ހަބަރު

އެމްޑީޕީ ޕްރައިމަރީގައި 280 މީހަކު ވާދަ ކުރާނެ

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއިން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ބާއްވާ ޕްރައިމަރީގައި 280 މީހަކު ވާދަކުރަން ،ހުށަހަޅާފައިވާ ކަމަށް އެ ޕާޓީއިން މިއަދު ބުނެފި އެވެ.

ޕްރައިމަރީގައި ވާދަ ކުރަން އެމްޑީޕީއިން ހުޅުވާލި ފުރުސަތު އިއްޔެ ވަނީ ބަންދުވެފަ އެވެ. އެމްޑީޕީއިން ހުޅުވާލީ 87 ދާއިރާއަށް ވެސް ކުރިމަތިލުމަށެވެ.

އެ މުއްދަތުގައި 86 ދާއިރާއަކަށް ޖުމްލަ 280 މީހަކު ކުރިމަތިލާފައިވެ އެވެ. ނިލަންދޫ ދާއިރާއަށް އެއްވެސް މީހަކު ކުރިމަތިލާފައިނުވާ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު މިއަދު އަވަސްއަށް ވިދާޅުވި އެވެ.

އަފްޝަން ވިދާޅުވި ގޮތުގައި ނުވަ ދާއިރާއަކަށް އެންމެ މީހަކު ވަނީ ކުރިމަތިލާފަ އެވެ. އެހެންވެ، އެ ނުވަ ދާއިރާގެ ޕްރައިމަރީ ނޯންނާނެ އެވެ. އެ ނުވަ ދާއިރާއަކީ ހޯދަފުށި ދާއިރާ، ބާރަށު ދާއިރާ، ދިއްދޫ ދާއިރާ، މިލަންދޫ ދާއިރާ، އަލިފުށި ދާއިރާ، މަހިބަދޫ ދާއިރާ، ފުވައްމުލައް އުތުރު ދާއިރާ، ގަލޮޅު އުތުރު ދާއިރާ އަދި މާފަންނު އުތުރު ދާއިރާ އެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލީ 280 މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އެއީ 259 މީހުނެވެ. ކުރިމަތިލާފައިވަނީ 21 އަންހެނުންނެވެ.

އެ ޕާޓީއިން ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުން އަންނަނީ ފެށޭ އަހަރުގެ ކުރީކޮޅެވެ. މަޖިލީހުގެ އިންތިހާބު އޮތީ އޭޕްރީލް ހަވަނަ ދުވަހު އެވެ.