ބޮލީވުޑް

"ގާލް އޮން ދަ ޓްރެއިން" ގައި ޕަރިނީތީ!

ހޮލީވުޑްގެ މިސްޓްރީ ތްރިލާ ފިލްމު "ދަ ގާލް އޮން ދަ ޓްރެއިން" ގެ ހިންދީ ރިމޭކެއް އުފައްދަން ނިންމައި، އޭގެ ލީޑް ރޯލު ޕަރިނީތީ ޗޯޕްރާއަށް ދީފި އެވެ. ބޮލީވުޑްގެ ހަބަަރުތައް ގެންނަ، ބޮލީވުޑްހަންގާމާ އިން ބުނި ގޮތުގައި މި ފިލްމު ޑައިރެކްޓު ކުރާނީ އަމީތާބް ބަޗަން ކުޅުނު "ޓީން" ޑައިރެކްޓު ކޮށްފަައިވާ ޑައިރެކްޓަރު ރިބޫ ދާސްގުޕްތާ އެވެ. އަދި ފިލްމު ޕްރޮޑިއުސް ކުރާނީ ރިލަޔަންސް އެންޓަޓައިންމަންޓުންނެވެ.

"ދަ ގާލް އޮން ދަ ޓްރެއިން" ގެ ހޮލީވުޑް ފިލްމަކީ 2016 ވަނަ އަހަރު ޓޭޓް ޓެއިލާ ޑައިރެކްޓުކޮށް ރިލީޒް ކުރި ފިލްމެކެވެ. ޕައުލާ ހޯކިންސްގެ ވާހަކަ އަކަށް އުފައްދާފައިވާ މި ފިލްމުގައި ލީޑް ރޯލުން ފެނުނީ ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެމިލީ ބްލަންޓް އެވެ.

ގާތްގަނޑަކަށް 50 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ދަ ގާލް އޮން ދަ ޓްރެއިން" އަކީ ބޮކްސް އޮފީހުގައި 173.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ރަލަށް ދެވިހިފާފައިވާ އަންހެނެއްގެ ވާހަކަ ކިޔައިދޭ މި ފިލްމަކީ އެމިލީ ބްލަންޓްގެ އެންމެ މަގުބޫލު ފިލްމު ތަކުން ފިލްމެކެވެ.

މި ފިލްމުގެ ހިންދީ ރީމޭކް އެއް އުފައްދާ، ޕަރިނީތީ އަށް ލީޑު ދިން ހަބަރާއެކު ވެސް ގިނަ ބަޔަކު ބުނަމުން ދިޔައީ ޕަރިނީތީއަކީ މި ރޯލަށް އެންމެ ރަނގަޅު ބަތަލާ ކަމަށެވެ. އަދި ރީމޭކް އެއްް ކަަމުން އެމިލީ އާ ޕަރިނީތީ އާ ވައްތަރު ކަމަށްވެސް ބުނަމުން ދިޔަ އެވެ.

ބަތަލާގެ ރޯލް ޕަރިނީތީ އަށް ހުށަހެޅި ކަމަށް ބުނި ނަމަވެސް، މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް ފިލްމުގެ ޓީމުން އަދި ހާމަކޮށްފައެއް ނުވެ އެވެ. ޕަރިނީތީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 21 ގައި ރިލީޒް ކުރާ އެކްޝަން ޑްރާމާ "ކޭސަރީ" އެވެ.