ވިޔަފާރި

އަންދާޒާ ކުރި ގޮތާ ހިލާފަށް މާދަމާ އެއް ލައްކަ ޓޫރިސްޓުން ހަމަވަނީ

ބޯޑަރު ހުޅުވުމަށްފަހު މި މަހުގެ ފަހުކޮޅާ ހަމައަށް، އެއް ލައްކަ ޓޫރިސްޓުން ހަމަވާނެ ކަމަށް ކުރިން އަންދާޒާ ކުރި ގޮތާ ހިލާފަށް މާދަމާ އެއް ލައްކަ ޓޫރިސްޓުން ހަމަވާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިން އަންދާޒާ ކޮށްފައި އޮތީ ބޯޑަރު ހުޅުވުމަށްފަހު އަންނަ އެއް ލައްކަ ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔާނީ މި މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ޔޫޕަރުގެ ގިނަ ގައުމުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު މަތިވުމާއެކު މި ޓާގެޓު މާދަމާ ހަމަވާނެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާދަމާއަކީ ތާރީހީ ދުވަހެއް ކަމަށެވެ. އަދި މާދަމާ އެއް ލައްކަ ޓޫރިސްޓުން ހަމަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮވިޑް-19 ގެ ބަލި ފެނުމާއެކު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މާޗް 15 ގަ އެވެ. އަދި ބޯޑަރު އަލުން ހުޅުވާފައިވަނީ ޖުލައި 15 ގަ އެވެ. ބޯޑަރު ހުޅުވަން ސަރުކާރު ކުރި ޓާގެޓަކީ މި އަހަރުގެ ނިޔަލަށް 100،000 މީހުން ގެނެސް، މި އަހަރު އަންނަ ޓޫރިސްޓުންގެ އަދަދު ބައި މިލިއަން މީހުންނަށް އިތުރު ކުރުމެވެ.

ޓޫރިސްޓުން އަންނަ އަދަދު މަތިވަމުންދާއިރު، ދުވާލެއްގެ މައްޗަށް އަންނަ މީހުންގެ އަދަދު ވެސް ވަނީ މަތިވާން ފަށާފަ އެވެ. ބޯޑަރު ހުޅުވި ޖުލައި މަހު ދުވާލެއްގެ މައްޗަށް އައިސްފައިވަނީ 100 މީހުންނެވެ. ނަމަވެސް މިހާރު އެވްރެޖު ގޮތެއްގައި 1,690 މީހުން އާދެ އެވެ. އަދި އާއްމު ގޮތެއްގައި ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތުވެސް މަތިވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. ޖެނުއަރީ އިން މާޗް މަހު ބޯޑަރު ބަންދު ކުރުމާ ހަމައަށް ޓޫރިސްޓުން އެވްރެޖު ގޮތެއްގައި މަޑު ކުރަނީ 7.9 ދުވަހު އެވެ. ނަމަވެސް މިހާރު އެވްރެޖު ސްޓޭ ވަނީ 9.2 ދުވަހަށް ދިގުވެފަ އެވެ.