ވިޔަފާރި

އެންމެ ރިސޯޓެއްގެ މުއްދަތު އިތުރުކޮށްގެން 76 މިލިއަން ހޯދައިފި

ޓޫރިޒަމް ވިޔަފާރި އަށް ކުއްޔަށް ދޫކޮށްފައިވާ އެންމެ ރިސޯޓެއްގެ މުއްދަތު އިތުރުކޮށްގެން މި އަހަރުގެ މިހާތަނަށް 76 މިލިއަން ރުފިޔާގެ ދައުލަތަށް އާމްދަނީގެ ގޮތުގައި ހޯދައިފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކުރި މިދިޔަ މަހުގެ އާމްދަނީގެ ހިސާބުތައް ދައްކާ ގޮތުން- ލީޒް ޕީރިއަށް އެކްސްޓެންޝަން ފީ- ޓޫރިޒަމް ބިމުގެ މުއްދަތު އިތުރުކޮށްގެން މިދިޔަ މަހު ދައުލަަތަށް ފަސް މިލިއަން ޑޮލަރު (76 މިލިއަން ރުފިޔާ) ވަނީ ލިބިފަ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ދައުލަތަށް ފަސް މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވަނީ އެންމެ ރިސޯޓެއްގެ މުއްދަތު އިތުރުކޮށްގެންނެވެ. ރިސޯޓު ކުއްޔަށް ދޫކޮށްފައިވާ މުއްދަތު 50 އަހަރުން 99 އަހަރަށް އިތުރުކޮށްފައިވަނީ މާފުށިވަރު ރިސޯޓެވެ.

ޓޫރިޒަމް ގާނޫނަށް ގެނެސްފައިވާ ބަދަލާއެކު ޓޫރިޒަށް ދޫކޮށްފައިވާ ރިސޯޓުތަކުގެ ކުއްޔަށް ދީފައިވާ މުއްދަތު އިތުރު ކުރާނަމަ ފަސް މިލިއަން ޑޮލަރުގެ ފީއެއް ދައްކަން ޖެހެ އެވެ. ނަމަވެސް މި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާރު ގެނެސްފައިވާ ބަދަލާއެކު ލީޒް އެކްސްޓެންޝަން ފީ 10 މިލިއަން ޑޮލަރަށް ބަދަލުވާނެ އެވެ.

ރާއްޖޭގައި 157 ރިސޯޓެއް މިހާރު އޮތްއިރު މީގެ ތެރެއިން 50 އަހަރަށް ކުލީގެ މުއްދަތު އިތުރު ކުރަން ޖެހެނީ ނިސްބަތުން މަދު ރިސޯޓެވެ. މި މުއްދަތަަށް އިތުރު ކުރަން ޖެހެނީ ގާތްގަނޑަކަށް 13 ތަނެކެވެ. ނަމަވެސް 99 އަހަރަށް މުއްދަތު އިތުރު ކުރަން ޖެހޭ ތަންތަން ގިނަ އެވެ.