އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީއިން ވާދަ ކުރާނެ ދާއިރާތައް މި މަހުގެ 30 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށް އެ ޕާޓީއިން ބުނެފި އެވެ.
ވާދަ ކުރާނެ ދާއިރާތައް މި މަހުގެ 30 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށް ބުނެފައިވަނީ އެމްޑީޕީއިން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމުގައި އެކުލަވާލި ޓައިމްލައިންގަ އެެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގެ ޓައިމްލައިންގައިވާ ގޮތުން މި މަހުގެ 30 ވަނަ ދުވަހު ވާދަ ކުރާނެ ދާއިރާތައް އިއުލާން ކުރުމަށްފަހު، އަންނަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު ޕްރައިމަރީގައި ވާދަ ކުރަން ފުރުސަތު ހުޅުވާލާނެ އެވެ. ޕްރައިމަރީގައި ވާދަކުރަން ކުރިމަތިލާއިރު ކުރިމަތިލާ ދާއިރާގެ 200 މީހުންގެ ތާއިދު ސޮއި ހުށަހަޅަންޖެހެ އެވެ.
ވޯޓާސް ލިސްޓް އާންމުކުރުމާއި ޝަކުވާ ހުށަހަޅަން ފުރުސަތު ޑިސެމްބަރު މަހު ދިނުމަށްފަހު ޕްރައިމަރީތައް ބޭއްވުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އެކުލަވާލި ޓައިމްލައިންގައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މާޗް މަހުގެ ތެރޭގަ އެވެ.
ބުރާސްފަތި ދުވަހު އެމްޑީޕީއިން ބޭއްވި ގައުމީ މަޖިލީހުގައި އަންނަ މަޖިލީހުގައި ހިމެނޭ 87 ދާއިރާއަށް ވެސް ކުރިމަތިލުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ. ސަތޭކައަށްވުރެ ގިނަ މެންބަރުން ތިއްބަވާ ގައުމީ މަޖިލީހުގެ އެންމެ މެންބަރެއް ފިޔަވައި އެހެން ހުރިހާ މެންބަރުން ވަނީ ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ތާއިދުކުރައްވާފަ އެވެ. ނަމަވެސް ގައުމީ މަޖިލީހުން އަދި އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.
ނަމަވެސް ކޯލިޝަންގެ މެދުގައި ޓައިމްލައިންގައިވާ ތާރީހަށް ވަކި ގޮތެއް ނުނިމިއްޖެނަމަ، އެމްޑީޕީ ވަކިން މަޖިލިސް އިންތިހާބަށް ނުކުތުން ގާތް ކަމަށް ބެލެވެ އެވެ.
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ރައީސް މައުމޫން އަބްދުލްގައްޔޫމް ދެމެދު ވެފައިވާ ކޯލިޝަން އެއްބަސްވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކަން ކުރާނެ ގޮތް ބުނެފައިނުވާ ކަމަށްވެ އެވެ. ނަމަވެސް އެ އިންތިހާބުގައި ވެސް އެކުގައި މަސައްކަތް ކުރަން ވަނީ އެއްބަސްވެފަ އެވެ. އެހެންވެ ކޯލިޝަންގެ މަޝްވަރާ ކޮމެޓީ، 1819 ކޮމެޓީގައި ކޯލިޝަންގެ މެދުގައި ދާއިރާތައް ބަހާނެ ގޮތާމެދު މަޝްވަރާތައް ކޮށްފައިވެ އެވެ. ޕާޓީތަކުން ހިޔާލުތައް ވެސް ހުށަހަޅާފައިވެ އެވެ. ނަމަވެސް މިހާތަނަށް ވަކި ގޮތެއް ނިންމިފައެއް ނުވެ އެވެ.
މީގެކުރިން ރައީސް ނަޝީދު ވެސް ވަނީ ކޯލިޝަންގެ މެދުގައި އެކަމަށް ގޮތްތަކެއް ނުނިމި ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން އަދާލަތު ޕާޓީއަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތުގައި މީޑިއާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގޮނޑިތައް ބަހާނެ ގޮތާމެދު ވީއެންމެ އަވަހަކަށް ކޮމެޓީގައި މަޝްވަރާކޮށް ގޮތްތައް ނިންމަން ޖެހޭ ކަމަށެވެ. އެމަނިކުފާނު ހުންނެވީ އެ ދުވަހުން އެ ދުވަހަށް ވެސް އެކަމުގައި ގޮތް ނިންމަވަން ތައްޔާރަށެވެ.
އޭގެފަހުން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ އެމްޑީޕީއަށް މަޖިލިސްގެ މެޖޯރިޓީ ލިބުމުގެ މުހިންމުކަން ފާހަގަކުރައްވައި މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.