ނިއުރޭޑިއަންޓް

ޓަވަރޭޒްގެ މުސާރައާ ގުޅިގެން ނިއުއަށް ފަހުގެ އިންޒާރު

ދެހާސް ސަތާރަ ވަނަ އަހަރު ނިއު ރޭޑިއަންޓަށް ކޯޗް ކޮށްދިން ޕޯޗްގަލްގެ ބެނާޑޯ ޓަވަރޭޒްއަށް ދޭން ޖެހޭ މުސާރަ ނުދީ އޮތުމުން، އެ މުސާރައާ އަދި އެކަމާ ގުޅިގެން ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ފީފާއިން ފަހުގެ މުހުލަތު ދީފި އެވެ.

ޓަވަރޭޒްގެ މުސާރައިގެ މައްސަލަ އަންނަ މަހު ހަތަރެއްގެ ނިޔަލަށް ހައްލު ނުކޮށްފިނަމަ ކުލަބަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް ނިއު އާ ދެކޮޅަށް ފިޔަވަޅު އަޅާނެ އެވެ. އެގޮތަށް އަންގާފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު ފޮނުވި ސިޓީއެއްގަ އެވެ. ފީފާއިން ފަހުގެ އިންޒާރުގެ ސިޓީ ފޮނުވާފައި ވަނީ މިދިޔަ މަހު 22 ވަނަ ދުވަހުގެ ނިޔަލަށް ދިން މުއްދަތު ފަހަނައަޅާއި ދިއުމުންވެސް ފައިސާ ދައްކާފައި ނުވުމުންނެވެ.

ނިއު އިން ޓަވަރޭޒްއަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭނީ 4000 އެމެރިކާ ޑޮލަރެވެ. އަދި ނިއު އިން ހާދަފައިވާ އެއްބަސްވުން ގަވައިދާ ހިލާފަށް ބާތިލު ކޮށްފައި ވުމުން ބަދަލެއްގެ ގޮތުގައި އިތުރު 20،000 ޑޮލަރު ދެއްކުމަށް ވެސް ފީފާއިން ވަނީ އަންގާފަ އެވެ. އަދި ފީފާއަށް ސްވިސް ފްރޭންކން ދައްކަން ޖެހޭ 8000 އާއި ޖޫރިމަނާގެ ގޮތުގައި އިތުރު 5000 ފްރޭންކު ދެއްކުމަށްވެސް ސިޓީގައި ހިމެނެ އެވެ.

އެއީ ބައި މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެކެވެ. ޖުމުލަ 572191.91 ދިވެހި ރުފިޔާ އެވެ. އަންނަ މަހު ހަތަރެއްގެ ނިޔަލަށް ފައިސާ ނުދައްކައިފިނަމަ ޓްރާންސްފާގެ ބޭން އަދަބު ނިއު އާ ދެކޮޅަށް އަޅަން ފީފާއިން ވަނީ އަންގާފަ އެވެ. އަދި އެ އަދަބު އެފްއޭއެމުން ތަންފީޒު ނުކޮށްފިނަމަ އެފްއޭ އާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ފީފާއިން ބުނެފައި ވެއެވެ. އޭގެ ފަހުން ވެސް ފައިސާ ދައްކައިފި ނަމަވެސް ސަސްޕެންޝަން އުވިގެން ދާނެ ކަމަށް ފީފާއިން ވަނީ އަންގާފަ އެވެ.

މިދިޔަ އަހަރު ނިއު ރޭޑިއަންޓަށް ކުޅުނު އަފްޣާނިސްތާންގެ ޑިފެންޑަރު ޒޯހިބް އިސްލާމް ހާރޫން އަމީރީއަށް ދޭން ޖެހޭ މުސާރަ ނުދީ އޮތުމުން ވެސް ޓްރާންސްފާގެ ޕީރިއަޑްގައި ކުޅުންތެރިން ނުގެނެވޭ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ފީފާއިން ނިއު އަށް އެންގި އެވެ.

އަމީރީ ހުށަހެލީ މައްސަލަ ބެލުމަށް ފަހު ފީފާއިން ވަނީ އޭނާ އަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ، 13،250 ޑޮލަރާއި ގަވާއިދާ ހިލާފަށް އެއްބަސްވުން އުވާލުމުން، އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލުގައި އިތުރު 30،130 ޑޮލަރު ދިނުމަށް އަންގާފަ އެވެ.