މަރުތަކާއި ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ބާރު ދޭ ބިލު ރައްޔިތުން މަޖިލީހުން މިއަދު ވެސް ވޯޓަށް ނޭހުނެވެ.
ދެ ކޮމިޝަނަށް ބާރު ދޭ ބިލަށް ވޯޓަށް އެހުން އިއްޔެ ބޭއްވި މަޖިލީޙުގެ ޖަލްސާގައި ވެސް ތާވަލު ކުރެވުނެވެ. ނަމަވެސް އެ ބިލަށް ވޯޓަށް އަހަން ބޭނުންވާ އަދަދަށް މެންބަރުން ހާޒިރުވެފައި ނުވާތީ އެ ބިލަށް ރިޔާސަތުން ވޯޓަށް ނޭހި އެވެ. މީގެ ކުރީ ދައުރުގައި ވެސް އެ ބިލު ފާސް ކުރަން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފަ އެވެ.
ކޮމިޝަންތަކަށް ބާރު ދޭ ބިލަށް ވޯޓަށް ނާހާ، ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ އެ ބިލަށް ވޯޓަށް އަހަން ބޭނުންވާ އަދަދަށް މެންބަރުން ހާޒިރު ނުވާ ކަމަށެވެ. މަޖިލީހަށް މިއަދު ވަޑައިގަތީ 37 މެންބަރުންނެވެ. ނަމަވެސް އެ ބިލު ފާސް ކުރެވޭނީ 43 މެންބަރުންގެ ހާޒިރުގަައި އަހާ ވޯޓަކުންނެވެ.
އޭގެ އިތުރުން ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތް ހެދުމުގެ ބިލަށް ވެސް ވޯޓަށް އަހަން މިއަދު ވެސް ތާވަލު ކުރި އެވެ. ނަމަވެސް މެންބަރުން ހަމަ ނުވާތީ އެ މަސައްކަތް ވެސް ކުރިޔަށް ގެންދެވޭ ގޮތެއް ނުވި އެވެ. ކޮމިޝަންތައް އުފައްދަވައިގެން މަރުތަކާއި ހިޔާނާތް ބެލުމާއި ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތް ހެދުމަކީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.