ރައްޔިތުންގެ މަޖިލިސް

13 މެންބަރުން އެމްޑީޕީން ވަކިވިކަމަށް މަޖިލީހުގައި އިއުލާނުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 13 މެންބަރަކު އެ ޕާޓީން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އަންގައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހެންވޭރު މެދު ދާއިރާގެ މެންބަރު އަލީ އާޒިމު އެމްޑީޕީން ވަކިކުރި ކަމަށާއި އިތުރު 12 މެންބަރަކު އެމްޑީޕީން ވަކިވިކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގާފައިވާ ކަމަށެވެ.

"މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މި ދެންނެވި 12 ބޭފުޅުން އަދި މަޖިލީހަށް ލިޔުއްވާން އެބަޖެހޭ ތިބޭފުޅުން އެމްޑީޕީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ވަކިވިކަމަށް. އެހެން ތިބޭފުޅުން މަޖިލީހަށް ލިޔުއްވީމާ މިތަނުގެ ދަފްތަރުން ތިބޭފުޅުންގެ ޕާޓީ ބަދަލުވެގެންދާނީ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ ސިޔާސީ ހަރަކާތް -- "ފިކުރެއްގެ ދިރުން"ގައި މަސައްކަތް ކުރައްވާ މަޖިލީހުގެ އެމްޑީޕީގެ 12 މެންބަރަކު އެޕާޓީން އިސްތިއުފާ ދިނީ އިއްޔެ އެވެ.

އެމްޑީޕީން ވަކިވި މަޖިލިސް މެންބަރުން

  • އިބްރާހިމް ރަޝީދު (ބޮންޑޭ)
  • މުހައްމަދު ރަޝީދު (ބޯދިގު)
  • އަހްމަދު ޒާހިރު (ގައްދޫ)
  • މުހައްމަދު ވަހީދު (ވައްޑޭ)
  • ހަސަން ލަތީފް
  • އީވާ އަބްދުﷲ
  • އިލްޔާސް ލަބީބް
  • އިމްތިޔާޒް ފަހުމީ
  • ޔާސިރު އަބްދުއްލަތީފް
  • ހަސަން އަފީފް
  • ހުސެއިން ފިރުޝާން
  • ހަސަން ޝިޔާން

މީގެ އިތުރުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒުއާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ވަނީ ޕާޓީން އިސްތިއުފާދީފަ އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ ސިޔާސީ ހަރަކާތް "ފިކުރެއްގެ ދިރުން"ގެ މަސައްކަތްތައް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ވަނީ ނިންމާފަ އެވެ.