ހަބަރު

ބަލިވި ކެންޑިޑޭޓުން ވާދަކުރާނަމަ ފިޔަވަޅު އަޅާނަން: އެމްޑީޕީ

Feb 25, 2019
6

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމާއެކު، އެމްޑީޕީގެ މަޖިލިސް ޕްރައިމަރީއިން ބަލިވި ކެންޑިޑޭޓުން މަޖިލިސް އިންތިހާބުގައި ވާދަކުރަން ހުށަހަޅައިފިނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީއިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންްތިހާބަަށް އެންމެ ފުޅާ ޕްރައިމަރީއެއް ބޭއްވީ އެމްޑީޕީ އެވެ. އެ ޕާޓީއިން ހުރިހާ ކެންޑިޑޭޓުން ކަނޑައެޅީ ވެސް ޕްރައިމަރީއަކަށް ފަހު އެވެ.

މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ވެސް މިހާރު ވަނީ ހަމަވެފަ އެވެ. އެކަމަކު ސުޕްރީމް ކޯޓުން މިއަދު ވަނީ ޕްރައިމަރީތަކުގައި ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ވެސް ވާދަ ކުރެވޭނެ ގޮތް ހަދައި، އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އެ ކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލުމަށް ވަނީ އަމުރުކޮށްފަ އެވެ.

އެގޮތަށް އަމުރު ކުރީ އެމްޑީޕީގެ ޕްރައިމަރީގައި، ނާކާމިޔާބުވި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި މައްސަލާގަ އެވެ.

އެމްޑީޕީއިން ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ މަޖިލިސް ކެމްޕެއިންގެ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވީ އެ ޕާޓީއަށް އަމާޒުކޮށް އެފަދަ ކަމެއް ކުރުމަކީ ޕާޓީއިން ހައިރާންވި ކަމެކެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ނިންމުމާއެކު ދެން އެ ޕާޓީއިން އަމަލު ކުރާނެ ގޮތެއް ލީޑަޝިޕްގައި މަޝްވަރާ ކުރައްވާނެ އެވެ. ބަލިވި ކެންޑިޑޭޓުން އަމިއްލައަށް ވާދަ ކޮށްފިނަމަ ފިޔަވަޅު އަޅަން ނިންމާނެ ކަމަށް ބެލެވޭ ކަމަށާއި އެ މަޝްވަރާތަކަށްފަހު އެ މައުލޫމާތުތައް ހިއްސާ ކުރައްވާނެ ކަމަށެވެ. މީގެ ކުރިން ވެސް އެފަދަ ފިޔަވަޅުތައް އެޅިކަން އަފްޝަން ފާހަގަކުރެއްވި އެވެ.

ޕީޕީއެމް އާއި ޕީއެންސީއިން ވެސް ބައެއް ދާއިރާތަކުގެ ޕްރައިމަރީ ބޭއްވި އެވެ. އެ ކޯލިޝަނުން ވެސް ވަނީ ކެންޑިޑޭޓުން ވާދަ ކުރާ ދާއިރާތަކަށް އަމިއްލަ ގޮތުން ޕާޓީގެ މެންބަރަކު ކުރިމަތިލާނަމަ ފިޔަވަޅު އެޅުމަށް ނިންމާފަ އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ވަނީ ސުޕްރީމް ކޯޓުގެ ހުކުމަށް ފާޑުވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގެ އަގު ވެއްޓި އިތުބާރު ގެއްލިގެންދާ އެންމެ ބޮޑު ސަބަބަކީ ކޯޓުތަކުން އިންތިހާބުތަކަށް ނުފޫޒު ފޯރުވުން ކަމަށެވެ. މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރުމަކީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމްގައި ބުނީ، ޕްރައިމަރީއެއްގައި ވާދަކޮށް ބަލިވާ މީހުންނަށް އެއްވެސް ހައިސިއްޔަތަކުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮތުމަކީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ އިންތިހާބުތަކުގައި ވާދަ ކުރުމުގެ އަސާސީ ހައްގުން މަހުރޫމްވާ ކަމެއް ކަމަށެވެ. އެކަމަކީ ގާނޫނު އަސާސީގެ ސިފައެއް ނޫން ކަމަށެވެ.

އެކަމާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވީ ޕްރައިމަރީއިން ބަލިވި ކެންޑިޑޭޓުންނަށް މާޗް މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލިޔަސް ޝެޑިއުލްކޮށްފައިވާ ތާރީހަށް އިންތިހާބު ބާއްވާނެ ކަމަށެވެ.