ސަރުކާރުން މިހާރު މަތި ކުރަން މަސައްކަތް ކުރާ ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ސަބަބުން ޓޫރިޒަމް ކުދި ވިޔަފާރި ތަކަށް އަސަރު ކުރާނެ ކަމަށް ޓްރެވަލް އެޖެންޓުން ޖަމިއްޔާ މަޓާޓޯ އިން ބުނެފި އެވެ.
ސަރުކާރުން ޓީޖީއެސްޓީ އާއި ޖީއެސްޓީ ރޭޓް މަތި ކުރަން ނިންމުމާ ގުޅިގެން، ރާއްޖޭގެ ގިނަ ޓްރެވަލް ކުންފުނި ތަކެއް ތަމްސީލް ކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ބަސް ބުނެ ނެރެފައިވާ ނޫސް ބަޔާނުގައި ބުނީ އެ ޖަމިއްޔާ އިން ގަބޫލުކުރާ ގޮތުގައި މިއީ ޖީއެސްޓީ އާއި ޓީޖީއެސްޓީ އިތުރު ކުރަން އެންމެ ރަނގަޅު ވަގުތެއް ނޫނެވެ.
މީގެ ސަބަބެއްގެ ގޮތުގައި އެ ޖަމިއްޔާ އިން ބުނީ ރާއްޖޭގެ އާމްދަނީގެ 74 ޕަސެންޓް ހިއްސާ ޓޫރިޒަމް ސިނާއަތުން ސީދާ ގޮތުން ކުރާއިރު މިކަމުގެ ސަބަބުން ކުރާ އަސަރު ވަރަށް ބޮޑުވާނެ އެވެ. މީގެ އެއް ސަބަބަކީ ރާއްޖެއާ ވާދަވެރި ހުރިހާ މަންޒިލްތަކެއްގެ ބޯޑަރުތައް ހުޅުވާފައިވުމާއި މިކަމުގެ ސަބަބުން ވާދަވެރިކަމާއެކު ދެތިބުމަކީ މުހިންމު ކަމަކަށްވުމެވެ. އަދި ޓީޖީއެސްޓީ އާއި ޖީއެސްޓީ ރޭޓް މަތިކޮށްފިނަމަ ވާދަވެރިންނާއެކު އޮތް ޓޫރިޒަމްގެ ވާދަވެރިކަން ގެއްލި ރާއްޖޭގެ ގެސްޓްހައުސްތަކާއި ސަފާރީ- ލިވްބޯޑްތަކާއި ކުދި އަދި މެދުފަންތީގެ ކުންފުނިތަކުގެ އިތުރުން ބަޖެޓް ރިސޯޓްތަކަށް ގޮންޖެހުމާ ކުރިމަތި ވާނެ ކަމަށް އެ ޖަމިއްޔާ އިން ދެކޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ގާތްގަނޑަކަށް 150 ކުންފުނި ތަމްސީލް ކުރާ މި ޖަމިއްޔާ އިން ބުނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ރޭޓަށް ބަދަލު ގެންނާނެ ތާރީހެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައިނުވާ ކަމަށެވެ. ނަމަވެސް ޓޫރިޒަމް ސިނާއަތުގައި ހަދާފައިވާ އެއްބަސްވުންތައް ހުރީ ދެ އަހަރު ދުވަހަށް ހަދާފަ އެވެ. އެހެންވެ ގިނަ ކުންފުނި ތަކުން 2023 ގެ ނިޔަލަށް ޓޫރިޒަމް ރޭޓްތައް ދީފައި ހުރިއިރު މި ޓެކުހަށް ގެންނަ ބަދަލެއްގެ ސަބަބުން ޓޫރިޒަމް ބޮޑު އަސަރެއް ކުރާނެ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.
ފެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގެ މި ސަރަހައްދުގެ ތަމްސީލް ކުރާ ޖަމިއްޔާއިން ބުނީ މަޓާޓޯއިން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއެކު ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރުގެ ހާލަތުގެ ސަބަބުން ދައުލަތުގެ އާމްދަނީ އަށް ކުރާނެ އަސަރު އެ ޖަމިއްޔާ އަށް ރަނގަޅަށް އެނގޭ ކަމަށާ މި ހާލަތުގައި ސަރުކާރުގެ ހަރަދުތައް ކުޑަކޮށް ދަރަނި މެނޭޖު ކުރުމަށް އެ ޖަމިއްޔާ އިން އެދިފައިވެ އެވެ.