ކަށިކޭލަކީ ދިވެހިންގެ ކެއުންތަކުގައި ކުރިން ވަރަށް ގިނައިން ތަފާތު ގޮތްގޮތަށް ބޭނުން ކުރި ވަރަށް މީރު އެއްޗެކެވެ. ރަށްރަށުގެ ކޮންމެ ގެއެއްގައިހެން ބޮޑު ކަށިކެޔޮ ގަހެއް ހުރި ޒަމާނެއް ވެސް ދިޔައެވެ. ކަށިކެޔޮ އޮށް ލިއެގެން -- ކަށިކެޔޮ ކޮށުން -- ދިވެހިންގެ އޭގެ ބޭނުން ވަރަށް ފޮނިކޮށް ފުރިހަމައަށް ކުރި އެވެ. ކަށިކޭލުގައި ހުންނަ ހިމަ ދިގު ކަށި ނަރުތައް ދަތުގެ ދޭތެރޭގައި ތާށި ނުވާނެ ގޮތަށް ލިއަން ވަކި ހާއްސަ ވަޅި އެއްވެސް ދިވެހިން ގެންގުޅުނެވެ. ކަށިކެޔޮ ލިއުމަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހައިން ކޮށްލެވޭނޭ ވަރުގެ ކަމެއް ނޫނެވެ. އެއީ ފާޑެއްގެ ހުނަރެކެވެ. ކަށިކޭލަކީ ދިވެހިންނަށް ވަރަށް ހާއްސަ އެއްޗެކެވެ. އޭގެ މީރުކަން ބޭނުން ކުރީ ވެސް ހާއްސަ ދުވަސް ދުވަހަށެވެ.
ބޮޑު އީދަށް ކަނދި ކެއްކުމާއި ރޯދައިގެ ހާރަށް ބަތްޕެން ކެއްކުމުގައި ވެސް ކަށިކެޔޮ ހިމަނަ އެވެ. ކަނދި އެކަންޏެއް ނޫނެވެ. ހުންޏާއި ހަކުރު އެއްކޮށް މޮޑެވެސް ހެދި އެވެ. މި ކޭލުގެ ހާއްސަ ކަމާ އެއްވަރަށް އޭގެން ދުވާ މީރު ވަހުންވެސް ކުޅުދިޔާވާ މީހުން އުޅެ އެވެ. ލުއި ކެއުމަކަށް ދިވެހިން އުފެއްދި މި ދިވެހި ކެއުން މިއަދު ފެންނަނީ ވަރަށް ތަރައްގީ ކޮށްލާފައި ހުންނަ ތަނެވެ. ދެކުނުގެ އަތޮޅުތަކުގެ ކަށިކެޔޮ މެޓާގަނޑާއި ފޮއި އެއީ ދެން މީރުކަމުން ގޮސް މަރެކެވެ. ކަށިކޭލު ފަނި އަދި މާ މީރެވެ.
ދިވެހިންގެ ރަހަތަކާ ގުޅި ލާމެހިފައިވާ ކަށިކޭލު ކަންޖާއި ބަތްޕެން ދިވެހިންގެ ތެރެއިން މަދުވެ މިހާރު އެހާ މަގުބޫލު ނުވިޔަސް މިއުޅެނީ މޫސުމެއް އައިސްގެނެވެ. އެންމެން ކަށިލޭލުގެ ކޭކު އަޅަނީ އެވެ. ހަމަ އާދައިގެ ކޭކެއްގައި ކަށިކެޔޮ ހިމަނާ އޭގައި ހިމެނޭ މަޑު ފޮނި ރަހަ މުޅި ކޭކުގައި އެއްވަރު ކޮށްލަނީ އެވެ.
ބަޓަރު ކޭކެއް ނަމަވެސް ކަށިކޭލުގެ ވަރުގަދަ ރަހައިން މުޅި ކޭކު ހިފަހައްޓާލައި ދެއެވެ. އިތުރު ރަހަ އެއް އިތުރު އެއްޗެއް އެއަށް ގެންނާކަށް ނުޖެހެ އެވެ. ކަށިކެޔޮ ކޭކު ފޮއްޗަކުން ރަހަ ބަލައިލުމުން މީހާ ގެންގޮސްދެނީ މުޅިން އެހެން ދުނިޔެއަކަށެވެ.
ކަށިކެޔޮ ކޭކު އަޅައި ގޮތް ގޮތަށް ޑިޒައިންކޮށް ކޭކް ފުރިހަމަ ކުރުމަށް ކަށިކޭލުގެ އަސްލު ރަތްކުލައިގެ އައިސިން ގަނޑެއްވެސް އޭގައި އުނގުޅަ އެވެ. މި ކޭކުތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާ ފަތަހަ ކުރަމުން އަންނައިރު މިހާ މަގުބޫލުވީ ވެސް ދިވެހިންގެ ހާއްސަ ރަހައަކަށް ވެގެނެވެ.
ކަށިކެޔޮ ކޭކު އަޅައި ވިއްކާ މީހުން ބުނާ ގޮތުގައި ކަނަމަދު ކޭކަށް ދިވެހިން ދިން ތަރުހީބާ އެއްވަރަށް ކަށިކެޔޮ ކޭކަށް ވެސް ތަރުހީބު އެބައޮތެވެ.
އެކި ރަހައިގެ ކޭކުތައް ކޮފީ މޭޒުމަތި ތަކުން ފެނުނެއް ކަމަކު ކަށިކެޔޮ ކޭކަކަށް ދިވެހިންގެ އާ ޒުވާނުން މިހާރު ނޫނެކޭއެއް ނުބުނެ އެވެ. މީގެ އަހަރުތަކެއް ކުރިން ވައިގައި ހިފި ކަނަމަދު ކޭކުގެ ރަހައިން އަރައި ނުގަނެވިގެން އުޅެނިކޮށް އެ ވައްޓާލުމަށްފަހު މިހާރު ވައިގަ ހިފައިގެން މިއުޅެނީ ކަށިކެލު ކޭކެވެ. ބޮޑު ބޮޑު ކަށިކެޔޮލުގެ ބަތްޕެން ތައްޓެއް ބުއިމަކީ މާ ފަސޭހަ ކަމަކަށް ނުވިޔަސް މި ކަހަލަ ކޭކު ފޮއްޗެއް ހުސްކޮށްލާކަށް މާ ގިނަ އިރުތަކެއް ނުނަގާނެ އެވެ.
ކަށި ކޭލުން ދިވެހިންގެ ކެއުންތައް އެއް އިރެއްގައި ފުރިހަމަވި ގޮތަށް އަނެއްކާވެސް ކަށިކޭލުގެ ކުލަ ޖެހެން ފެށީ އެވެ. ސޯޝަލް މީޑީއާއިން އެކަން އެނގެ އެވެ.