ހަބަރު

"ހަރުކަށި ފިކުރު އިސްކޮށްގެން ނުވާނެ"

ދީނީ ހަރުކަށި ފިކުރު އިސް ކުރުމުން ގައުމުގެ ސުލްހަމަސްލަހަތު ގެއްލޭ ކަމަށް ވިދާޅުވެ އެ ފިކުރު އިސް ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފި އެވެ.

ސުލްހައާއި ސަލާމަތްތެރިކަން ކުރިއެރުވުމުގެ ޝިއާރުގައި ނޭޝަނަލް ކައުންޓާ ޓެރަރިޒް ސެންޓަރާއި ޔޫއެންޑީޕީ ގުޅިގެން ކުރިޔަށް ގެންދާ މަޝްވަރާ ބައްދަލުވުން ޝަރަފުވެރި ކޮށްދެއްވާ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދިވެހިންނަކީ ޒަމާނުއްސުރެ އެކުވެރިކަމާއި އެއްބައިވަންތަކަމާއެކީ އުޅެމުން އައި ބައެއް ކަމަށާއި ހިޔާލު ތަފާތުވުމެއް ނެތި ހިތް ހަމަޖެހުމާއެކީ އުޅެމުން އައި ބައެއް ކަމަށެވެ.

ނަމަވެސް އަމާންކަމާއި ހަމަޖެހުމުގެ ނިދީގައި ތިއްބާ ފަރުދާގެ ފުރަގަހުގައި އެތަށް ނުރައްކާތަކެއް އުފެދެމުން ދާ ކަމަށާއި އިސްލާމީ ސައްހަ އަގީދާގެ ތެރޭގައި ދަރިން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވުމުގެ ސަބަބުން ދިވެހިންގެ ތެރޭގައި އުފެދިގެން ނުވާނެ ހިޔާލު ތަފާތުވުންތަކެއް އުފެދެން ފަށާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އޭގެ ނަތީޖާ ދެ ގޮތަކަށް ބައްދަލު ކުރަމުން އަންނަ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

އެގޮތުން ސައްހަ އިސްލާމީ މަފްހޫމް އެއްފަރާތްކޮށް ދިވެހިން ހަރުކަށި ވިސްނުމަށް ލެނބިގެން ދާ ކަމަށާއި އަނެއް ބައި މީހުން ނުރައްކާތެރިކަމަށް ވިސްނާލުމެއް ނެތި އިސްލާމްދީނަށް ކުޑައިމީސް ކުރެވޭ ފަދަ ހިޔާލުތައް ފާޅު ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަރުކަަށި ފިކުރުތަކަށް ތަބާވެ ބައެއް ގައުމުތަކުގެ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވެ ޓެރަރިޒަމްގެ އަމަލުތައް ހިންގަމުން ދާ ކަމީ މުޖުތަމައުއަށް ލިބޭ ވަރަށް ބޮޑު ދެރައެއް، މިއީ ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި ސުލްހައަށް އަދި ގައުމުގެ އިގްތިސާދަށް ލިބޭ ގެއްލުމެއް،" ރައީސް ވިދާޅުވި އެވެ. "މިއީ މަޝްވަރާކޮށް ދާއިމީ ހައްލެއް ހޯދަން ޖެހިފައިވާ މައްސަލައެއް، އާބާދީގެ 35 ޕަސަންޓަށް ވުރެ ގިނައީ ޒުވާނުން، އެ ޒުވާޏުންގެ ފިކުރު ގައުމު ބިނާ ކުރުން ކަމުގައި ހެދުމަކީ އެންމެންގެ ޒިންމާއެއް،"

ރައީސް ވިދާޅުވީ އެފަދަ އަމަލުތަކުގެ ސަބަބުން ގައުމުގެ ސަލާމަތައް ނުރައްކާވާ ފަދައިން އިޖްތިމާއީ ގޮތުން ލިބޭ ގެއްލުންތައް ވެސް އެހާމެ ބޮޑު ކަމަށެވެ. އަދި މުޖުތަމައުގެ ސުލްހަމަސްލަހަތާއި ހަމަޖެހުން ގެއްލޭފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ މަސްލަހަތު ހުރި ގޮތެއް ނޫން ކަމަށާއި އެހެންކަމުން އެހެންކަމުން ހަރުކަށިކަން އިސް ނުކުރުމަށާއި ގައުމުގެ ހަމަޖެހުން ނަގާ ނުލުމަށް އެންމެ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ގަބޫލު ކުރެވިފައި އޮންނަނީ އެތަނެއްގައި ހަނގުރާމައެއް ހިނގަމުން ނުދާ ކޮންމެތަނަކީ ސުލްހަ ގާއިމްވެފައި އޮތް ތަނެއް ކަމަށް، ނަަމަވެސް ހަގީގީ ސުލްހައަކީ އެތަނެއްގެ ރައްޔިތުންގެ މެދުގައި އުފެދިފައި އޮންނަ ލޮތްބާއި ހަމްދަރުދީ،" ރައީސް ވިދާޅުވި އެވެ.

ކައުންޓާ ޓެރަރިޒަމް ސެންޓާ އިން މަސައްކަތް ކުރަނީ ރައްޔިތުންނަށް އުފާވެރި ސުލްހަވެރި ތަނެއް ގޮތުގައި ރާއްޖެ ހެދުމުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދޭދޭ ފަރުދުންގެ މެދުގައި ސުލްހަވެރިކަން ގާއިމް ނުކޮށް އެހެން ބައެއްގެ ފަރާތުން ހޯދޭނެ ސުލްހައެއް ނޯންނާނެ ކަމަށާއި ދާހިލީ ހަނގުރާމަތަކުން ފެންނަނީ އެ ހަގީގަތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.