ކުޅިވަރު

މައްސަލަ ހުށަހެޅި އެކަމަކު ފިޔަވަޅެއް ނޭޅުނު

ނިއު ރޭޑިއަންޓު ސްޕޯޓްސް ކުލަބުން ދޭންޖެހޭ، މުސާރަ ނުދޭތީ، އެ މައްސަލަ އެފްއޭއެމަށް ހުށަހެޅިތާ ފަސް މަސް ވާން ގާތްވެފައިވާއިރު ވެސް، އޭނާ ހުށަހެޅި މައްސަލައަށް އެފްއޭއެމުން އެއްވެސް ގޮތެއް ނިންމާފައި ނުވާ ކަމަށް ގޯލްކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ.

ސޯޝަލް މީޑިއާގައި އިމްރާން ބުނެފައި ވަނީ ނިއު ރޭޑިއަންޓުން މުސާރަ ނުދޭތީ އެފްއޭއެމްއަށް މައްސަލަ ހުށަހެޅިތާ ހަތަރު މަހާއި 25 ދުވަސްވީއިރު އެ މައްސަލައާ ގުޅިގެން އެފްއޭއެމުން ފިޔަވަޅެއް އަޅާފައި ނުވުމަކީ އޭނާ ހިތާމަ ކުރާ ކަމެއް ކަމަށެވެ.

އެފްއޭއެމްއަށް އޭނާ ހުށަހެޅި މައްސަލައާ މެދު ގޮތެއް ނުނިމި ލަސްވަމުން ދާތީ، އެކަން ސާފު ކުރުމަށް އިމްރާންގެ ފަރާތުން އެފްއޭއެމްއަށް ފޮނުވި ސިޓީއާ ގުޅިގެން އެފްއޭއެމުން އޭނާއަށް ފޮނުވާފައިވާ (ޖަވާބު) ސިޓީގެ ކޮޕީއެއް އިމްރާން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

މި މަހު 18 ވަނަ ދުވަހު ފޮނުވި އެ ސިޓީގައި ގައި ބުނެފައި ވަނީ، އިމްރާން ހުށަހަޅާފައިވާ މައްސަލަ، އެފްއޭގެ ޕްލޭއާ ސްޓޭޓަސް ކޮމިޓީން ބަލަމުން އަންނަ ކަމަށާއި އެކަމަކު މިހާތަނަށް ގޮތެއް ނިންމިފައި ނުވާ ކަމަށެވެ.

އިމްރާންގެ މައްސަލަ ހުށަހެޅި ފަހުން، ނިއުއަށް ކުޅުނު ބައެއް އެހެން ކުޅުންތެރިންގެ ފަރާތުން ވެސް ވަނީ އެފްއޭއެމްއަށް މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް އެ ކުޅުންތެރިންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާފައި ވެއެވެ. އެގޮތުން ނިއު އަށް ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު، މުހައްމަދު ރަޝީދު (ހޮކޭ) އާއި އެޓޭކިން މިޑްފީލްޑާ ހަމްޒާ މުހައްމަދުގެ މައްސަލަ ބެލުމަށް ފަހު، އެފްއޭއެމުން ވަނީ އެ ކުޅުންތެރިންނާއެކު ނިއުއިން ހަދާފައިވާ ކޮންޓްރެކްޓް އުވާލާފަ އެވެ.

އިމްރާން ހުށަހެޅި މައްސަލައިގައި އެހާ ގިނަ ދުވަސްވެ ލަސްވެގެންދަނީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދާފަ އެވެ. މުސާރަ ނުދޭ މައްސަލަ އޭނާ ފެންމަތި ކުރީ އޮކްޓޫބަރު މަހު އެވެ. މިދިޔަ އަހަރު އޯގަސްޓް މަހާ ހަމައަށް އިމްރާން ވަނީ ނިއުގެ ޓީމުގައި ހިމެނި ކުޅެފަ އެވެ. ނަވެސް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ކުލަބުތަކުގެ ޕްރެކްޓިސް މެދުކަނޑަލައި، ސާފް ޗެމްޕިއަންޝިޕަށް ފަހު ނިއުގެ ޕެރެކްޓިހަށް ނިކުތުން، އިމްރާން ހުއްޓާލި އެވެ. އެއީ މިދިޔަ އަހަރު އޭޕްރީލް މަހު، އޭނާއަށް ދޭންޖެހޭ ފައިސާ ނުދޭ މައްސަލަ ތަކުރާރުވާން ފެށުމުންނެވެ.

އިމްރާނަށް މުސާރައިގެ މައްސަލަ ދިމާވުމުން، އޭނާ ވަނީ މުސާރަ ހަމަޖައްސައި ދިނުމަށް ކުލަބަށް ލިޔުމުން ހުށަހަޅާފަ އެވެ. އެއަށްފަހު ވެސް ކުލަބުން މުސާރަ ނުދިނުމުން އާންމުދަނީ ހޯދަން ވަގުތު ހުސް ކުރުމަށްޓަކައި ކުލަބުގެ ޕްރެކްޓިހަށް ނިކުމެވެން ނެތްކަން ލިޔުމުން އެންގުމަށް ފަހު، ކުލަބުގެ ޕްރެކްޓިހަށް ނިކުތުން އޭނާ ހުއްޓާލި އެވެ.

މުސާރައިގެ މައްސަލަ ކުލަބުން ހައްލުކޮށް ނުދިނުމުން، އެފްއޭއެމަށް މައްސަލަ ހުށަހެޅި އެވެ. ޕްލޭއާސް ކޮމިޓީގައި މައްސަލަ ލޮގުކޮށްފައި ވަނިކޮށް، ނިއު އިން ވަނީ އޭނާގެ ކޮންޓްރެކްޓް ބާތިލު ކޮށްފަ އެވެ.

"ޕްރެކްޓިސް މެދު ކަނޑާލި ސަބަބުވެސް ކުލަބަށް އެންގިން، ޕޭމަންޓް ނުލިބެންޏާ ފައިސާ ހޯދުމަށް ވަގުތު ބޭނުންވާތީ މިވަގުތު ކުލަބު ޕްރެކްޓިސް މެދުކަނޑަލަން ޖެހުނު ކަމަށް އެންގީ." މިދިޔަ އަހަރު އޮކްޓޫބަރު އިމްރާން ބުނެފައި ވެއެވެ.

އޭނާ ބުނީ ނިއު ރޭޑިއަންޓަކީ އޭނާ ވަރަށް ކުޅޭ ހިތުން ކުޅޭ ވަރަށް ލޯބިވާ ކުލަބެއް ކަމަށާއި ނަމަވެސް ޕޭމަންޓް ނުލިބި އިތުރު މުއްދަތުތަކެއް ފާއިތުވެ ދިއުމުން ވެސް މައްސަލަ ހުށަނާޅާއި އޭނާ މަޑުކުރި ކަމަށެވެ. މައްސަލަ ހުށަހެޅީ އެނޫން އެހެން ގޮތެއް ނެތުމުން ކަމަށެވެ.

"އަޅުގަނޑު ވާނީ ކުލަބުގެ މޭނޭޖުމެންޓަށް ހުރިހާ ކަމެއް ބަރާބަރަށް ލިޔުމުން އަންގަފައި، މައްސަލަ ހުށަހެޅުމުގެ ކުރިންވެސް އެކަން އެންގިން، ނަމަވެސް ހައްލެއް ނުލިބުނީމަ އެންމެ ފަހުން މައްސަލަ ހުށަހެޅީ." ނިއު އަށް ގިނަ ތަށިތަކެއް ހޯދައިދިން އިމްރާން ބުންޏެވެ.

އޭނާގެ ފަރާތުން ކުލަބަށް ލިޔުމުން ފޮނުވި މައްސަލައަށް، ކުލަބުން ޖަވާބު ދީފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ކުލަބުން އޭނާއަށް އަންގާފައި ވަނީ ކޮންޓްރެކްޓް ބާތިލު ކޮށްފައިވާ ކަމަށެވެ. އަދި ކޮންޓްރެކްޓް ބާތިލު ކުރުމަށްފަހުވެސް އޭނާއަށް ދޭން ޖެހޭ މުސާރަ ދީފައެއް ނުވެ އެވެ.

ނިއުގެ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދީ އޮތުމުން، އެފްއޭއެމުން ވަނީ އެކުލަބު ސަސްޕެންޑްކޮށްފަ އެވެ. އެފްއޭއެއިން ބުނެފައި ވަނީ، ނިއު އިން އެ ޓީމުގެ ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ، 3.8 މިލިއަން ރުފިޔާ ނުދީ އޮތް ކަމަށާއި، އެ ފައިސާ އަދާ ކުރަންދެން އެ ކުލަބު ސަސްޕެންޑްކޮށްފައި ވާ ކަމަށެވެ. އެހެންމަވެސް މުސާރަ ނުދިނުމުގެ މައްސަލަ ކުރިމަތި ވެފައި ވަނީ ނިއު އަށް އެކަންޏެއް ނޫނެވެ. ވިކްޓަރީއަށް އެ މައްސަލަ މާބޮޑަށް ވަނީ ކުރިމަތި ވެފަ އެވެ. އެހެންނަމަވެސް އެ ޓީމާ ދެކޮޅަށް ސަސްޕެންޝަންގެ ފިޔަވަޅެއް އަޅަފައި ނުވެ އެވެ.