އެމްޑީޕީ

ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ބާއްވަނީ

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓެއް ހޮވަން ޕްރައިމަރީއެއް ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޕްރައިމަރީ ބާއްވާނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އަދި ޕްރައިމަރީގައި ބައިވެރިވާން އެދޭ ކެންޑިޑޭޓުން ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހާ ހަމައަށް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ގޮނޑި ފުރުއްވަމުން ގެންދެވި ހުސެއިން ވަހީދު މިދިޔަ އަންގާރަ ދުވަހު އަވަހާރަވުމާ ގުޅިގެނެވެ. ކެންސަރުގެ އާލާސްކަންފުޅެއްގައި ހުސެއިން ވަހީދު އަވަހާރަވީ އުމުރުން 53 އަހަރުގައި އޭޑީކޭ ހޮސްޕިޓަލްގަ އެވެ.

ހުސެއިން އަވަހާރަވުމާ ގުޅިގެން ކޮމަންޑޫ ދާއިރާއަށް މެމްބަރަކު ހޮވަން ބާއްވާ އިންތިހާބު އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ. އަދި މި ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 30 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލައިފަ އެވެ.