ހަބަރު

ކޮމިޝަނަށް ބާރުދޭން ދެކޮޅު ހަދާތީ، ރިލްވާންގެ އާއިލާގެ ކަންބޮޑުވުން

Feb 27, 2019
6

މަރުތަކާއި ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ބާރު ދޭ ބިލު ރައްޔިތުން މަޖިލީހުން ވޯޓަށް ނޭހި ދިގުލައިގެން ދިޔުމާއި ގުޅިގެން ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ދެ ކޮމިޝަނަށް ބާރު ދޭ ބިލަށް ވޯޓަށް އެހުން އިއްޔެ ބޭއްވި މަޖިލީޙުގެ ޖަލްސާގައި ވެސް ތާވަލު ކުރެވުނެވެ. ނަމަވެސް އެ ބިލަށް ވޯޓަށް އަހަން ބޭނުންވާ އަދަދަށް މެންބަރުން ހާޒިރުވެފައި ނުވާތީ އެ ބިލަށް ރިޔާސަތުން ވޯޓަށް ނޭހި އެވެ. މީގެ ކުރީ ދައުރުގައި ވެސް އެ ބިލު ފާސް ކުރަން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފަ އެވެ.

އެކަމާއި ގުޅިގެން ރިލްވާންގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރިލްވާން ރަހުމްކުޑަ ގޮތަކަށް ވަގަށްނަގައި ގެއްލުވާލިތާ ފަސް އަހަރުވެފައިވާއިރު، އެކަން ތަހުގީގުކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުގެ މަސައްކަތަކީ ރިލްވާން ފަދަ ފާއިތުވެދިޔަ އަހަރުތަކުގައި މި ގައުމުގައި ގެއްލުވާލާފައި ނުވަތަ މަރާލާފައިވާ އެހެން މީހުންނަށާއި އެމީހުންގެ އާއިލާތަކަށްވެސް އިންސާފު ހޯދައިދިނުން ކަމަށެވެ.

އަދި އެފަދަ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމައަށް އަދާކުރުމަށްޓަކައި އެކޮމިޝަންގެ ގާނޫނު ފާސްކުރުމަކީ ކޮންމެހެންވެސް ކުރަން މުހިންމުކަމެއް ކަމުގައި އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"އެހެންނަމަވެސް، ގާނޫނު ހަދައި ފާސްކުރުމުގެ ޒިންމާއާ ހަވާލުވެބެތި ރައްޔިތުންގެ މަންދޫބުން އެ ބިލް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުވުމަކީ، އާއިލާއިން ނުހަނު ކަންބޮޑުވާ ކަމެކެވެ."

ކޮމިޝަނުގެ ގާނޫނު ފާސްކުރަން މަޖިލީހުގެ މެމްބަރުން ގަސްދުގައި ދެކޮޅު ހަދަމުންދާކަމަށް ބުނެ ރިލްވާނުގެ އާއިލާއިން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.

މިގޮތުން، ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ މެމްބަރުންތަކެއް ހާޒިރުނުވެގެން އެ ގާނޫނު ފާސްނުވުމަކީ، އެ ބިލް ފާސްވިޔަ ނުދިނުމުގެ ނިޔަތް އޮތުމާއި ކުށްކުރި އަދި ކުށްކުރުމުގައި އެކި ގޮތްގޮތުން ޝާމިލުވާ ފަރާތްތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ކަމަށް ދޭހަވާކަމެއް ކަމުގައި އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ވެރިކަންކުރާ ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން މިބޭއިންސާފުގައި ބައިވެރިވުމަކީ އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާކަމެކެވެ. ސަބަބަކީ ވެރިކަންކުރާ ކޯލިޝަންގެ ރިޔާސީ ވައުދު ނުފުއްދި ދިއުމާ އާއިލާއަށް އިންސާފު ނުލިބިދާނެ ކަމުގެ ބިރު އޮތަތީއެވެ."

އެ ބަޔާނުގައި ރިލްވާންގެ އައިލާއިން ވަނީ، ރިލްވާނަށް އިންސާފު ހޯދައިދިނުމަށްޓަކައި އެ ބިލް ފާސްކޮށްދިނުމަށް މަޖިލީސް މެމްބަރުންގެ ކިބައިން އެދިފަ އެވެ.

ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް އަލިކަމެއް އަދިވެސް ނުލިބޭ އިރު މީގެ ދެ އަހަރު ކުރިން ރިލްވާންގެ ތަހުގީގާ ގުޅޭ ބައެއް ވީޑިއޯތައް ފުލުހުން އާންމުކުރި އެވެ. ވީޑިއޯތަކަށް ބިނާކޮށް ފުލުހުން ބުނެފައި ވަނީ ރިލްވާން ގެއްލުވާލި ރޭ އޭނާއަށް ދެ މީހަކު ފާރަލީ ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކާރެއްގައި ހުރި އިސްތަށިން ހޯދުނު ޑީއެންއޭ ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވާ ކަމަށް ފުލުހުން ބުނެ އެވެ.

ރިލްވާންގެ ގެއްލުވާލި މައްސަލާގައި ދެ މީހަކަށް ދައުވާކޮށް، އެ މައްސަލާގައި ޝަރީއަތް ނިމުނު އިރު މައްސަލަ ސާބިތެއް ނުވި އެވެ.