އިލެކްޝަންސް ކޮމިޝަން

މަޖިލިސް އިންތިހާބު: އެމްޑީޕީގެ ސިޓީއާއެކު ތާރީހު ކަނޑައެޅުން ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހު އިއުލާނުކުރުން އިލެކްޝަންސް ކޮމިޝަނުން ފަސްކޮށްފި އެވެ.

އަވަސް އަށް މިދިޔަ ބުދަ ދުވަހު މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަނީ މަޖިލިސް އިންތިހާބު ބާއްވާ ތާރީހު މިއަދު އިއުލާނު ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ހަބީބު ވިދާޅުވީ މަޖިލިސް އިންތިހާބު ބާއްވާ ތާރީހު އިއުލާނުކުރަން ކުރިން ކަނޑައަޅާފައި އޮތީ މިއަދު ނަމަވެސް އެމްޑީޕީން ފޮނުވި ސިޓީއަކާ ގުޅިގެން އިތުރަށް މަޝްވަރާކުރަން ނިންމާފައިވާ ކަމަށެވެ. ހަބީބު ވިދާޅުވި ގޮތުގައި އެމްޑީޕީން އެ ސިޓީ ފޮނުވީ ބުރާސްފަތި ދުވަހު އެވެ.

"އެމްޑީޕީއާވެސް މަޝްވަރާކުރުމަށްފަހުގައި އަޅުގަނޑުމެންގެ ޑިޒިޝަން އިރާދަކުރެއްވިއްޔާ މި ހަފުތާގައި އާންމުކުރާނަން،" ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުން މާދަމާ 11:30ގައި އެމްޑީޕީއާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

އޭނާ ވިދާޅުވީ މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހު ކަނޑައެޅުމުގައި އާންމުންނާއި ކެންޑިޑޭޓުންނަށް ފަސޭހަ ވާނެ ގޮތްތައް ވިސްނާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލާ ވަރަށް މަޖިލިސް އިންތިހާބުގައި މީހުން ވޯޓުނުލާކަން ފާހަގަކުރައްވާ ހަބީބު ވިދާޅުވީ އިންތިހާބު ބާއްވާ ތާރީހު ރޯދަ މަހާ ދިމާވެއްޖެނަމަ ވޯޓުލާ މީހުންގެ އަދަދު މަދުވުން އެކަށީގެންވާ ކަމަށެވެ.