ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޯޓް އަމުރެއް ނެތި މީހުން ބަންދުކުރުމުގެ ބާރު ފުލުހުންނަށް ދީފި

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ކޯޓު އަމުރެއް ނެތި 48 ގަޑިއިރު ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބޭ ޓެރަރިޒަަމް މަނާކުރުމުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައީސް މިއަދު ތަސްދީގުކޮށްފައިވާ ގާނޫނަކީ މިދިޔަ މަހުގެ 29 ވަނަ ދުވަހު މަޖިލީހުން ފާސްކުރި ގާނޫނެވެ. އެ ދުވަހު ގެނައި ބަދަލުތަކުގެ ތެރޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 1 ވަނަ މާއްދާއިން 28 ވަނަ މާއްދާއަށް ފަސް ކަމެއް ވަނީ އިތުރުކޮށްފަ އެވެ.

އެގޮތުން ޓެރަރިޒަމްގެ މައްސަލަތަކުގައި ބަންދުކުރެވޭ މީހުންގެ ތަހުގީގު ފުރިހަމަކޮށް އެ މީހެއްގެ މައްޗަށް ދައުވާ ނުއުފުލި ނަަމަވެސް އެ މީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގައި އާ ހެކި ލިބިއްޖެނަމަ އެ މައްސަލައެއް އަލުން ތަހުގީގުކުރުމަށް ފަހު ކުށުގެ ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ދައުވާ އުފުލިދާނެ ކަމަށް ބުނެފައި ވެއެވެ.

މިގޮތަށް ގާނޫނަށް އިސްލާހު ގެނައީ ތަހުގީގު ކުރާ މުއްދަތުގެ ތެރޭގައި ތަހުގީގު ފުރިހަމަވެފައި ނުވަނީ ފުލުހުންގެ ބާރު ނުފޯރުވޭ ކަމެއް މެދުވެރިވުމުގެ ސަބަބުން ކަމުގައިވާނަމަ އިތުރު މުއްދަތު ދިނުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ބުނެފައި ވެއެވެ.

އަލަށް ފާސްކުރި އިސްލާހުތަކުގެ ދަށުން ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ކޯޓު އަމުރެއް ނެތި 48 ގަޑިއިރު ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބޭނެ އެވެ. އޭގެ އިތުރުން ޓެރަރިޒަމްގެ މައްސަލަތުގައި ކޯޓު އަަމުރަކާ ނުލާއި ތަންތަނަށް ވަދެ މީހުން ހައްޔަރުކޮށް ފާސް ވެސް ކުރެވޭނެ އެވެ.