އެމްޑީޕީ

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ހުޅުވާލައިފި

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް ޝައުގުވެރިވާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ވަނީ މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ހުޅުވާލާފަ އެވެ.

އެމްޑީޕީން ބުނި ގޮތުގައި ޕްރައިމަރީ އޮންނާނީ ޖެނުއަރީ 26 އަދި 27 ވަނަ ދުވަހު އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވިދާޅުވީ ކުރީ ފަހަރުތަކާ ހިލާފަށް މި ފަހަރު ޕްރައިމަރީގައި ވާދަކުރަން ހުށަހެޅޭނީ ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު އެ ފޯމާވެސް އެކުގައި ކަމަށެވެ.

މީގެ ކުރިން ކުށުގެ ރެކޯޑް ސާފުނުކޮށް ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ފުރުސަތު ދިނުމުން ޕްރައިމަރީ ކާމިޔާބުކުރާ ފަހުން ބައެއް ބޭފުޅުންގެ ކުށުގެ ރެކޯޑެއް އޮތްކަން އެނގި އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ދިމާވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ޓިކެޓަށް ޝައުޤުވެރިކަންފާޅުކުރާ މީހުންގެ ޝަރުތުތައް

  • އެމްޑީޕީގެ މެމްބަރެއް ކަމުގައިވުން.
  • ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގައި އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލިސް ވަނީ ހިޔާލު ތަފާތުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވަނީ ރޯދައިގެ ކުރިން އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ހުށަހަޅަނީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވުމަށެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން ހޮވުމަށް ހަމަޖެހިފައިވެ އެވެ.