅެއްގައި ޖެހިގެން އަނބުރާލަން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށެވެ.

އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުމަަށް ފިލިޕީންސް ރައްޔިތުން އެންމެ ގިނައިން ބޭނުންކުރަނީ ފެރީގެ ހިދުމަތެވެ. އެކަމަކު ފެރީތަކުގެ ފެންވަރު ދަށްވުމުގެ މައްސަލަ ބޮޑެވެ. އަދި އެކަމުގެ ސަބަބުން މި ފަދަ ހިތާމަވެރި ހާދިސާތައް އާއްމުކޮށް ހިނގައި ގިނަ އަދަދެއްގެ މީހުން މަރުވެ އެވެ.