ވިޔަފާރި

މަޓާޓޯ ފިލިޕީންސާއި ވިއެޓްނާމްގެ ފެއާއަކަށް

Feb 26, 2019

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓްއާ އޮޕަރޭޓާސް (މަޓާޓޯ) އިން ފިލިޕީންސް އާއި ވިއެޓްނާމްގައި އޮންނަ ޓޫރިޒަމް ފެއާއެއްގައި ބައިވެރިވާން ތައްޔާރު ވެއްޖެ އެވެ.

ރާއްޖޭގެ ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯއިން ބުނީ އެ ޖަމިއްޔާއިން ބައިވެރިވާން ތައްޔާރު ވަނީ ވިއެޓްނާމް އިންޓަނޭޝަނަލް ޓްރެވަލް މާޓް (ވީއައިޓީއެމް) އާއި ވޯލްޑް މާސްޓާ އިންޓަނޭޝަނަލް ޓްރެވަލް މާޓް (ޑަބްލިއުއައިޓީއެމް) ގައި ކަމަށެވެ.

ވިއެޓްނާމްގައި އޮންނަ ހަތަރުވަނަ ވީއައިޓީއެމް އޮންނާނީ މާޗް މަހުގެ 27-30 އަށް ވިއެޓްނާމްގެ ވެރިރަށް ހަނޯއީގަ އެވެ. މިފެއާގައި 25 ގައުމަކުން 500 އެގްޒިބިޓަރުން ބައިވެރިވެ އެވެ. ވިއެޓްނާމް ސޮސައިޓީ އޮފް ޓްރެވަލް އެޖެންޓްސް އިން އިންތިޒާމު ކުރާ މި ފެއާގައި 2017 ވަނަ އަހަރު މަޓާޓޯއާއެކު ދިވެހި ހަ ކުންފުންޏަކުން ބައިވެރިވ އެވެ.

މަޓާޓޯ އިން ބުނީ ފިލިޕީންސްގައި އޮންނަ ޑަބްލިއުއައިޓީއެމް ފެއާ އޮންނާނީ އެފްރީލް މަހުގެ އެކަކުން ތިނަކަށް ކަމަށެވެ. މިއީ ބީޓްބީ ފެއާ އެކެވެ. ވިޔަފާރިތަކާއި ވިޔަފާރިތައް އެއް މޭޒެއްގެ ދަށުން ބައްދަލުވާ މި ފެއާގައި 400 މީހުން ބައިވެރިވެ އެވެ.

މަޓާޓޯ މި ފެއާއަށް ތައްޔާރުވާއިރު މި އަންނަ މަހު އައިޓީބީ ފެއާ އޮންނާނެ އެވެ. އެއީ ރާއްޖޭން ބައިވެރިވާ ޓޫރިޒަމް ފެއާތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބައިވެރިވާ އެއް ފެއާ އެވެ. ޒަމާނުއްސުރެ އެ ފެއާ ކަވަރު ކުރަން ރާއްޖޭގެ މިޑިއާގެ ގިނަ ފަރާތްތަކަކަށް ޖާގަ ދެއެވެ. މި އަހަރު އާ ސަރުކާރުން ޓޫރިޒަމް އިޝްތިހާރުގެ ބަޖެޓް ބޮޑު ކުރުމަށް ފަހު ފެއާގައި ބައިވެރި ކުރަނީ ވީޓިވީ އާއި ރާއްޖެ ޓީވީ އެކަންޏެވެ. ދައުލަތުގެ ހުރިހާ ހަރަކާތެއް އާކައިވް ކުރަންޖެހޭ ޕީއެސްއެމް ވެސް މި ފެއާގައި ބައިވެރި އެއް ނުކުރެ އެވެ.