ރައްޔިތުންގެ މަޖިލިސް

ދައުރުގެ ތެރޭގައި މެންބަރުން ވަކިކުރެވޭ ގޮތް ހެދުމަށް ބިލެއް

ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރޭގައި މެންބަރުން ވަކި ކުރެވޭ ގޮތަށް އެންޓި-ޑިފެކްޝަން ބިލް މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހަށް މި ބިލް ހުށަހެޅުއްވީ ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު އަބްދުﷲ އެވެ.

ބިލްގައިވާ ގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށްފަހު އެ އިންތިހާބުވި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުމުން މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.

ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވުމަށްފަހު އެ ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުމުންވެސް މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ބިލްގައިވެ އެވެ.

ބިލްގައި ވަނީ ރިކޯލް ވޯޓު ނެގޭނެ ހާލަތްތަކެއް ހިމަނާފަ އެވެ.

އެ ގޮތުން ވަކި ޕާޓީއަކަށް ނިސްބަތްނުވާ ގޮތަށް މަޖިލީހުގެ މެންބަރު ކަމަށް ވާދަކޮށްގެން މިނިވަން މެންބަރެއްގެ ގޮތުގައި އިންތިހާބުވި މެންބަރަކު އެ މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ރިކޯލް ވޯޓެއް ނެގޭ ގޮތަށް ބިލްގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން މަޖިލީހުގެ މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އެ މެންބަރަކު ޕާޓީން ވަކިކުރަން ނިންމާ އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމުންވެސް ރިކޯލް ވޯޓެއް ނެގުމަށް ވަނީ ބިލްގައި ހިމަނާފަ އެވެ.

މިފަދަ ހާލަތެއް ދިމާވާތާ 30 ދުވަސް ތެރޭގައި ރިކޯލް ވޯޓު ނަގަންޖެހޭނެ ކަމަށް ބިލްގައިވެ އެވެ.

ރިކޯލް ވޯޓުގައި ވޯޓުލާ މީހުންގެ އަގުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކިކުރަން ނިންމިކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އެންގުމުންވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށް މި ބިލްގައިވެ އެވެ.

ބިލްގައިވާ ގޮތުން އަތޮޅު ކައުންސިލް، ރަށު ކައުންސިލް ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިހާބުވެފައިވާ މެންބަރަކު ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް އިންތިހާބުވުމަށްފަހު ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އިލެކްޝަންސް ކޮމިޝަނުން އެކަން އިއުލާނުކޮށްފިނަމަ ގޮނޑި ގެއްލޭނެ އެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެއްޖެ ނަމަވެސް ގޮނޑި ގެއްލޭނެ އެވެ.

އެންޓި-ޑިފެކްޝަން ބިލެއް މިދިޔަ މަޖިލީހަށް ހުށަހެޅި އެވެ. ސުޕްރީމް ކޯޓުން ވަނީ އެ ބިލްގެ މާއްދާތައް ބާތިލުކޮށްފަ އެވެ.